ދިވެހިރާއްޖޭގެ އިގުތިސާދީ ދުވެލި ހަލުވިކޮށް، އައްޑޫ ސިޓީއަކީ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ މައި ހަބަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބާއްވާ ޚާއްސަ ބިޒްނަސް ފޯރަމް މިމަހުގެ 13 އަދި 14 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.
"އައްޑޫ ބިޒްނަސް ޑައިލޮގް: ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކުރިމަގު ބައްޓަންކުރުމުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ފޯރަމަކީ، އައްޑޫ ސިޓީގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި، ވިޔަފާރިވެރިންނަށް ލިބޭނެ އިނާޔަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބާއްވާ ހަރަކާތެކެވެ. މީގެ އިތުރުން، ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ މައުލޫމާތު ހިއްސާކުރުންވެސް މި ފޯރަމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ފޯރަމާ ގުޅޭގޮތުން އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިއީ އެކި ސިނާއަތްތަކުގެ ހިއްސާދާރުންނާ އެއް އަމާޒަކަށް ބައްދަލުކޮށް، ވިޔަފާރިތަކަށް ހުރި ލުއިފަސޭހަތަކާ ބެހޭގޮތުން މައުލޫމާތުދީ، އަމަލީ މައިދާނުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ހުޅުވާލެވޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.
"އެކަން ފެށުމަށް މި މޭ މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު އައްޑޫގެ ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ފޯރަމެއް ބާއްވަން ނިންމާފައިވަނީ. އަދި ޖުމްލަކޮށް ހުރިހާ ވިޔަފާރިވެރިންނަށް ބައިވެރިވެވޭގޮތަށް އައްޑޫގައި މި ފޯރަމް ކުރިއަށްގެންދަން ގަސްދުކުރަނީ. ހުރިހާ ބޭފުޅުންނަށް ވެސް ދައުވަތު އަރުވަން،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ފަދައިން، ސަރުކާރުގެ އަމާޒަކީ އައްޑޫ ސިޓީއަކީ ރާއްޖޭގެ އައިޓީ ހަބަކަށް ހަދައި، އިގުތިސާދީ ގޮތުން ބާރުވެރި ތަނަކަށް އެ ސިޓީ ބަދަލުކުރުމެވެ. މި ފޯރަމަކީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.
މި ފޯރަމްގެ ސަބަބުން އައްޑޫގެ އިގުތިސާދީ ހަރަކާތްތައް އިތުރަށް ހަލުވިވެ، އަމިއްލަ ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.