ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތްދޭ ތަންތަން ބަންދުކުރުމަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން، އެފަދަ ތަނެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާ ގޮތުގައި، ކްރިމިނަލް ކޯޓުން މި ތާރީޚީ އަމުރު ނެރެފައިވަނީ ކ. މާލެ، ހ. ގުންޒަރު ބަންދުކުރުމަށެވެ. ކޯޓުން އަމުރުކޮށްފައިވަނީ މި ހިނގާ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށް އެތަން ބަންދުކުރުމަށެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރި އާއި ބޭނުންކުރުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ދީ، އެގޮތަށް ބަންދުކުރެވޭ ތަންތަން ގިނަވެގެން ތިން މަސް ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު އިސްލާޙުކޮށް އަމަލުކުރަން ފަށާފައިވަނީ 2024 މާރިޗު 7 ގައެވެ.
ޤާނޫނުގައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ 5 އަހަރުގެ ޖަލު ހުކުމަކާއި، ގިނަވެގެން 100,000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައެޅިފައިވާ ކުށެކެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަނެއްކަން އެނގޭ ހާލު އެކަން ހުއްދަކުރުން ނުވަތަ އެކަން ހިނގިޔަ ދިނުމަކީ އެ ތަނުގެ ވެރިފަރާތް، ކުއްޔަށް ހިފައިގެން އުޅޭ ފަރާތް ނުވަތަ އެތަނާ ހަވާލުވެ ހުރި ފަރާތް ކުށްވެރިވާނެ ކަމެއް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެފަދަ ފަރާތްތަކަށް ވެސް ޤާނޫނުގައި ވަނީ ހަރުކަށި އަދަބުތައް ކަނޑައަޅާފައެވެ.
ފުލުހުން ވިދާޅުވީ، މާލެތެރޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތްދޭ ތަންތަން ބަންދުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ. ކޯޓުން މި ނެރުނު އަމުރަކީ މިފަދަ ނުބައި އަމަލުތައް ހުއްޓުވުމަށް ޤާނޫނީ ގޮތުން ލިބުނު ބާރުގަދަ ހަތިޔާރެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ.