ބިންވެރިޔާ ސްކީމުގެ 3 ވަނަ ކެޓަގަރީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 4ސ
ބިންވެރިޔާ ސްކީމުގެ 3 ވަނަ ކެޓަގަރީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ "ބިންވެރިޔާ ސްކީމް" ގެ 3 ވަނަ ކެޓަގަރީއަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަާބަން ޑިވެލޮޕްމަންޓުން މިއަދު ހުޅުވާލައިފިއެވެ.

ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައިވާ ގޮތުން، މި ކެޓަގަރީއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި ހިނގާ މަހުގެ ނިޔަލަށެވެ. ބިންވެރިޔާ ސްކީމާ ގުޅޭ އުސޫލަށް އިސްލާހު ގެނެސް ގެޒެޓުގައި ޝާއިއުކޮށްފައިވާ މި އިޢުލާނުގައިވާ ގޮތުން، ކެޓެގަރީ 3ގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ މައިގަނޑު ދެ ބަޔަކަށެވެ.

އެއީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ލިބިފައިވާ ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކެވެ. މީގެ އިތުރުން، ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގޯތި ދޫކޮށްލުމަށްފަހު ވަކިވަކިން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ވެސް މި ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މި ޕްރޮގްރާމްގެ ދަށުން ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައިވަނީ އަލަށް ހިއްކާ ރަސްމާލެއިންނެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1,250 އަކަފޫޓުގެ ގޯއްޗެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މިހާރު ކަނޑައަޅާފައިވާ ޚާއްސަ ކެޓެގަރީތަކަކީ:

ކެޓަގަރީ 1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ މީހުން. ކެޓަގަރީ 2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ކުރިން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުން. ކެޓަގަރީ 3: ބިންވެރިޔާ ސްކީމްގެ ދަށުން ލިބުނު ގޯތި ދޫކޮށް ފްލެޓަށް އެދޭ ސިންގަލް އެޕްލިކޭޝަން ހުށަހެޅި މީހުންނާއި، ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅި މީހުންގެ ތެރެއިން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދޭ މީހުން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން، ގިނަ ކެޓަގަރީތަކަކުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުޞަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން، ޝަރުތު ހަމަވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް ހައުސިންގ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން