ވިހެއުމުން އަނބިމީހާއާއި ދުރުހެލިވެވޭކަން ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ތުއްތު ދަރިފުޅުގެ ގާތުގައި ވަޤުތު ހޭދަނުކުރެވޭނަމަ މައްސަލަ އިތުރަށް ބޮޑުވެގެންދެއެވެ. އެހާ ތުއްތުކުއްޖެއްގެ ގައިގައި އަތްލަން އެނގޭނީ އަނބިމީހާއަށް ނުވަތަ ކުއްޖާގެ މާމައަށް ކަމަށް ވިސްނޭ ބައަކުވެސް އުޅެއެވެ.
ހަމައެއާއެކު މިހާރަކަށް އައިސް އެވިސްނުމާއި ޚިލާފަށް ޢަމަލުކުރާ ބައްޕައިން (ފިރިން) ވެސް އަންނަނީ އިތުރުވަމުންކަންވެސް ފާހަގަކުރެވެއެވެ. މަސައްަކތް މިކުރަނީ އެންމެ ރަނގަޅު ގޮތް ހުރިހާ ބައްޕައިންނަށްވެސް ވިސްނައިދިނުމަށެވެ.
އަހަރެމެންގެ ތެރޭގައި އަބަދުހެން ދެކެވެނީ ވިހެއުމުން އަނބިމީހާގެ ކަންކަމަށް ބަދަލުއަންނަ ވާހަކަތަކެވެ. ޞިއްޙަތު ދެރަވާ ވާހަކައެވެ. ސިފައަށް ބަދަލުތައް އަންނަ ވާހަކައެވެ. އެހެންކަމާއިއެކުގައިވެސް މައްސަލައިގެ ސަބަބުތަކަށް ސަމާލުކަން ދެވޭ ހެއްޔެވެ؟
ވިހެއުމުން މަސް ދުވަސް (ވިހާތާ 1 މަސް) ވަންދެން އަނބިންނަށް އެހީތެރިވާން ގޭގައި ފިރިން ތިބޭނަމަ އަނބިންގެ ޞިއްހަތު ރަނގަޅުވާ ކަމަށް ދިރާސާތަކުން އަންނަނީ އެނގެމުންނެވެ. މިހެން ބުނުމުން އެއިގެ މާނައަކީ ޗުއްޓީ ނުލިބޭނަމަ މަސައްކަތް ނުކޮށް ވަޒީފާއިން ވަކިވުމެއް ނޫނެވެ. ވެވުނުހައި ގިނަ ވަޤުތު އަނބިމީހާއާއިއެކުގައި ހޭދަކުރުމެވެ. އެވަޤުތުތަކުގައި އަނބިމީހާއަށް އެހީތެރިވުމެވެ. ދަރިފުޅުގެގައިގައި ބީހި، އުރައި ގެންގުޅުމެވެ.
މީގެ 3 އަހަރުކުރިން ސްވިޑްންގައި ޢާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ ވިހެއުމަށްފަހު މައިންނަށް އަރާމުކުރާނެ ވަގުތު ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ފިރިންގެ އެހީތެރިކަން ލިބިގެން ނޫނީ މައިންނަށް އަރާމު ނުކުރެވޭނެ ކަމަށެވެ.
މި ދިރާސާ އާއި ގުޅިގެން ޑރ. މެތިޔު ވިދާޅުވެފައިވަނީ ކުއްޖާގެ އެންމެ ޅަފަތުގައި މައިންގެ ގައިގެ ހޫނުގެ އިތުރުން ބައްޕަގެ ގައިގެ ހޫނުވެސް ވަރަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން ވީހައި ގިނަ ވަގުތު ދެމަފިރިންގެ ހޫނު ދަރިފުޅަށް ލިބޭނެ ގޮތަށް މެދުގައި ދަރިފުޅު ބާއްވައިގެން ވަގުތު ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ނިކަން ބުނެބަލާށެވެ! މިފަދަ ވާހަކަތައް ދެކެވޭތޯއެވެ؟ ނުދެކެވޭނަމަ އަވަހަށް ދައްކަން ފަށަމާ ހިނގާށެވެ! ޢަމަލުކުރަންވެސް ފަށަމާ ހިނގާށެވެ! ދަރިފުޅު އުފަންވާއިރަށް ތައްޔާރުވާން އެންމެ ފުރަތަމަ ކުރަންއޮތް ކަމަކީ މިރިޕޯޓުގައިވާ ކަންކަމަށް ޢަމަލުކުރުން ނޫންހެއްޔެވެ؟
- މިއަދުނޫސް