ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން ހާސިލްކުރެއްވީ މީގެ ކުރީގެ ސަރުކާރުތަކަށް ހާސިލު ކުރެވިފައިނުވާ ފަދަ ބޮޑު ކާމިޔާބީއެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" އަށް ލިބެމުންދާ ކުރިއެރުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މަޢުލޫމާތުތަކަށް އިޝާރާތް ކުރައްވަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި ގޮތުގައި، ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕާމިޓްތަކުގައި މިވަގުތު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން %98 މީހުންގެ ބަޔޯމެޓްރިކްސް މިހާރު ވަނީ ނިމިފައެވެ. މީގެ ތެރޭގައި 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގައި، އެ މީހުންނަކީ ކާކުކަން ދެނެގަނެވޭނެ ނިޒާމެއް ވަނީ ގާއިމުކުރެވިފައެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު، މި ސަރުކާރު ހަވާލުވިއިރު 17 ނޮވެމްބަރު 2023 ގައި މި އަދަދު ހުރީ އެންމެ %13 ގައެވެ. އެހެންކަމުން ކުރު މުއްދަތެއްގެ ތެރޭގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގައި ބޮޑު ކުރިއެރުމެއް ހޯދިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ ބާކީ ތިބި ގަވާއިދާ ޚިލާފު މީހުން ހޯދައި، އެ މީހުން ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުން ކަމަށެވެ.
ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އެ ވުޒާރާއާއި ކަމާގުޅުންހުރި އިދާރާތަކާ ހަވާލުކުރެއްވި މި މުހިންމު މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި މުވައްޒަފުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި މި އޮޕަރޭޝަންގެ ކާމިޔާބީއަށްޓަކައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑު އިޖުތިމާޢީ އަދި އިޤްތިޞާދީ މައްސަލައަކަށް ވާއިރު، މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު ބިދޭސީންގެ މައްސަލައަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.