ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބައޯމެޓްރިކްސް ނަގާ ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ރާއްޖޭގައި ގަވާއިދާ އެއްގޮތަށް މަސައްކަތްކުރާ ބިދޭސީންގެ ދަފްތަރު ފުރިހަމަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުންނެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ޤާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ މިހާރު ނަގާ ނިމިފައިވާ ކަމަށެވެ.
މި މަސައްކަތުގައި ހޯދިފައިވާ ބޮޑު ކުރިއެރުން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު 17 ނޮވެމްބަރު 2023 ގައި މި އަދަދު ހުރީ އެންމެ 13 އިންސައްތައިގައި ކަމަށެވެ. މިއީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދޭ އިސްކަން ހާމަވާ ކަމެއްގެ ގޮތުގައި ބެލެވެއެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ރޭވިފައެވެ. އެގޮތުން "ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ މަސައްކަތްތައް" ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ބޮޑުވެފައިވާ އިޖުތިމާއީ އަދި އިޤްތިޞާދީ މައްސަލައަކަށް ވާއިރު، ސަރުކާރުން ދަނީ ބިދޭސީންގެ ދަފްތަރު ހަރުދަނާކޮށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަންތައް މުޅި ރާއްޖޭގައި ވަރުގަދަކުރަމުންނެވެ.