ކައިވެނިކުރިތާ 3 އަހަރުވެސް ނުވަނީސް ފިރިމީހާގެ ވަޒީފާ ގެއްލިއްޖެއެވެ. ބުނީ މުވައްޒިފުން މަދުކުރީ ކަމަށެވެ. ޝަކުވާއެއް ނުކުރަމެވެ. އަޅުގަނޑަށް ލިބޭ މުސާރައިން ފުއްދާލައިގެން އުޅުނީއެވެ. ފިރިމީހާއަށް ވަޒިފާއެއް ނުލިބި ލަސްވާން ފެށުމުން އެކުވެރިއެއްގެ އެހީތެރިކަމަށް އެދުމުން ވަޒީފާއެއް ހޯދައިދިނެވެ.
އެވަޒީފާގައި 3 މަސްވެސް ނުވަނީސް އެއްރޭ ގެއަށް އައިގޮތަށް ފުރަތަމަވެސް ބުނީ ދަރިފުޅު ގޮވައިގެން އެނބުރި ގެއަށް ދިއުމަށެވެ. ބިސްނައިލީމެވެ. ބަނޑުގައި އޮތް ދަރުފުޅާއިއެކު 2 ދަރިން ގޮވައިގެން މަންމަމެންގެ ގާތަށް ދާންޖެހުނީތީއެވެ. ވަރަށް ދެރަވިއެވެ. އެހާރަނގަޅަށް ކަންކަން ކުރުމުންވެސް އެއްވެސް ރަޙުމެއް ނުކުރީތީއެވެ. ލޮލުން ކަރުނަ އޮހޮރުނެވެ. ނަމަވެސް ފުހެލާފައި ހިތްވަރުކުރީމެވެ. އިތުރު އެއްވެސް ބަހެއް ނުބުނެ ފޮށި ތައްޔާރުކޮށްލައިގެން ގެއިން ނުކުތީމެވެ.
ޓެކްސީއަކަށް އަތްނަގަމުން ދަނިކޮށް ކާރެއް މަޑުކޮށްލާފައި ފަހަތު ދޮރުހުޅުވުމުން އެރީމެވެ. ޓެކްސީއެއްތޯ ސުވާލެއްވެސް ނުކުރެވުނެވެ. ކަންބޮޑުވެފައި އިންވަރުން ދާންވީ ތަނެއްވެސް ނުބުނެވި އިންދައި ގޮސް މަޑުކޮސްލީ ގެއަށެވެ. ހޭވެރިކަންވީ އެހިސާބުންނެވެ. ނުބުނެ އިންދައި ގެއަށް މަޑުކުރުމުންނެވެ. ވާހަކަދެއްކީ އޭނާއެވެ. "ހުރީ ގެއަށް އަންނަން ބޭނުންވެގެން ކަމަށް ވިސްނިގެން މިގެނައީ ގެއަށެވެ. އަނެއްކާ ބޭނުންވެގެންހުރީ ފުރަން އެއާޕޯތަށްދާންތޯ؟" ސުވާލުކުރީމާ ދިއައީ ސިއްސައިގެންނެވެ.
އެއީ އެކުގައި ކިޔެވި ކުއްޖެކެވެ. މިހާރު ތަނަވަސް ޒުވާނެކެވެ. ވަޤުތު އޮތްނަމަ ކުޑަ ބުރެއް ޖަހައިލުމަށް ބުނުމުން ކާރު ދުއްވައިލުމުން ދިމާވިގޮތް ކިޔައިދިނީމެވެ. އޭނާ ބުނީ އެމީހަކަށް ދުނިޔޭގައި ދިމާވާންހުރި ހުރިހާ ކަމެއްވެސް ދިމާވާނެ ކަމަށެވެ. ހިތްވަރުކުރުމަށެވެ. ފައިސާގެ ގޮތުން އެއްވެސް ކަމަކަށް ބޭނުންވާނަމަ މެސެޖްކޮށްލުމަށެވެ.
އެހިސާބުން ހިތްވަރުކޮށްފައި ގޭގައި އުޅެންފެށީމެވެ. ޒުވާނާއަށް ގުޅަމެވެ. ވާހަކަދައްކަމެވެ. އެކަމަކު ކަމަކު ނުއެދެމެވެ. އޭނާއާއިމެދު ވިސްނުނީ ވަރަށް ތަފާތު ގޮތަކަށެވެ. "އެންމެ ބޮޑު ނުތަނަވަސްކަމެއް ލިބުނު ވަޤުތު އޭނާއާއި ބައްދަލުވީ ކީއްވެގެން ހެއްޔެވެ؟ މިކަމުގައި ފޮރުވިގެންވާ ޙިކުމަތެއް އޮންނާނެއެވެ. އެހެންކަމާއިއެކުވެސް ޢަބުރު ހިފަހައްޓާނަމެވެ."
ބަލޮިވެ އިނުމުގެ ސަބަބުން ވަރަށް ބަލިވެ އުޅެންވެސް ޖެހުނެވެ. އޭނާ އަހުރެންގެ ޙާލު ބެލިއެވެ. ލިބޭ މުސާރައިން ނުފުދޭނެތީ އެކަމަށް ވިސްނައި އެހީތެރިވެސްވިއެވެ. އެދިގެނެއް ނޫނެވެ. ވިހައި ގަދަވިތަނުން އެއް ރޭ ގެއަށް އައިސް ބުނީ ސްކޫލުގައި އުޅުނުއިރުވެސް ވަރަށް ލޯބިވާ ކަމަށެވެ. އަދި މިހާރުވެސް ލޯބިވާ ކަމަށެވެ. ދެދަރިންނާއިއެކުގައިވެސް ލޯބިވާކަމަށެވެ. ރުހޭނަމަ ކައިވެނިކުރަން ތައްޔާރަށް ހުރި ކަމަށެވެ.
އޭނާގެ ފުރަތަމަ ކައިވެނި ރޫޅިފައިވުމުން އިތުރަކަށް ނުވެސްވިސްނަމެވެ. އެއްވެސް ޝަރުޠެއްވެސް ނުކުރަމެވެ. ވަޤުތުން ރުހުނީމެވެ. އެއިރު އޭނާ ދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވެވެއެވެ. ވިސްނުނީ ލޯބިވެގެން ކުރި ކައިވެނިން ލިބުނު ބޮޑު ދެރައަށެވެ.
ދަރިންގެ ބައްޕައާއި ބައްދަލުވީ ދެވަނަ ކައިވެންޏަށް 4 އަހަރު ދަރިން ދެކެންބޭނުންވެގެން ކަމަށްބުނެ ހޯދަން ގެއަށް އައުމުންނެވެ. ވާހަކަ ދެއްކީ ފިރިމީހާއެވެ. "ދަރިން ދެކެން ދުވާލު އަންނާށެވެ. ނިދަން ތިބި ކުދިން ހޭލައްވައިގެނެއް ނުގެނެވޭނެއެވެ." އެހިސާބުން އަޅުގަނޑު ބުނީމެވެ. "ލޯބިވެގެން ކައިވެނިކުރި ރަނގަޅު އަނބިމީހާ އެކައުންޓް ކަހާލައިގެން ފިލީމާ އަންނަންވީ މިގެއަކަށް ނޫނެވެ. ފައިސާކޮޅެއް ލިބުނަސް ލިބޭނީ ހުޅުމާލެއަށް ދިއައިމަ ނޫންހެއްޔެވެ؟" އެއިގެ ފަހުން 5 އަހަރުވީއެވެ. ދަރިން ދެކޭކަށް ނައުދެއެވެ.
އަޅުގަނޑު ބުނެލަން ބޭނުންވަނީ ކުށެއް ނެތި ރަނގަޅު ގޮތުގަ ހުއްޓައި އެކަނިވެރިކޮށްލިޔަސް ދެރަނުވާށެވެ! ތިމާ ހުރީ ﷲ ގެ ރުހިވޮޑިގަތުން ލިބުން ޙައްޤު ގޮތުގައި ކަމަށްވާނަމަ ބަދަލުގައި ދެއްވަވާނެ އުފާވެރިކަން މާބޮޑުވާނެއެވެ. އެންމެންނަށް ވަޤުތުން ނުދެއްވެވިނަމަވެސް އިމްތިޙާނަށްފަހު ދެއްވަވާނެއެވެ. ޔަޤީންކޮށް ހިތްހަމަޖެހުން ލިބިގަންނަންވީ އެކަމުންނެވެ.
- ޝިޒްލީން / މިއަދުނޫހުގެ ކިޔުންތެރިއެއް