6 ރަށެއްގައި ޤައުމީ ކުތުބުޚާނާގެ ގޮފިތަކެއް ޤާއިމްކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
6 ރަށެއްގައި ޤައުމީ ކުތުބުޚާނާގެ ގޮފިތަކެއް ޤާއިމްކުރަނީ

ޤައުމީ ކުތުބުޚާނާގެ ގޮފިތަކެއް އަތޮޅުތަކުގައި ޤާއިމްކުރުމުގެ މަޝްރޫޢުގެ ތެރެއިން ރާއްޖޭގެ 6 ރަށެއްގައި ކުތުބުޚާނާ ޤާއިމްކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ޤައުމީ ކުތުބުޚާނާއިން އެންމެ އިސްކަމެއްދީގެން މިހާރު ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫޢަކީ، ސިޓީތަކުގައި ޒަމާނީ ލައިބްރަރީތަކެއް ޤާއިމްކޮށް، އުނގެނުމާއި ދިރާސާކުރުމުގެ ޝައުގުވެރިކަން ޒުވާން ޖީލުތަކުގައި އަށަގެންނެވުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް އިމާރާތުގެ މަސައްކަތް އަވަހަށް ކުރިއަށްގެންދެވޭނެ 6 ރަށެއް ފާހަގަކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ރަށްތަކަކީ: ހއ. އިހަވަންދޫ، ހއ. ކެލާ، ނ. ކެނދުކުޅުދޫ، އދ. މަންދޫ، ދ. މީދޫ އަދި ތ. ބުރުނި އެވެ. މިއަހަރުގެ ތެރޭގައި މި ރަށްރަށުގައި ލައިބްރަރީ ޤާއިމްކުރެވޭނެ ތަންތަން ބަލަމުންދާކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ސިޓީތަކުގައި ޒަމާނީ ލައިބްރަރީތައް ޤާއިމްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ޤައުމީ ކުތުބުޚާނާގެ ގޮތްޕެއް އިމާރާތްކުރުމަށްޓަކައި ބިންގާ އެޅި، އެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢަކީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، ޚާއްޞަކޮށް ކިޔަވާ ކުދިންނާއި ޒުވާނުންނަށް ފަސޭހަކަމާއެކު ފޮތްކިޔުމާއި ދިރާސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން