އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން މެދުކަނޑާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން މެދުކަނޑާލައިފި

މޯލްޑިވްސް އިމިގްރޭޝަނުން ދޫކުރަމުންދާ އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ބަދަލު ގެންނަން ޖެހުނީ ޕާސްޕޯޓު ޕްރިންޓް ކުރުމަށް ބޭނުންކުރާ ބުކްލެޓް ރާއްޖެއަށް ގެނައުމުގައި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދިވެހި "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ޕްރިންޓް ކުރުމަށް ބޭނުންކުރާ ޕާސްޕޯޓު ބުކްލެޓްގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވެފައިވާ ކަމަށެވެ. އެހެންކަމުން، ސްޓޮކް މެނޭޖްކުރުމުގެ ބޭނުމަށް މާދަމާއިން ފެށިގެން ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކަށް ދޫކުރާނީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ، 5 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. އަގުގެ ގޮތުން ބަލާއިރު، އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 1,000 ރުފިޔާ ކަމަށްވީ ނަމަވެސް، މިހާރު ދޫކުރަން ނިންމާފައިވާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަށް ނަގާނީ 600 ރުފިޔާއެވެ.

އިމިގްރޭޝަނުން އިތުރަށް ވިދާޅުވީ، މިފަދަ ހާލަތްތަކުގައި މީގެކުރިން އަމަލުކުރާ ގޮތާ ހިލާފަށް، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރާ ފަރާތްތަކުން އޭގެ މުއްދަތު ހަމަވުމުގެ ކުރިން އިލެކްޓްރޯނިކް ޕާސްޕޯޓަކަށް ބަދަލުކުރަން ބޭނުންވެއްޖެ ހިނދެއްގައި، "ކެންސަލޭޝަން ފީ" އެއް ނެގުމަކާ ނުލައި އެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.

މި ބަދަލުގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން ވަނީ މައާފަށް އެދިފައެވެ.

މިއަދު އޮންލައިން