އޯގާތެރިކަމާއި ހެޔޮ ބަސްތަކަކީ ބަލިމީހުންނަށް ދެވޭ ފަރުވާގެ ދެބައިކުޅަ އެއްބައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ މެއި މަހުގެ 8 ވަނަ ދުވަހު ފާހަގަކުރި ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. މި މެސެޖުގައި އެކަމަނާ ވަނީ ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކާ މެދު އޯގާތެރިވުމަށް މުޅި މުޖުތަމައަށް އިލްތިމާސްކުރައްވާފައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، އެންމެންގެ ފަރާތުން ލިބޭ އޯގާތެރިކަމާއި ބުނާ ހެޔޮބަސްތަކަކީ ބަލިމީހުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ލިބޭ ބޮޑު ހިތްވަރެކެވެ.
ތެލެސީމިއާ ކުދިންނާއި އެފަރާތްތަކުގެ އާއިލާތަކަށް ލުއިފަސޭހަކޮށްދިނުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން، ތެލެސީމިއާ ހުންނަ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ތަޞައްވުރާއެކު، ސަރުކާރުން ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޚިދުމަތްތައް ހުޅުމާލޭ އޮރެންޖު ހިޔާގައި ފަށާފައެވެ.
މީގެ އިތުރުން، ރާއްޖޭގައި ތެލެސީމިއާގެ އެކި ޓެސްޓްތައް ފަސޭހައިން ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ޑީއެންއޭ ލެބޯޓަރީއެއް ޤާއިމުކޮށް، މިހާރު ވަނީ އެތަނުން ޚިދުމަތް ދޭން ފަށާފައެވެ. މިއީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ތަހުލީލުތައް ރާއްޖެއިން ފަސޭހަކަމާއެކު ހޯދޭނެ މަގު ފަހިކުރުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ 8 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ތެލެސީމިއާ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ތެލެސީމިއާ ބައްޔާ މެދު މުޖުތަމައު ހޭލުންތެރިކުރުވުމާއި، އެ ބަލި ތަހައްމަލުކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން އިތުރުކުރުމެވެ.