ރާއްޖޭގައި އުފެދޭ ޕީއީޓީ ޕްލާސްޓިކް ކުނި ޕްރޮސެސްކޮށް، އަލުން ބޭނުންކުރެވޭ އަގުހުރި ރޯ މެޓީރިއަލްއަށް ބަދަލުކުރުމަށްޓަކައި ގާއިމުކުރާ ފުރަތަމަ ފެސިލިޓީގެ ބިންގާ ތިލަފުށީގައި އަޅައިފިއެވެ.
މި މުހިންމު މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތާއާ ބެހޭ ވަޒީރު ޢަލީ ޝަރީފްއެވެ. ތިލަފުށީގައި ބޭއްވުނު މި ރަސްމިއްޔާތުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް އެއިރޭޓަޑް ވޯޓަރ ކޮމްޕެނީ އަދި ދަ ކޯކާ-ކޯލާ ފައުންޑޭޝަންގެ މަންދޫބުންގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ކުނި މެނޭޖްކުރުމުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަކީ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މިކަމުގައި އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ފެސިލިޓީއަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން، ކުރިމަގުގައި މިފަދަ މަސައްކަތްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢަކީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އިން އިސްނަގައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މޯޕާއިން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ޕްލާސްޓިކް ރިސައިކަލްކުރުމުގެ މަސައްކަތް ކުރިއެރުވުމާއި، ޕްލާސްޓިކް ކުނި މެނޭޖްކުރުމުގައި އިޤްތިޞާދީ ގޮތުން ފައިދާހުރި އުސޫލެއް (circular economy) ޤާއިމުކުރުމެވެ.
މި މަރުކަޒު ހުޅުވިގެން ދިއުމާއެކު، ރާއްޖޭގައި އުފެދޭ ޕްލާސްޓިކް ކުނީގެ ބޮޑު ބައެއް ތިމާވެށްޓަށް ނުގެއްލުންވާނެހެން ނައްތާލައި، އެތަކެތިން އިޤްތިޞާދީ މަންފާ ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.