އެމްއެންޑީއެފް ސަރވިސް ކޯރގެ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ރައީސް ހުޅުއްވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
އެމްއެންޑީއެފް ސަރވިސް ކޯރގެ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ރައީސް ހުޅުއްވައިދެއްވައިފި

އެމްއެންޑީއެފް ސަރވިސް ކޯރގެ، ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ހުޅުއްވައިދެއްވައިފިއެވެ. މި ސްކޫލް ހުޅުއްވައިދެއްވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ މި ސްކޫލަކީ ދިވެހި ސިފައިންގެ ފަންނީ ހުނަރާއި ޢިލްމީ ޤާބިލުކަން ކުރިއެރުވުމަށް އެޅުނު މުހިންމު ތާރީޚީ ބިންގަލެއް ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިއީ ފަންނީ ހުނަރާއި ޤާބިލުކަން ލިބިފައިވާ ސިފައިން ތަމްރީނުކުރުމަށްޓަކައި ރާއްޖޭގައި ޤާއިމުކުރެވުނު މިފަދަ ފުރަތަމަ ތަމްރީނު ސްކޫލެވެ.

ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި ސްކޫލުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު ފެއްޓެވި ޤައުމީ މަޝްރޫޢު ކަމުގައިވާ "ދިވެހި ވަޠަނީ ޚިދުމަތް"ގެ ފަންނީ ތަމްރީނުތައް ކުރިއަށް ގެންދިއުމެވެ.

މިހާރުވެސް ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ 65 ދަރިވަރުން މި ސްކޫލުގައި ތަމްރީނު ފުރިހަމަކުރަމުންދާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ. އޭގެ ތެރޭގައި 16 އަހަރާއި 19 އަހަރާ ދެމެދުގެ 49 ފިރިހެން ކުދިންނާއި 16 އަންހެން ކުދިން ހިމެނެއެވެ.

މިއަދު އޮންލައިން