ބީއެމްއެލްގެ ރޯޑްޝޯއަކީ ދައުލަތުން ދަރަންޏަށް ފައިސާ ހޯދަން ހިންގާ ހަރަކާތެއް ނޫން: ވަޒީރު މޫސާ ޒަމީރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 12ސ
ބީއެމްއެލްގެ ރޯޑްޝޯއަކީ ދައުލަތުން ދަރަންޏަށް ފައިސާ ހޯދަން ހިންގާ ހަރަކާތެއް ނޫން: ވަޒީރު މޫސާ ޒަމީރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިނަލްއަޤުވާމީ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ބޭއްވި "ނޮން-ޑީލް ރޯޑްޝޯ" ބައްދަލުވުންތަކަކީ، ދައުލަތުން ދަރަންޏަށް ފައިސާ ހޯދަން ހިންގާ ހަރަކާތެއް ނޫން ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ބީއެމްއެލްގެ މި ހަރަކާތަކީ ދައުލަތުން ދަރަންޏަށް ފައިސާ ހޯދުމުގެ ނިޔަތުގައި ކުރިއަށްގެންދާ ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

މިދިޔަ މަހުގެ 29 އިން މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ރޯޑްޝޯއަކީ ބައިނަލްއަޤުވާމީ މާލީ މަރުކަޒުތައް ކަމަށްވާ ސިންގަޕޫރު، ހޮންކޮންގް އަދި ލަންޑަނުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ސިލްސިލާކޮށް ބޭއްވި ހަރަކާތެކެވެ. މިއީ ބައިނަލްއަޤުވާމީ ފަންޑުތަކުން ބޭންކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް ކުރަމުންދާ އިސްތިރާޖީ މަސައްކަތްތަކުގެ ތެރެއިން ހިންގި މުހިންމު ހަރަކާތެއް ކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.

ބޭންކުން ބުނި ގޮތުގައި މި ހަރަކާތުގެ ތެރެއިން ހޯދުމަށް ކަނޑައެޅި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދޭ އެހީތެރިކަން އިތުރަށް ވަރުގަދަ ކުރުމަށެވެ. މިއީ ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް، ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅުނު ފިޔަވަޅެކެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ބީއެމްއެލްގެ މި ރޯޑްޝޯއަކީ އެ ބޭންކުގެ ކުރިއެރުން ދެމެހެއްޓުމަށާއި، ރާއްޖޭގެ އިޤްތިސާދީ ތަރައްޤީގެ ކުރިއަށް އޮތް މަރުހަލާގައި ވިޔަފާރިތަކަށާއި އެކި އިންޑަސްޓްރީތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކުން އަދާކުރާ ދައުރު ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

ވަޒީރު ވަނީ މިއީ ދައުލަތުގެ ދަރަންޏާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫންކަން ތަކުރާރުކުރައްވާފައެވެ. "މިއީ ބޭންކަކީ ރާއްޖޭގެ އިޤްތިސާދަށް ނުހަނު މުހިންމު އަދި ހަރުދަނާ މުއައްސަސާއެއް ކަމަށްވާތީ ސަރުކާރުގެ ފުރިހަމަ އިތުބާރާއެކު، އެ ބޭންކުގެ ރައުސްމާލު އިތުރު ކުރުމަށް އެ ބޭންކުން ކުރާ މަސައްކަތެއް،" ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުންތަކުގެ ސަބަބުން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ މެދުގައި ރާއްޖޭގެ އެންމެ ބޮޑު ބޭންކަށް އޮތް އިތުބާރު ބޮޑުވެ، ކުރިއަށް އޮތް ތަނުގައި ބޭންކުގެ ވިޔަފާރި ފުޅާކުރުމަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން