އަޅުގަނޑުގެ ދައްތަގެ ފިރިމީހާގެ ބޭބެ ނިޔާވުމުގެ ކުރިން އަނބިމީހާ ނިޔާވެއްޖެއެވެ. ދުވަސްކޮޅެއް ފަހުން ބޭބެ ނިޔާވެއްޖެއެވެ.
އެދެމަފރިންގެ 4 އަހަރުގެ ކުޑަކުއްޖަކު ހުރެއެވެ. ދައްތަގެ ފިރިމީހާ އެކުއްޖާ ބަލަނީ އަމިއްލަދަރިއެއްގެ ގޮތުގައެވެ. ނަމަވެސް ދައްތަ އެކުއްޖާއަށް ކަންތައްކުރަނީ ރަނގަޅަކަށް ނޫނެވެ. ނަޞީޙަތް ދިނުމުންވެސް ބުނަނީ އެކުއްޖާ ބަލަން ބޭނުންނުވާ ކަމަށެވެ. އެހެންވެ ބޭނުންވަނީ ދައްތައަށް ވިސްނައިދެވޭނެ ގޮތެކެވެ.
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ދައްތައަށް ހެޔޮވިސްނުން ދެއްވެވުން އެދިގެން ދުޢާކުރާށެވެ. އަދި ތިރީގައިވާ ވާހަކަ ފަދަ ވާހަކަތައްވެސް ކިޔައިދޭށެވެ. ދައްތައަށް ހެޔޮވިސްނުން ދެއްވަވާނެއެވެ. އިން ޝާ ﷲ
ޔަތީމްކުދިން ރަނގަޅު ގޮތުގައި ބަލައި ބޮޑުކުރުމަކީ ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް ވާޞިލްވެވެން އޮތް މަގެކެވެ. ނަމަވެސް ގިނަ ބައަކު އެކަމަށް ދޭންޖެހޭ ސަމާލުކަމެއް ނުދެއެވެ. ބެލުން ވާޖިބު ކުދިންވެސް ނުބަލައެވެ.
ރަނގަޅު މީހުން ތިބޭފަދައިން ނުބައި ނުލަފާ މީހުންވެސް ތިބެނީ ހަމައިންސާނުންގެ ތެރޭގައެވެ. ވީމާ އަންހެނުންގެ ތެރޭގައިވެސް އަދި ފިރިހެނުންގެ ތެރޭގައިވެސް ނުބައި މީހުންނާއި ރަނގަޅު މީހުން ތިބޭނެއެވެ. އެންމެ ބޮޑު މައްސަލައަކީ ނުބައިކަމުގަ ހައްދުފަހަނައަޅައިދާކަމެވެ.
އެންމެންނަށް އެއްވަރަށް ރަނގަޅު ނުވެވިދާނެއެވެ. ނަމަވެސް އަޚްލާޤީ ގޮތުންނާއި ދީނީ ގޮތުން ކޮންމެ މީހަކުވެސް ހިފަހައްޓަންޖެހޭ އިންތަކެއް ހުންނާނެއެވެ. ތިރީގައި އެވަނީ އެއިންތައް ދޫކޮށްލައި ހައްދުފަހަނައަޅައި ދިއަ އަންހެނެއްގެ ވާހަކައެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލުކުރައްވާށެވެ!
އަހަރެންނަކީ އަބަދުވެސް އަވަށްޓެރިންނާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އައިމީހަކީމެވެ. އަހަރެންނަށް ލިބިފައިވާ ތަނަވަސްކަމުން އަވަށްޓެރިންނަށް ޙިއްޞާކުރަމެވެ. އެމީހުންނާއެކި ކައި ސައިބޮއި މަޖާކުރަމެވެ. "ގޭދޮށު މީހުންގެ ޕާޓީ"ތައްވެސް ބާއްވަމެވެ.
ކޮވިޑްގެ ވަރަށް ކުރީކޮޅު އަވަށްޓެރި ދެމަފިރިއަކަށް ކޮވިޑުޖެހުނެވެ. އެމީހުން ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން އަހަރެންނަށް ގުޅިއެވެ. އެދުނީ އެމީހުން ނިޔާވެއްޖެނަމަ 2 ދަރިން ބަލައިދިނުމަށެވެ. އެއީ އެއިރު އަހަރުވެސް ނުވާ އެއްމާބަނޑު 2 ކުދިންނެވެ. އެހެންކަމާއިއެކުވެސް އަހަރެން އެކަމަށް އެއްބަސްވެ އެކަންކޮށްދޭނެ ކަމަށް ވަޢުދުވީމެވެ.
އެދެމަފިރިންވެސް ކޮވިޑްގައި ނިޔާވީއެވެ. 2 ކުދިން ގެއަށް ގެނެސް ގެންގުޅެން ފެށީމެވެ. އަނބިމީހާގެ މަސައްކަތް ހުރިގޮތުން ކަމަށްބުނެ އެ 2 ކުދިން ބަލައިދޭން އަނބިމީހާ ދެކޮޅުހެދުމުން ކުދިން ބަލައިދޭނެ އަންހެނަކު ހޯދީމެވެ. އޭނާ ލައްވައި ކުދިން ބެލުވި ނަމަވެސް ގޭގައި އުޅެވޭ ވަގުތުތަކުގައި އަހަރެން ދިއައީ އަމިއްލަދަރިން ފަދައިން 2 ކުދިންގެ ކަންކަން ބަލަމުންނެވެ.
އެއް ދުވަހަކު އޮފީހުގައި ކުޑަކޮށް ލަސްވާންޖެހުނެވެ. ގެއަށް އައިއިރު 2 ކުދިންނެއް ނެތެވެ. އަނބިމިހާ އާއި ސުވާލުކުރުމުން ބުނީ ކުދިން ބަލާމީހާ ގަޑިހަމަކޮށްފައި ދިއުމުން ކުދިން ރޯއަޑު އަހަން އުދަގޫވާތީ ޔަތީމްޚާނާއަކަށް ދެކުދިން ލާފައިވާ ކަމަށެވެ! ދެން ބުނީ އެކުދިންނަށް ޙައްޤު އަދި އެކުދިން ތިބެންޖެހޭ ތަނަކީ އެއީ ކަމަށެވެ.
ކުދިން ބަލައިދާން އުޅެން ފެށުމުން ބުނީ އޭނާ ދެކެ ލޯބިވާނަމަ 2 ކުދިން އަނބުރައި ނުގެންނާނެ ކަމަށެވެ. އެއަޑަށް ސަމާލުކަން ނުދީ ގޮސް 2 ކުދިން ހޯދައިގެން ގެއަށް ގެނައިމެވެ. އަނބިމީހާ އެކަމަށް ނުރުހުމުން ވަރިކޮށްފައި ފޮނުވައިލީމެވެ.
ޔަތީމްޚާނާއަކަށް ނުލައި އަވަށްޓެރިންލައްވައިވެސް އެ 2 ކުދިން އަހަރެންނަށް ބެއްލުވިދާނެއެވެ. ނަމަވެސް އެކަން އެހެން ކުރަން ބޭނުންނުވަނީ އެދެމަފިރިންނަށް އަހަރެންވީ ވައުދު ފުއްދުމުގެ ގޮތުންނެވެ. މަރުވެއްޖެނަމަ ދެކުދިން ބަލައިދޭން އެދުމުން އެކަންކޮށްދޭނެ ކަމަށް ބުނިބުނުން އަހަރެން މާނަކުރަނީ އެއީ އެކަން ޚުދު އަހަރެން ދެކުދިން ބަލައިދިނުން ކަމަށެވެ. ވީމާ ކުދިން ބޮޑެތިވާންޖެހޭނީ އަހުރެންގެ ގާތުގައި ތިބެގެންނެވެ. އަހުރެންގެ ލޯބި ލިބިގެންނެވެ. ވަޢުދު ފުއްދުނުކަމަށްވާނީ އެއިރުންނެވެ.
ހަމަ އެރޭ އަވަށްޓެރިންގެ އިސް މީހުން ގެއަށް ގެނެސްފައި ކަންކަންވީ ގޮތް ކިޔައިދިނީމެވެ. އަދި ބުނީމެވެ. "މާދަމާ ކަލޭމެން މަޝްވަރާކުރާށެވެ! ކޮންމެހެން އަހަރެންދެކެ ލޯބިވާނެ ކަމެއް ނެތެވެ. މި ދެ ކުދިންދެކެ ލޯބިން ގެންގުޅެދޭނެ 2 އަންހެނުން އަވަށްޓެރިންގެ ތެރެއިން ހޯދާށެވެ. އަހަރެން އެ ދެ އަންހެނުންނާއި އެއްރޭ ކައިވެނިކުރަން ބޭނުމެވެ."
އަނެއް ދުވަހު ހަވީރު ގެއަށް އައިއިރު އަވަށްޓެރިން ވަނީ އަވަށްޓެރިންގެ ތެރޭގައި ތިބި އެންމެ ރީތި 2 ކުދިން އެކަމަށް ކަނޑައަޅައި ނިންމައިފައެވެ. ހަމަ އެރެއިން އެރެއަށް ކައިވެނިކޮށް ކައިވެނީގެ ޙަފްލާވެސް ބާއްވައި ނިންމައިލީއެވެ. ޖާފަތް ކެއްކީވެސް އަވަށްޓެރިންގެ ގޭގޭގައެވެ. އަހަރެން ދިނީ އެކަމަށް އަގެވެ. އަދި ކޮށްދިން މަސައްކަތަށް ހަދިޔާއެވެ.
