މީހަކަށް ކުށެއް ކުރެވިދާނެއެވެ. ނަމަވެސް ބައިވެރިޔާގެ ގެދޮރާ މުދަލާ ފައިސާއިން ވައްކަންކޮށް އަދި ލިބިފައި ތިބޭ ދަރިންނަށް އެންމެ ނިކަމެތިޙާލު ޖެއްސުމަކީ ހަމައެކަނި ކުރެވުނު ކުށެއް ކަމަށް ނިންމައެއް ނުލެވޭނެއެވެ. އެއޮތީ އެއަށްވުރެ މާއްމައްޗަށް ގޮސްފައެވެ.
ލޯބިވެރިޔާއަށް ތިމާގެ އަތުގައި ހުރި މިންވަރަކުން ޚަރަދުކުރަން އޮތީވެސް އަނބިދަރިންގެ ކަންކަން ކޮށްދިނުމަށްފަހުގައެވެ. އަދި ލޯބިވެރިއަކަށް ޚަރަދުކުރަން އޮތީވެސް ކައިވެނިކުރުމަށްފަހުގައެވެ. ނޫންނަމަ ﷲ ދެއްވެވި ތަނަވަސްކަމުގެ ބޭނުން އެހިފެނީ ﷲ އެންގެވި ގޮތަށް ކަމަކަށް ނުވާނެއެވެ.
ނަމަވެސް މިކަންކަމަސް ވިސްނައިނުލާ މީހުން މިއަދު ކަމަކަށް ނުވާނެއެވެ. ހަމައެއާއިއެކު ބުނެލަން އޮތީ ލޯބިވެރިއަކަށްޓަކައި ދަރިންނަށް ދެރަދީ ނިކަމެތިކުރާނަމަ އެމީހާ އެންމެ ބޮޑަށް ލޯބިވާންޖެހެނީ ކޮންބައަކުކަންވެސް އެވަނީ އޮޅުވާލެވިފައެވެ.
ތިރީގައިވާ ވާހަކައަކީވެސް ޢިބްރަތް ޙާޞިލްކުރަން ޖެހޭ ފިލާވަޅެކެވެ.
އަޅުގަނޑުގެ މައިންބަފައިން ނިޔާވިއިރު އެމީހުންވަނީ އަޅުގަނޑަށް ދިރިއުޅޭނެ ގެއެއް ހޯދައިދީފައެވެ. އަދި އުޅުނީ ރަނގަޅު މުސާރަ ލިބޭ ވަޒީފާއެއްގައެވެ. އެހެންކަމުން މައިންބަފައިން ދުނިޔެއާއި ވަކިވިނަމަވެސް ދިރިއުޅެވޭނެ މަގު އޮތީ ފެނިފައެވެ.
އުމުރުން 23 އަހަރުގައި ކައިވެނިކޮށްފީމެވެ. ކައިވެންޏަށް 5 އަހަރުވީއިރު ދެދަރިން ވަނީ ލިބިފައެވެ. ކައިވެންޏަށް 12 ވަނަ އަހަރު ސިކުނޑީގެ ނާރުތަކަކަށް ޖެހުނު މައްސަލައަކާއި ގުޅިގެން ހޮސްޕިޓަލުގައި 3 މަސްދުވަސްވަންދެން އޮންނަން ޖެހުނެވެ. ފުރަތަމަކޮޅު ދެ ދަރިން ގޮވައިގެން ފިރިމީހާ އަހަރެންގެ ގާތަށް އައުދެއެވެ.
ނަމަވެސް ދުވަސްކޮޅެއްފަހުން ކުދިން ގެނައުން ހުއްޓާލައިފިއެވެ. ބުނީ ކުދިން މާބޮޑަށް ދެރަވަނީ ކަމަށެވެ. އެއިގެ ދުވަސްކޮޅެއް ފަހުން ފިރިމީހާވެސް ހޮސްޕިޓަލަށް އައުން ހުއްޓާލައިފިއެވެ. ފޯނުކުރީމާ ބުނަނީ ހޮސްޕިޓަލަށް ދައްކާނެ ފައިސާ ހޯދަން މަސައްކަތްކުރަނީ ކަމަށެވެ. ދެން ލިބޭވަގުތު ކުދިން ބަލަނީ ކަމަށެވެ. ކުދިންނާ ވާހަކަ ދައްކަން ބޭނުން ކަމަށް ބުނުމުން ބުނަނީ ކުދިން މާބޮޑަށް ދެރަވާތީ ރަނގަޅުވާނީ ވާހަކަ ނުދެއްކުން ކަމަށެވެ.
ކޮންމެއަކަސް ފަރުވާއިން ރަނގަޅުވެގެން ގުޅައިގުޅާވެސް ފިރިމީހާ ފޯނެއް ނުނެގިއެވެ. ހޮސްޕިތަލުން ގުޅުމުންވެސް ފޯނެއް ނުނެގިއެވެ. ހޮސްޕިޓަލް ބިލްދައްކަންޖެހުނީ އެކައުންޓުގައިހުރި ހުރިހާ ފައިސާއެއް ބޭނުންކޮށްގެންނެވެ.
