އިންޑިއާ ކަނޑުގެ އެންމެ މުހިންމު ކަނޑުއޮޅިތަކުގެ ކޮންޓްރޯލް އޮތީ ރާއްޖެއަށް: މޭޖަރ ޖެނެރަލް ހިލްމީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ
އިންޑިއާ ކަނޑުގެ އެންމެ މުހިންމު ކަނޑުއޮޅިތަކުގެ ކޮންޓްރޯލް އޮތީ ރާއްޖެއަށް: މޭޖަރ ޖެނެރަލް ހިލްމީ

އިންޑިއާ ކަނޑުގެ އެންމެ މުހިންމު ކަނޑުއޮޅިތަކުގެ ކޮންޓްރޯލް އޮތީ ދިވެހިރާއްޖެއަށް ކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދިފާއުކުރުމަށް އަސްކަރިއްޔާގެ އޮޕަރޭޝަނަލް ދާއިރާ ފުޅާކުރަންޖެހޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޖަރ ޖެނެރަލް ހިލްމީ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ ބިމާއި، ވައިގެ ސަރަހައްދާއި، ޖައްވާ އަދި ކަނޑުގެ ސަރަހައްދު ދިފާއުކޮށް ހިމާޔަތްކުރުމަކީ ޤާނޫނުއަސާސީން ދިވެހި ސިފައިންނަށް މަތިކޮށްފައިވާ ވަރަށް މުހިންމު މަސްއޫލިއްޔަތެއް ކަމަށެވެ. ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުގެ 200 މޭލު އެތެރެއާއި ބޭރުން ކުރިމަތިވާ އެންމެހާ ނުރައްކާތަކާ ކުރިމަތިލާން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޖިއޮގްރަފިކް މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހިލްމީ ވިދާޅުވީ، ރާއްޖެ އޮތީ އިންޑިއާ ކަނޑުގެ ވަރަށް މުހިންމު ސަރަހައްދެއްގައި ކަމަށެވެ. އަދި އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 70,000 އާއި 90,000 އާ ދެމެދުގެ އަދަދަކަށް ބޯޓުފަހަރު ރާއްޖޭގެ ތެރެއިންނާއި ކައިރިން ދަތުރުކުރުމަކީ، އިންޑިއާ ކަނޑުގެ އެންމެ މުހިންމު ކަނޑުއޮޅިތަކުގެ ކޮންޓްރޯލް ރާއްޖެއަށް އޮތްކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ދިވެހިރާއްޖޭގެ ސަރަހައްދު ދުނިޔޭގެ ކޮންމެ ސަރަހައްދަކަށްވެސް މުހިންމުވާ މައިގަނޑު ސަބަބު. އިންޑިއާ ކަނޑުގެ ތެރޭގައި ހިނގާ ކަނޑުފޭރުމާއި، ޓެރެރިޒަމާއި، މަސްތުވާތަކެތީގެ ވަގު ވިޔަފާރި ކުރުމާއި، ރާއްޖޭގެ 200 މޭލު ރޮނގުން އިންޗިއެއްހާ ބޭރުގައި ތިބެގެން ކުރާ މަސްވެރިކަމުގެ ގެއްލުމާއި ނުރައްކާ ރާއްޖެއަށް ސީދާގޮތުން ކުރޭ،" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުގެ ބޭރުގައި ހިނގާ ކަންކަމަކީވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވާ ނުރައްކާތަކެއްކަން ފާހަގަކުރައްވައި، ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަންތައް އެއްގަމާއި، ވަޔާއި، ޖައްވާ އަދި ކަނޑުގެ ސަރަހައްދުގައި ކުރިއަށްވުރެ އެތައް ގުނައެއް ފުޅާވެފައިވާކަމަށް މޭޖަރ ޖެނެރަލް ހިލްމީ ވިދާޅުވިއެވެ.

މިއަދު އޮންލައިން