ދައުލަތުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުން ބޭރު ޤައުމުތަކާއެކު އޮންނަ ގުޅުންތަކުގެ ވާހަކަދައްކާއިރު ޙިކުމަތްތެރިކަން އިސްކުރެއްވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން އިލްތިމާސްކުރައްވައިފިއެވެ. އެ ވުޒާރާއިން މިކަމަށް އެދިވަޑައިގަތީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ބައިނަލްއަޤުވާމީ ގުޅުންތަކާ ގުޅޭގޮތުން ނެރުއްވި ބަޔާނެއްގައެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތު ރައްކާތެރިކުރުމާއި، ޤައުމީ މަސްލަހަތު އިސްކުރުމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ މައްޗަށް ބިނާވެފައިވާ "މޯލްޑިވްސް ފަސްޓް" ސިޔާސަތަކީ ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ކަމަށެވެ. މި ސިޔާސަތަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޙުތިރާމްކުރާ، ޒިންމާދާރު އަދި މިނިވަން ސިޔާސަތެއްކަމަށާއި، މީގެ ސަބަބުން ދޭދޭ ޤައުމުތަކާއި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު ބިނާކުރަނިވި ގުޅުމެއް ބޭއްވުމަށް ސަރުކާރުން ދޭ އަހަންމިއްޔަތު ހާމަވާކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށް ކުރިއަށް ގެންދަނީ ޤައުމީ މަސްލަހަތުގެ މައްޗަށް ބިނާވެފައިވާ، ކަނޑައެޅިފައިވާ ނިޒާމުތަކުގެ ތެރެއިންކަން ފާހަގަކުރައްވައި ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ ތަރައްޤީގެ ބައިވެރިންނާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށާއި، އެކަކު އަނެކަކަށް ކުރާ އިޙުތިރާމާއި ދެފަރާތުގެ މަސްލަހަތުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް ހުރިހާ ޤައުމުތަކާއެކު ބޭއްވުމަށް ރާއްޖޭން އިސްކަންދޭ ކަމަށެވެ. އަދި ސަރަޙައްދީ ޞުލްޙަ މަސަލަސްކަމާއި، ކަނޑުގެ ސަލާމަތާއި، ދެމެހެއްޓެނިވި ތަރައްޤީ ފަދަ ކަންކަމުގައި، ޤައުމުތަކާއި ޖަމްޢިއްޔާތަކާއެކު އޮންނަ އެއްބާރުލުން ހަމަހަމަ އަދި ބިނާކުރަނިވި ގޮތެއްގައި ވަރުގަދަކުރުމަށް ސަރުކާރުން ދެމިއޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ފާޅުކުރައްވާ ޚިޔާލުތަކަކީ އޭގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަންކަން ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ. އެހެންކަމުން، މިފަދަ ވާހަކަތަކަކީ "ޙަޤީޤަތުގެ މައްޗަށް ބިނާވެފައިވާ، ޤައުމީ އެއްބައިވަންތަކަމަށާއި ރާއްޖޭގެ މުވައްސަސާތަކަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ބާރުއަޅާ ވާހަކަތަކަކަށް ވާންޖެހޭ" ކަމަށް އެ ވުޒާރާގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
ނިންމާލަމުން ޚާރިޖީ ވުޒާރާއިން ވަނީ ޤައުމީ މަސްލަހަތާއި ބޭރު ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް އަސަރުކުރާ ފަދަ ކަންކަމުގައި ވާހަކަދައްކާއިރު، ނުހަނު ބޮޑަށް ސަމާލުވެ، ޙިކުމަތްތެރިކަން އިސްކުރުމަށް ދައުލަތުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުންނަށް އިލްތިމާސްކުރައްވާފައެވެ.