ކުރީގެ މެންބަރު މުޙައްމަދު ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކުރީގެ މެންބަރު މުޙައްމަދު ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ


ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ މުޙައްމަދު ރާމިޒް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މުޙައްމަދު ރާމިޒް (ގ. ލިފަދޫ) އަވަހާރަވީ އުމުރުފުޅުން 74 އަހަރުގައެވެ. ރާމިޒަކީ ދިގު މުއްދަތަކަށް ދައުލަތަށާއި ރައްޔިތުންނަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، މުޙައްމަދު ރާމިޒަކީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ޤައުމަށް ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހިތާމަވެރި ވަގުތު މަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން، ތަޢުޒިޔާ ފޮނުއްވާފައެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް މުޙައްމަދު ރާމިޒް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ދުޢާކުރައްވާފައެވެ.

މުޙައްމަދު ރާމިޒަކީ ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ޢާންމު ވިޔަފާރިތަކުގައާއި ސިޔާސީ މައިދާނުގައި ކުރެއްވި ބޭފުޅެކެވެ. އޭނާ އަވަހާރަވުމަކީ ޤައުމަށް ލިބުނު ބޮޑު ހިތާމައެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

މިއަދު އޮންލައިން