ކުޑަކުދީންނަށް އަޅައިލާ، އެކުދިންނަށް އޯގާތެރިކަމާއެކު ޙިމާޔަތް ދެމުންދާހައި ހިނދަކު ޤައުމުގެ ކުރިމަގަށް ކުރާ އުންމީދުތައް ދާނީ ހަގީގަތަކަށް ވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ، ހެޔޮލަފާ ދަރީންތަކެއް ހެދިބޮޑުވަމުންދާ ޤައުމެއްގެ މުސްތަޤްބަލާމެދު މާޔޫސްވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލު ކަމަށްވާއިރު، އެކުދިންނަށް ބޭނުންވާ ލޯތްބާއި، އަޅައިލުމާއި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ މުޅި މުޖުތަމަޢުގެ އުންމީދުތައް ފުރިހަމަވުމަށް އޮތް މަގުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ސާޖިދާ މުޙައްމަދު ވިދާޅުވި ގޮތުގައި، ކުޑަކުދިންނަށް އޯގާތެރިކަމާއެކު ޙިމާޔަތްދީ، އެކުދިން ބަރުދާސްތުކުރާ ކަންކަމުގައި އެހީތެރިވެދިނުމަކީ އުންމީދީ މުސްތަޤްބަލަކަށް އެޅޭ އެންމެ ވަރުގަދަ ބިންގަލެވެ.
މި އުފާވެރި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރާއްޖޭގެ ހުރިހާ ލޮބުވެތި ކުޑަކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.
ކުޑަކުދިންގެ ދުވަސް ރާއްޖޭގައި ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މެއި މަހުގެ 10 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންގެ ޙައްޤުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، އެކުދިންނަށް އުފާވެރި އަދި ރައްކާތެރި މާޙައުލެއް ހޯދައިދިނުމަށް ބާރުއެޅުމެވެ.