ގެއަށް ދިއައިރު ގޭގައި އުޅެނީ އެހެން ބައެކެވެ. އެމީހުން ބުނީ އެމީހުންނަށް ގެ ވިއްކާލާފައިވާ ކަމަށެވެ. ހަދާނެ ގޮތެއް ނެތުނީމަ ރޯން ހުއްޓާ އަވަށްޓެރި ދެމަފިރިއަކު އެމީހުންގެ ގެއަށް އަހަރެން ގެންދިއައެވެ.
އެގޭގެ ދެމަފިރިންގެ ތެރެއިން ފިރިމީހާއަކީ ސިޔާސީ ގޮތުން ނުފޫޒުގަދަ މީހެކެވެ. އޭނާގެ މަސައްކަތުން ފިރިމީހާ އުޅޭތަން ހޯދިއެވެ. ފުލުހުންނަށް ހުށަހަޅައިގެން ކުރި މަސައްކަތުން އެނގުނީ 2 ދަރިން ޔަތީމްޚާނާއަކަށްލާފައި އޭނާ ދިރިއުޅެނީ ލޯބިވެރިއަކާއެކުގައި ކަމެވެ.
ފުލުހުން ފިރިމީހާގެ ތަޙްޤީޤް ނިންމައި ޝަރީޢަތަށް ފޮނުވުމުން އަޅުގަނޑުގެ ގެ އަނބުރާ އަޅުގަނޑަށް ލިބުނެވެ. އެހެން މީހެއްގެ މިލްކެއް މަކަރާ ހީލަތުން ވިއްކާލުމުގެ ކުށުގެ އަދަބެއްގެ ގޮތުން 20 އަހަރަށް ޖަލަށްލާން ޙުކުމްވެސް ކުރިއެވެ. އަދި ކުދިންނަށާއި އަޅުގަނޑަށް ދިން އަނިޔާއަށް ބަދަލުވެސް ހޯދައިދިނެވެ.
ފިރިމީހާ ކޯޓުގައި ވަރަށް ރުޔެވެ. މާފުކުރަން އެދުނެވެ. ނަމަވެސް އެކަމުން އަޅުގަނޑަށް އެއްވެސް އަސަރެއް ނުކުރިއެވެ. އެންމެ ބޮޑު ސަބަބަކީ 2 ދަރިންނަށް ދިން ނިކަމެތިކަމެވެ. 2 ދަރިންގެ ޙައްޤުތަކުން މަޙްރޫމްކުރުވިކަމެވެ.
ފިރިމީހާ ކޯޓުގައި ބުނީ އެގޮތަށް ކަންތައް ކުރީ އަޅުގަނޑު ގަދަނުވާނެކަމަށް ބަލައިގެން ކަމަށެވެ. ޖަވާބުގައި އަޅުގަނޑު ސުވާލުކުރީމެވެ. "އަޅުގަނޑު ގަދަނުވިނަމަވެސް ގެއަކީ 2 ދަރިންގެ ޙައްޤެކެވެ. ގެވިއްކާލާފައި ފައިސާގެ ބޭނުންކޮށް ލޯބިވެރިއަކާއިއެކު އުޅުމަކީ ކޮން އިންޞާފެއް ހެއްޔެވެ؟ އަދި 2 ދަރިން އެއްލައިލުމަކީ އަޅުގަނޑު މަރުވިނަމަ ކަންތައްކުރަންޖެހޭނެ ގޮތް ހެއްޔެވެ؟
ކޮންމެއަކަސް މިއީ މިއަދުގެ ގިނަ ފިރިންގެ ޙާލުހުރި ގޮތެވެ. މިފަދަ ފިރިން ދެކެ ގަންނަ ބިރު ބޮޑުކަމުން ކައިވެނިނުކުރަން ތިބި އަންހެނުންވެސް މިހާރަކު މަދެއް ނޫނެވެ. އަނބިމީހާ އާއި ދަރިންނަކީ އެމީހުންގެ ކުރިމަތީގައި އެއްވެސް އަގެއްހުރި އެއްޗެއް ނޫނެވެ. އަނބިމީހާގެ ގޮދޮރާއި މުދައު ވިއްކާފައިވެސް ދަރިން ނިކަމެތިކޮށްލާފައިވެސް އެމީހުންނަށް އުފަލުގައި އުޅެވުނީމާ އެނިމުނީއެވެ. މިއޮތީވާ ދުނިޔެއެކެވެ.
އަނިޔާވެރިންނަށް މިދުނިޔޭގައިވެސް އެކަމުގެ ރަހަ ދައްކަވާނެތީ އެ ނުލަފާ މީހާ އެހެރީ ޖަލުގައެވެ. އަޅުގގަނޑުގެ ދެވަނަ ފިރިމީހާއަކީ އަޅުގަނޑަށް ފަރުވާކުރި ޑޮކްޓަރެކެވެ. ހިތްދަތި ދުވަސްކޮޅަކަށްފަހު އަޅުގަނޑަށް ލިބުނު އުފާވެރިކަން މާބޮޑެވެ. އިން ޝާ ﷲ
- ނިޒްނީނާ ޚާން / ކަރާޗީ، ޕާކިސްތާން