ޢިބްރަތްތެރި ވާހަކަ: ފިރިމީހާގެ އަތްމަތި ދަތިވެލީމަ ބޭނުންތައް ފުއްދަން އެކުވެރިޔާގެ ބަހަށް އަމަލުކުރި އަންހެނަކަށް ޢުމުރަށް ހިތްދަތިކަމުގަ އިންނަން ޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ޢިބްރަތްތެރި ވާހަކަ: ފިރިމީހާގެ އަތްމަތި ދަތިވެލީމަ ބޭނުންތައް ފުއްދަން އެކުވެރިޔާގެ ބަހަށް އަމަލުކުރި އަންހެނަކަށް ޢުމުރަށް ހިތްދަތިކަމުގަ އިންނަން ޖެހުނު ގޮތުގެ ވާހަކަ-

އެދެމީހުން ކައިވެނިކޮށްގެން އުޅެމުން އައީ ތަނަވަސްކަމުގައެވެ. ހަމައެކަނި ދެމަފިރިންނެއްވެސް ނޫނެވެ. ފިރިމީހާއަށް ލިބޭ އާމްދަނީން އަނބިމީހާގެ ޢާއިލާއަށްވެސް އެހީތެރިކަން ފޯރުކޮށްދެއެވެ.  

މައްސަލަތައް ކުރިމަތިވާންފެށީ ކައިވެންޏަށް 6 ވަނައަހަރުއެވެ. ވިޔަފާރިދަށްވެ ލިބޭ އާމްދަނީ މަދުވާން ފެށުމުން ކޮންމެވެސް ވަރަކަށް ޚަރަދުތައް ކުޑަކުރަންޖެހުމުންނެވެ. އަނބިމީހާއަކަށް ކެތެއް ނުކުރެވުނެވެ. ޝަކުވާކުރަން ފަށައިފިއެވެ. މައްސަލަތައް ގިނަކުރަމުން ގޮސް އެކުގައި ރޭކުރަންވެސް ދެކޮޅުހަދަން ފަށައިފިއެވެ.  

އެޙާލަތުގައި އެންމެ ގާތް އެކުވެރިޔާ ތަނަވަސް މީހަކު އޭނާއަށް ތަޢާރަފްކޮށްދިނެވެ. ދެމީހުންގެ ގުޅުން ކުރިއަށްދަމުންގޮސް ރޭގަނޑު ނިދަން ގެއަށް ނުދެވޭ ރޭތައްވެސް އަންނަން ފެށުމުން ދިރިއުޅުން ކުރިއަށްގެންދާނެ ގޮތަކާއިމެދު ވިސްނަންފެށިއެވެ.  

އޭނާގެ ނަޞީބު ދެރައެއް ނޫނެވެ. ކުރިންވެސް ޢޭނާދެކެ ލޯބިވާ، މިހާރު އެކަނިވެފައިހުރި އަންހެނަކާއި ބައްދަލުވިއެވެ. ދެމީހުންގެ މެދުގައި ގާތްކަން އުފެދެމުންގޮސް ގުޅުން ބަދަހިވުމުން އަންހެން މީހާ ބުނީ ދަތިކޮށްހުރީމާ މިހާރު އެއްވެސް ޚަރަދެއް ނުކުރިޔަސް މައްސަލައެއް ނެތަކަމަށެވެ. އޭނާއަށް ލިބޭ މުސާރައިން ފުއްދައިގެން މިހާރުވެސް އުޅެމުން އަންނަ ގޮތަށް އުޅޭނެ ކަމަށެވެ. ބޭނުންވަނީ ގުޅުން ޙަލާލުކުރަން (ކައިވެނިކުރުން) ކަމަށެވެ.  

ދެމީހުން ކައިވެނިކުރިއެވެ. އެކަން ދޮށީއަނބިމީހާއަކަށް ނުއަންގައެވެ. އަނބިމީހާ އެއުޅޭ ގޮތަކަށް އުޅެން ދޫކޮށްލާފައި ހުރީއެވެ. އޭނާގެ ގާތުގައި އެވާހަކަ ބުނީ ކައިވެނީގެ ދެވަނަ އަހަރު ބަލިވެއިންކަން އެނގުމުންނެވެ.  

އޭނާއަށް އެކަންވީ ވަރަށް ބޮޑުކަމަކަށެވެ. ބޭނުންވީ އަވަހަށް ވަރިވެ ލޯބިވެރިޔާއާއި ކައިވެނިކުރާށެވެ. އެވާހަކަ ބުނުމުން ލޯބިވެރިޔާ ބުނީ މިއީ ސީރިޔަސްކޮށް ބޭއްވި ގުޅުމެއް ނޫންކަމަށެވެ. އޭނާގެ އަންތބަކު އެބައިން ކަމަށާއި އެއީ ވަރަށް ރަނގަޅު އަންހެނަކު ކަމަށެވެ. އޭނާ ދެރަވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. ވީދެރައިން ލޯބިވެރިޔާއަކީ ރަނގަޅު މީހެއްކަމަށްބުނެ ތަޢާރަފްކޮށްދިން އެކުވެރިޔާއާއި ބައްދަލުކުރުމުން ބުނީ އެކުގައި އުޅުނުއިރު އަގުބޮޑު ހަދިޔާތައް ލިބުނު ނޫންހެއްޔެވެ؟ ވީމާ މާބޮޑު މައްސަލައެއް އޮތްކަމަކަށް ނުދެކެމެވެ. ބޭނުމިއްޔާ ލޯބިވާނެ އިތުރު މީހަކު ހޯދައިދީފާނެ ކަމަށެވެ. ނަމަވެސް ކައިވެނިކޮށް ޒިންމާ އުފުލުމަށް އެއްބަސްކުރުވުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.  

އެހިސާބުން ގޮތްހުސްވީއެވެ. ހަތަރުއުދަރެސް ފެނުޖެހުނީއެވެ. ރަންގަނޑެއްފަދަ ފިރިމީހާ ގެއްލިގެންދިއައީއެވެ. ޝަކުވާކުރެވޭކަށް ނެތެވެ. ފިރިމީހާއަށް ބޭވަފާތެރިވެ ބޭނުންހައި ގޮތަށް އުޅުނީ ކުރިމަތީގައެވެ. ލިބޭ އަގުބޮޑު ހަދިޔާތައް ދައްކައި މަލާމާތްކުރެވުނެވެ. މިހާރުވެސް ކަންފަތުގައި ގުގުމަނީ "ތިއައީ ހިލޭ އެއްޗެއްސެއް ނޫން!" ކަމަށް ފިރިމީހާ ބުނިއަޑެވެ. އެއްފަހަރަކު ނޫނެވެ. އެތައް ފަހަރަކުއެވެ.  

ޖެހުނީ ހިތްދަތިކަމާއިއެކުގައިވެސް ފިރިމީހާގެ ގޭގައި އިންނާށެވެ. ދެމަފިރިން އެމީހުނެގެ ތުއްތު ދަރިފުޅު ގޮވައިގެން ލޯބިން އުޅޭތަން ދެކެން އިންނާށެވެ.  

މިޙާދިސާ މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ ވަރަށް ބޮޑު ބޭނުމަކުއެވެ. ފުރަތަމަ ކަމަކީ ލިބޭ މިންވަރަށް ޝުކުރުވެރިވެ ކެތްތެރިވުމަށް ބުނުމެވެ. އެކުވެރިންދޭ ނަޞީޙަތުގަ ހިފަންވާނީ އެކަމެއް ކުރުމުން ތިމާއަށް ކުރާނީ ޙަޤީޤީ ފައިދާކަން ޔަޤީންކުރުމަށް ފަހުގައި ކަމަށްވެސް ބުނުމަށެވެ. ޢަބުރާ ޢިއްފަތްތެރިކަން ނަގައިލުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއްނަމަވެސް ލިބުން އުނދަގޫވަނީ ތިމާއަށް ވަފާތެރި، ޒިންމާ އުފުލައިގެން ގެންގުޅޭނެ ބައިވެރިއެއް  ކަމަށްވެސް ބުނުމަށެވެ.

އުންމީދުކުރަނީ އެކުވެރި ކަނބަލުން މިކަންކަމަށް ވިސްނަވައިލައްވަވާނެ ކަމަށެވެ.

 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން