މާލެ، ދިވެހިރާއްޖެ - ތެލަސީމިއާ ކުދިންނަށް ދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މި ފެށޭ ޖޫން މަހުގެ ތެރޭގައި ދިވެހި ހެމަޓޮލޮޖިސްޓެއްގެ ބެލުމުގެ ދަށުން ތެލަސީމިއާ ސެންޓަރުގައި ޚިދުމަތް ދޭން ފެށޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވެއްޖެއެވެ.
އިބްރާހިމް އަބްދުއްރައްޒާޤް މިކަން ހާމަކުރެއްވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ތެލަސީމިއާ ދުވަހާ ގުޅުވައިގެން ދެއްވި މެސެޖެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، ދިވެހި ތަޖުރިބާކާރެއްގެ އިރުޝާދުގެ ދަށުން މި ޚިދުމަތް ފެށުމަކީ ތެލަސީމިއާ ސެންޓަރުން ދޭ ފަރުވާގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތެލަސީމިއާ ކުދިންގެ ދުޅަހެޔޮކަމަށް ޚާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ސީއީއޯ ވިދާޅުވީ، މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ތެލަސީމިއާ ސެންޓަރު ވަނީ "އޮރެންޖް ހިޔާ" އަށް ބަދަލުކޮށް، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފައެވެ.
މީގެ އިތުރުން، ސަރުކާރުން ވަނީ ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރެއް ތައާރަފްކޮށް، ރައީސްގެ ވައުދުފުޅާ އެއްގޮތަށް މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ތެލަސީމިއާ ކުދިންނަށް ޚާއްސަ އެލަވަންސެއްވެސް ދޭން ފަށާފައެވެ. އަދި ވޭތުވެދިޔަ 32 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް، ހުކުރު ދުވަސްދުވަހުވެސް ތެލަސީމިއާ ސެންޓަރު ހުޅުވައިގެން ޚިދުމަތް ދޭން ފަށާފައިވަނީ މި ސަރުކާރުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ފަރުވާގެ ކަންކަން އެއްވެސް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޖޫން މަހު ދިވެހި ހެމަޓޮލޮޖިސްޓެއްގެ ޚިދުމަތް ލިބެން ފެށުމަކީ މި ދާއިރާއިން ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނެއެވެ.