ހުރިހާ ކުދިންނަށްވެސް ރައްކާތެރި މުސްތަގުބަލެއް ހޯދައިދިނުމަކީ އަމާޒަކަށް ވާންޖެހޭ: ނިއުމާތު ޝަފީޤު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
ހުރިހާ ކުދިންނަށްވެސް ރައްކާތެރި މުސްތަގުބަލެއް ހޯދައިދިނުމަކީ އަމާޒަކަށް ވާންޖެހޭ: ނިއުމާތު ޝަފީޤު

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އެންމެ މުހިންމު އަމާޒަކަށް ވާންވާނީ ހުރިހާ ކުދިންނަށްވެސް ރައްކާތެރި މުސްތަގުބަލެއް ހޯދައިދިނުން ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިއުމާތު ޝަފީޤު ވިދާޅުވެއްޖެއެވެ.

ނިއުމާތު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ޚިޠާބުގައެވެ. މި ޚިޠާބުގައި އޭނާ ވަނީ ކުޑަކުދިންގެ ކުރިމަގު އުޖާލާކުރުމަށްޓަކައި މުޖުތަމައުގެ ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ވިދާޅުވީ، މިއަދު އެންމެ ބޮޑަށް ބޭނުންވަނީ އާއިލާއާއި، ކުދިންގެ ގާތް ރައްޓެހިންނާއެކު ރަނގަޅު ގުޅުމެއް ބޭއްވުމުގެ މުހިންމުކަން ހަނދާންކޮށްދިނުން ކަމަށެވެ. އަދި ކުދިންނަށް ދިމާވާ އެކި ކަންކަމާއި، އެކަންކަމާ ގުޅިގެން ކުރެވޭ އިހުސާސްތަކާ ބެހޭގޮތުން ހުޅުވާލެވިފައިވާ މާހައުލެއްގައި ވާހަކަދެއްކުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނިއުމާތުގެ ޚިޠާބުގައި އިތުރަށް ވިދާޅުވީ، އާއިލާއާއި ރައްޓެހިންނާއެކު ކުދިން ހޭދަކުރާ ވަގުތުތަކަކީ، އެކުދިންނަށް އުފާވެރިކަން ގެނެސްދޭ، އަދި ހަމަ އެކުދިންނަށް ބޭނުންތެރި ގޮތުގައި ހޭދަކުރެވޭ ވަގުތުތަކަކަށް ހަދަންޖެހޭ ކަމަށެވެ.

"މިސާލަކަށް، ކާ ގަޑިތަކުގައި އާއިލާއާއެކު އެއް މޭޒެއްގައި އެކުގައި ކެއުމާއި، ގޭގައި ހޭދަކުރަން ލިބޭ ވަގުތުތަކުގައި ކަމެއް ނުކޮށް އެކުގައި ތިބެލުމަކީވެސް ދޭދޭ ގުޅުން ރަނގަޅުވެ، ހިތްހަމަޖެހުން ލިބޭ ކަންކަން. ތިކުދިންނަށްވެސް އިނގޭނެ، ދިރިއުޅުމުގައި ވަރަށް ގިނަ ކަންކަމާ ދިމާވާނެ. އުފާވެރި ކަންކަމާއެކު ކަންބޮޑުވާ ކަންކަންވެސް ބައެއް ފަހަރު ދިމާވާނެ،" ނިއުމާތު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުދިންނަށް ދިމާވާ ގޮންޖެހުންތަކަކީ އެކުދިން އެކަނި ކުރިމަތިލާންޖެހޭނެ ކަންކަމެއް ނޫންކަން ފާހަގަކުރައްވައި ނިއުމާތު ވިދާޅުވީ، ކުދިންނަށްޓަކައި އެކުދިންގެ އާއިލާއާއި ގާތްތިމާގެ މީހުން އަދި ރަހުމަތްތެރިން އަބަދުވެސް ތިބޭނެކަން ހަނދާންކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، ކުދިންނަށް އުފާވެރި މުސްތަގުބަލެއް ބިނާކޮށްދިނުމަށް ހާއްސަ އިސްކަމެއް ދެއްވާއިރު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މި އިލްތިމާސަކީ މުޅި މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ކުރެވޭ މުހިންމު އިލްތިމާސެކެވެ.

މިއަދު އޮންލައިން