އެއިގެ 3 މަސް ފަހެވެ. އެއީ ހުކުރު ދުވަހެއްގެ ހަވީރެވެ. ދެއަނބިން އެ ދެކުދިން ގޮވައިގެން ނުކުމުގެ ގޭބަގީޗާގައި އުޅުނެވެ. އަހަރެންވެސް އެމީހުންނާއިއެކު އުޅުނީމެވެ. ފެނުނީ ކުރީގެ އަނބިމީހާ އައިސް ހުއްޓުނުތަނެވެ. ބުނީ އޭނާގެ ކަންފަތަށް ރަނގަޅަށް އަޑު ނުއިވޭކަމަށާއި ޑޮކްޓަރުން ބުނަނީ އެއްވެސް ބައްޔެއް ނެތްކަމަށެވެ. އެހެން އެކަންވާންޖެހެންވީ ސަބަބެއް ނުއެނގޭ ކަމަށެވެ.
ދެން ބުނީ އެކަން ދިމާވިފަހުންވެސް ނިދީގައި ދެކުދިން ރޯއަޑު އިވޭހެން ހީވާކަމަށެވެ. އެހެންވެ މިއައީ މާފަށް އެދި 2 ކުދިން ލޯބިން ބަލައިދޭން ބޭނުންވެގެން ކަމަށެވެ. އަދި އަލުން ކައިވެނިކުރަންވެސް ބޭނުން ކަމަށެވެ. ޖަވާބުގައި ބުނީމެވެ. "ކަންފަތަށް ތިއަވީ ގޮތަކާއިމެދު ބުނާނެ އެއްޗެއް ނުއެނގެއެވެ. އެކަން އެނގޭނީ ޑޮކްޓަރުންނަށެވެ. ކަލޭ ކިޔަނީ ކީކޭކަން އަދި އެދެކުދިންނަށް ނުވިސްނުނުނަމަވެސް ދެކުދިންގެ ގާތުގައި ހުއްޓިހުރެ އެކުދިންނަށް އަޑު އިއްވައި މާފަށް އެދޭށެވެ. އެއިރުން އެކަން ﷲ ދެނެވޮޑިގެންވާނެއެވެ. ދެން ގިނަގިނައިން ތައުބާވާށެވެ! އަދި ޔަތީމް ކުއްޖަކު ހޯދައި ލޯބިދީގެން ގެންގުޅުމަށްވެސް ނަޞޭޙަތްތެރިވަމެވެ. ދެން ތިއަބުނަނީ އަލުން ކައިވެނިކުރާ ވާހަކައެކެވެ. ކަލޭ ފޮނުވާލާފައި އަނެއްރޭ އެތިބީ 2 ކުދިން ދެކެ ލޯބިން ބަލައިދޭނެ 2 އަނބިން ހޯދައިފައެވެ. 2 އަނބިން ކަލެއަށްވުރެ މާހަގެވެ. ނަމަވެސް އެއީ އަހަރެން ބޭނުންވި ގޮތެއް ނޫނެވެ. ކައިވެނިކުރަން ބޭނުންވީ އަމިއްލައަށެވެ. 3 ވަނަ އަންތބެއް ހޯދާކަށް އަދި ނުވިސްނަމެވެ. ވިސްނާކަށް ހިތަކުވެސް ނެތެވެ."
އެހެން ބުނުމުން ވަރަށް ދެރަވެފައި ހުރެގެން އޭނާ ހިނގައްޖެއެވެ.
މިއީ ރާއްޖޭގައި ހިނގާފައި ކަމެއްގެ ވާހަކަ ނޫންނަމަވެސް މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނާ ޙިއްޞާކޮށްލަން ބޭނުންވީ ޔަތީމްކުދިންނަށް ރަޙުމްކޮށް އަޅާލައި ލޯބިދިނުމުގެ މުހިންމުކަން އަންގައިދޭށެވެ. އެކުދިންނަށް އިހާނެތިކޮށް ހިތާނަމަ އެކަމުގެ ޖަޒާ މިދުނިޔޭގައިވެސް ދެއްވަވަން ކުޅަދުންވަންތަކަން ޤަބޫލުކުރާށެވެ!
ޔަތީމް ދެކުދިން ރޯއަޑު އިވޭތީ އެއްލައިލި އަންހެން މީހާއަށް މިހާރު ރަނގަޅަށް އިވޭ ހަމައެކަނި އަޑަކީ ދެކުދިން ރޯއަޑުކަން މިވާހަކައިން އެބައެނގެއެވެ. ދުނިޔޭގައި ތިބި އެންމެންނަށް ޢިބްރަތަކަށް ނުވޭތޯއެވެ!
- މިއަދުނޫހުގެ ކިޔުންތެރިއެއް