ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ބޯހިޔާވަހިކަމުގެ ކެޓަގަރީން، އެފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 20 ވަނަ ދުވަހު ހުޅުވާލުމަށް ސަރުކާރުން ނިންމައިފިއެވެ. ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ބެލެނިވެރިންނަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 20 އިން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިޞްލާޙުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމެވި ނިންމެވުމާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މި އިޞްލާޙާ ގުޅޭގޮތުން ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ވިދާޅުވެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އަމިއްލައަށް ފޯމު ފުރުމަށް ދަތިވާ ފަރާތްތަކާއި، 18 އަހަރު ފުރިފައިނުވާ ކުދިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އައު އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނީ:
1- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އަމިއްލައަށް ފޯމު ފުރުމަށް އުޒުރުވެރިވާ ފަރާތްތަކުގެ ބަދަލުގައި އެފަރާތެއްގެ ބެލެނިވެރިޔާއަށް.
2- 18 އަހަރު ފުރިފައިނުވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބަދަލުގައި އެކުދިންގެ ބެލެނިވެރިންނަށް.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އަމިއްލައަށް ފޯމު ފުރުމަށް އުޒުރުވެރިވާ ފަރާތްތަކުގެ ބަދަލުގައި އެފަރާތެއްގެ ބެލެނިވެރިޔާއަށް. 18 އަހަރު ފުރިފައިނުވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބަދަލުގައި އެކުދިންގެ ބެލެނިވެރިންނަށް. މި ފުރުޞަތުގެ ދަށުން ކުރިމަތިލާ ބެލެނިވެރިންނަކީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބެލެނިވެރިޔާގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. މި ނިންމުމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދުމުގައި ކުރިމަތިވަމުންދިޔަ ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.