އޭޓީއެމްއަށް ދޫކޮށްލެވިފައިވާ ކޭޝް ކާޑެއް ނަގައި، އެ ކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ. މި ހާދިސާ ހިނގާފައިވަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ހުންނަ ބީއެމްއެލްގެ އޭޓީއެމްއެއްގައެވެ. އެތަނަށް ދޫކޮށްލެވިފައި އޮތް ކާޑެއް ނަގައި، އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން އެކި ތަންތަނުން ވިޔަފާރިކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ހޯދަމުންދާ މީހާއަކީ ކާކުކަން މިހާތަނަށް ކުރި މަސައްކަތުން ދެނެގަނެވިފައެއް ނުވެއެވެ. އެހެންކަމުން، ފުލުހުން ވަނީ އެ މީހާ ފެންނަ ވީޑިއޯއެއް އާންމުކޮށް، އޭނާ ދެނެގަތުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ހޯދުމަށް ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އާންމުންނަށް ޝުކުރު އަދާކޮށްފައެވެ. އާންމު ތަންތަނުގައި ކާޑު ނުވަތަ އަމިއްލަ ތަކެތި ދޫކޮށްލެވިފައި ހުންނަ ހާލަތްތަކުގައި، އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަކީ ޖިނާއީ ކުށެއްކަމަށް ފުލުހުން ހަނދާންކޮށްދެއެވެ.