ރާއްޖޭގައި މެރިކަލްޗަރ ނުވަތަ ކަނޑު ފަޅުގެ ދިރުންތައް އާލާކޮށް ވިޔަފާރި ކުރުމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ފަށާފައިވާ "މެރިކަލްޗަރ ސްކީމް" ގެ ދަށުން 480،000 ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ހާމަކޮށްފިއެވެ.
މި ސްކީމަކީ މެރިކަލްޗަރ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަކޮށްގެން ތަޢާރަފްކޮށްފައިވާ ސްކީމެކެވެ. ސަރުކާރުގެ އަމާޒަކީ މި ދާއިރާގައި މިހާރުވެސް މަސައްކަތް ކުރަމުންދާ ފަރާތްތަކަށް އެފަރާތްތަކުގެ މަސައްކަތް ފުޅާކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، އަލަށް މި ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފަހި މަގަކަށް މިކަން ހެދުމެވެ.
މި ލޯނު ސްކީމްގެ މައިގަނޑު ބޭނުމަކީ ލުއިފަސޭހަ މާލީ އިންތިޒާމެއްގެ ދަށުން މޫދު ކޮށިތައް ލިބޭނެ މަގު ތަނަވަސްކޮށްދީ، ރާއްޖޭގެ އިޤްތިޞާދުގައި މެރިކަލްޗަރ ސިނާޢަތަކީ މުހިންމު ބައިވެރިއަކަށް ހެދުމެވެ.
މެރިކަލްޗަރ ސްކީމްގެ ތަފްޞީލްތަކަށް ބަލާއިރު، މި ސްކީމް މެދުވެރިކޮށް ޖުމްލަ 200 މޫދުކޮށި ފައިނޭންސް ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޮންމެ ފަރާތަކަށްވެސް 80،000 ރުފިޔާއާއި 640،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ފެސިލިޓީ އަނބުރާ ދެއްކުމަށް 6 އަހަރު ދުވަހުގެ މުއްދަތެއް ލިބޭއިރު، މީގެ ތެރޭގައި 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ނުވަތަ ލޯނު ދައްކަން ނުޖެހޭ މުއްދަތެއް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށްޓަކައި ޚާއްޞަ 5 ސަރަޙައްދެއް ކަނޑައަޅާފައެވެ. އެ ސަރަޙައްދުތަކަކީ:
1- ބޮޑު ތިލަދުންމަތި 2- ރ. އަތޮޅު 3- މ. އަތޮޅު 4- ތ. އަތޮޅު 5- ކ. މަނިޔަފުއްޓާ ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅު
މި ސަރަޙައްދުތައް ކަނޑައެޅުމުގެ މަޤްޞަދަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި މި ސިނާޢަތް ފުޅާކޮށް، ގިނަ ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމެވެ. މީގެ އިތުރުން، މި ފުރުޞަތުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ސިންދަފާތުވެ، އިޤްތިޞާދީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.