ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބީއެމްއެލްއަކީ އިތުބާރު ހިފޭ ބައިވެރިއެއް: އަފީފް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބީއެމްއެލްއަކީ އިތުބާރު ހިފޭ ބައިވެރިއެއް: އަފީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިތުބާރު ހިފޭ މުހިންމު ބައިވެރިއެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަން ހުސައިން އަފީފް ވިދާޅުވެއްޖެއެވެ. އަފީފް މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭންކުން ދެމުންދާ އެއްބާރުލުން ފާހަގަކުރައްވަމުންނެވެ.

މަޓީގެ ޗެއާމަން ހުސައިން އަފީފް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަލުވިކަމާއެކު ކުރިއަރަމުންދާއިރު، ރިސޯޓުތައް ތަރައްޤީ ކުރުމަށާއި، އައު އުފެއްދުންތައް ތައާރަފްކުރުމުގެ އިތުރުން އޮޕަރޭޝަނަލް ރެޒިލިއަންސް ނުވަތަ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމުގެ ޤާބިލުކަން އިތުރުކުރުމަށް މާލީ އެހީތެރިކަމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެގޮތުން ބީއެމްއެލްއިން ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއާއެކު ބީއެމްއެލްއިން ޒަމާނުއްސުރެ ބާއްވަމުން އަންނަ ގާތް ގުޅުމަކީ މި ސިނާއަތް ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމަށް އަފީފް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމުގައި ބޭންކުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ބޭންކުގެ ދައުރާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ، "ބޭންކް އޮފް މޯލްޑިވްސްއަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވަރަށް މުހިންމު، އިސް ބައިވެރިއެއް. އެ ބޭންކުން ދޫކުރާ ފައިނޭންސިންގެ އެހީގައި މި ސިނާއަތް ފުޅާކުރުމަށާއި، އައު ޚިދުމަތްތައް ތައާރަފްކުރުމަށާއި، އަދި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވަނީ މަގުފަހިވެފައި،" ކަމަށެވެ.

މީގެއިތުރުން، ފައިނޭންސިންގ ހޯދުމަށް އައު މަގުތައް ހޯދުމަށް ބޭންކުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ޤާބިލުކަން އިތުރުވެ، ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް މުހިންމު ހިއްސާއެއް ލިބިގެންދާނެ ކަމަށްވެސް އަފީފް ވިދާޅުވިއެވެ.

މަޓީގެ ޗެއާމަން މިފަދައިން ވިދާޅުވެފައި މިވަނީ ބީއެމްއެލްގެ ފަންޑިން ބޭސް ފުޅާ ކުރުމަށް ބައިނަލްއަގުވާމީ އިންވެސްޓަރުންނާއި މަޝްވަރާ ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

މިއަދު އޮންލައިން