އެއީ މާލޭގެ ރަނގަޅު ފެންވަރުގެ ހޮޓަލެއްގައި މަސައްކަތްކުރާ އެކަނިވެރި މައެކެވެ. ފިރިމީހާ ނިޔާވިއިރު 3 ދަރިން ތިއްބެވެ. މުސްކުޅި މަންމައަކުވެސް ބަލަންޖެހެއެވެ. ދިރިއުޅެނީ ކުލީ ކޮޓަރިއެއްގައެވެ. އެހެންވެ ކެއުންބުއިމަށްވެސް އޮންނަނީ ޚަރަދު ނުކުރެވިފައެވެ.
ކޮންމެ ރެއަކުވެސް މަސައްކަތް ނިމިގެންދާއިރު ކަސްތަމަރުންގެ ކެއުމުން ބާކީކޮށްފައި ހުންނަ އެއްޗެތި ގެއަށްގެންދެއެވެ. މަންމައަށާއި ދަރިންނަށް ކާންދެއެވެ. އޭނާވެސް ކައެވެ. އެޙާލުގައި އުޅޭތާ 2 އަހަރުވީފަހުން އެއްރޭގެ ރޭއަޅުކަމަށްފަހު ދުޢާކުރިއެވެ. "ޔާ ﷲ! އެކަނި މިޙާލުގައި އުޅެމުންގޮސް ބަލިކަށިވެއްޖެއެވެ. ހިތްވަރު ހުސްވެއްޖެއެވެ. އިނބަ ﷲ އީ މިއަޅާފަދަ ނިކަމެތިން ރޯރުއިމުގެ އަޑު އައސަވައިވޮޑިގެންވާ ރަސްކަލާނގެއެވެ. މިއަޅާގެ ދިރިއުޅުމަށް އެހީތެރިވެދޭނެ ބައިވެރިއަކު މިއަޅާއަށް ދެއްވަވާނދޭވެ! އާމީން."
އޭނާ މަސައްކަތުދަނީ ހަވީރުގެ ޝިފްޓަށެވެ. ނިމެނޭ ދަންވަރު 12 ޖެހީމައެވެ. ޖެހިގެން އައިދުވަހުވެސް އާދައިގެމަތިން މަސައްކަތް ނިންމާފައި ލިބުނު ކާއެތިކޮޅު ކޮތަޅަކަށްލައިގެން ގެއަށްދާން ހިނގައިގަތްތަނާ ކާރެއް މަޑުކުރުމުން ބަލައިލިއިރު ހޮޓަލުގެ ވެރިއެކެވެ. ބުނީ ކާރަށް އެރުމަށެވެ. ކާރަށް އެރުމުން އެދްރެސް އޮޅުންފިލުވައިގެން ގެންގޮސްދިނީ ގެއަށެވެ.
ކާރު މަޑުކޮށްފައި ހަމައެކަނި އޭނާ ބޭލީއެއް ނޫނެވެ. އޭނާވެސް ކާރުން ފެއިބީއެވެ. ބުނީ ދިރިއުޅޭތަނަށް ވަދެލަން ބޭނުން ކަމަށެވެ. ސިއްރުކުރަންޖެހޭނެ ކަމެއް ނެތުމުން އެކަން ޤަބޫލުކޮށް ގެންގޮސް ދިރިއުޅޭ ކޮޓަރިއަށް ވެއްދިއެވެ. މަންމަ ފެނުމާއިއެކު 3 ކުދިން އައިސް ކޮތަޅު އަތުލައި އެއިގައިހުރި ކާތަކެތި ނަގައިގެން ކާން ފަށައިފިއެވެ. ކުދިން ހަމައަކަށް އެޅިލުމުން ތަށްޓަކަށް އެތިކޮޅެއްލައި މަންމައަށް ދިނެވެ. އެއިރު ވެރިޔާއަށް ހުރީ ރޮވިފައެވެ. ހަމަ މިމާލޭގައި ނިކަމެތިން ދިރިއުޅޭ ޙާލު ކުރިން ލޮލަށް ނުފެންނާތީކަމަށްވެސް ވެދާނެއެވެ.
އިތުރު ވާހަކައެއް ނުދައްކައިހުރެފައި ގެއިން ނުކުންނަމުން ބުންޏެވެ. "ދައްކަންހުރި ވާހަކަ ވަރަށް ގިނައެވެ. އެކަމަކު މިވަޤުތަކު ނޫނެވެ. މިއޮތީ ދެހާސް ރުފިޔާއެވެ. ގޭތެރޭގެ ޚަރަދުތައް ކުރާށެވެ. މާދަމާ މަސައްކަތު ދިއުމުން ބައްދަލުކުރާނަމެވެ."
ދެމީހުންގެ ގުޅުމަށް މަސްދުވަސްވީއިރު ދެމީހުން ތިބީ ކައިވެނިކޮށްގެންނެވެ. ދިރިއުޅެނީ ކޮޓަރިއަކު ނޫނެވެ. 4 ކޮޓަރީގެ އަގުބޮޑު ފްލެޓެއްގައެވެ. ފިރިމީހާގެ ފުރަތަމަ އަނބިމީހާ މަރުވުމުން ނިކަމެތިކަން ލިބިފައި ތިބި 2 ދަރިންނަށްވެސް އުފާވެރިކަންދީގެންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ޢިބްރަތް ޙާޞިލުކުރާށެވެ! ކިތަންމެ ނިކަމެތި ޙާލެއްގައި އުޅެންޖހުނަސް މާތް ﷲ އަށް ތެދުވެރިވެ ހުރެގެން ދުޢާކުރަމުން ގެންދާށެވެ! އެމީހެއްގެ ދުޢާ ޢިޖާބަކުރައްވަވާނެތެވެ. އިން ޝާ ﷲ
ނިކަން ވިސްނައިލަބަލާށެވެ! އެމީހާގެ ކާރުގައި އެއަންހެންމީހާ ގެއަސް ގެންދަން ވިސްނުނީ ކިހިނަކުން ހެއްޔެވެ؟ ބާލާފައި ނުގޮސް ވަދެ ޙާލު ބަލައިލަން ހިތަށް އެރީ ކިހިނަކުން ހެއްޔެވެ؟ އެފެންވަރުގެ މީހަކަށް ކޮންމެ އަންހެނަކުވެސް ލިބިދާނެއިރު އެނިކަމެތި އަންހެންމީހާއާއި ކައިވެނިކުރާހިތްޖެހުނީ ކީއްވެގެން ހެއްޔެވެ؟ މިހުރީ ވިސްނާ މީހަކު ޙައިރާންވާނެ ކަންކަމެވެ.
- ސަލްމާ / މިއަދުނޫހުގެ ކިޔުންތެރިއެއް