ޢިބްރަތްތެރި ވާހަކަ: އަނބިދަރިންނަށް ޚަރަދުކުރުން މަދުކޮށް ލޯބިވެރިޔާއަށް ޚަރަދުކުރަމުން މަންމަ ބަލިވެގެން ޚަރަދުކުރަނީކަމަށްބުނި ފިރިއަކު ހިތާމަވެރި ގޮތަކަށް ނިމިދިއަ ޙާދިސާއެއްގެ ވާހަކަ-

ކިޔުމަށް ހޭދަވާނީ 3މ 25ސ
ޢިބްރަތްތެރި ވާހަކަ: އަނބިދަރިންނަށް ޚަރަދުކުރުން މަދުކޮށް ލޯބިވެރިޔާއަށް ޚަރަދުކުރަމުން މަންމަ ބަލިވެގެން ޚަރަދުކުރަނީކަމަށްބުނި ފިރިއަކު ހިތާމަވެރި ގޮތަކަށް ނިމިދިއަ ޙާދިސާއެއްގެ ވާހަކަ-

"ތެދަށްބުނާނަމަ އަބަދުވެސް އުޅެމުން މިއަންނަނީ ނުފުދިއެވެ. ނުފުދިކަމަށް މިބުނަނީ ދަރިންނަށް ކޮށްދޭންޖެހޭ ކަންކަންވެސް ކޮށްނުދެވޭތީއެވެ. އެއީ ފިރިމީހާއަށް ލިބޭމިންވަރު ކަމަށްވުމުން އެއްވެސް ޝަކުވާއެއް ނުކުރަމެވެ. އެކަމަކު މިހާރު ޝަކުވާކުރަން އެބަޖެހެއެވެ. އެހައިދަތިކޮށް އުޅެމުންވެސް ލޯބިވެރިއަކަށް ޚަރަދުކުރާތީއެވެ. އެކަމަށް އެއްބަސްނުވިނަމަވެސް އެކަން އެނގެނީ ގެއަށްކަމަށްބުނެ ދޮގުހަދައިގެން ކަންމަތީ ފިހާރައިން ދަރަންޏަށްވެސް އެއްޗެތިނަގާފައި ހުންނާތީއެވެ."  

މިއީ ކިޔުންތެރިއަކު ވަރަށް އަސަރާއިއެކު ބުނެފައިވާ ވާހަކަކޮޅެކެވެ. ކިޔުންތެރިޔާއަށް ބުނެލަން ބޭނުންވަނީ ފިރިމީހާއަށް ވިސްނައިދޭން މަސައްކަތްކުރާށެވެ. ތިރީގައިވާ ޙާދިސާ ޙިއްޞާކޮށްލާށެވެ. ހެޔޮލަފާ މީހަކު ނަމަ ޢިބްރަތަކަށްވާނެއެވެ. އިން ޝާ ﷲ  

ފާފަތައް ކުރަމުން އެކަން ފޮރުވަން ބޮޑެތި ދޮގުތައް ހެދުމަކީ އިތުރަށް ކުރެވޭ ފާފަތަކެކެވެ. ފިރިހެނުންނަށް ހުއްދަ އޮތީ ޝަރުޠު ހަމަވާނަމަ އިތުރު އަނބިން ހޯދުމަށެވެ. އަނބިދަރިންނަށް ޚަރަދު ނުކުރުން ހުއްދައެއް ނޫނެވެ. އަދި ހިލޭ އަންހެނުންނާއިއެކު ފާޙިޝް ޢަމަލުތައް ކުރުންވެސް ހުއްދައެއް ނޫނެވެ! 

އިންސާނުން ކުރާ ކޮންމެ ނުބައިކަމަކަށް ވަޤުތުން ކޯފާ ލައްވަވާނަމަ ގިނަ ބައަކަށް އަބަދުވެސް ތިބެންޖެހިފައި އޮންނާނީ އަބަދުވެސް ކޯފާ ލިބިލިއެވެ. ނަމަވެސް ބައެއް މީހުންނަށް ކަންކަން މިންވަރުކުރައްވަވައެވެ. އެއީ މީސްތަކުންނަށް ޢިބްރަތަކަށެވެ.  

ތިރީގައިވާ ވާހަކައަކީ ލިބިގަތުން ވަރަށް މުހިންމު ފިލާވަޅެކެވެ! ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އަހަރެމެން ދެމީހުންގެ ކައިވެންޏަށް އެއިރު 16 އަހަރެވެ. 5 ދަރިން ތިއްބެވެ. ދިރިއުޅެމުން އައީވެސް ހަމަ އުފަލުގައެވެ. ލިބޭ އާމްދަނީ މަދުނަމަވެސް ހިތްހަމަޖެހިގެންނެވެ. ނަމަވެސް ކުއްލިއަކަށް ފިރިމީހާއަށް ބަދަލުތަކެއް އަންނަން ފަށައިފިއެވެ. ގެއަށް ކުރާ ޚަރަދު މަދުކުރަން ފެށުމާއިއެކު ގޭގައި އުޅޭ ވަގުތުވެސް މަދުކުރަން ފަށައިފިއެވެ.  

އެހިސާބުން ގޯހެއް އެބައުޅޭކަން އެނގުނެވެ. ސުވާލުކުރުމުން ބުނަނީ މަންމަ ބަލިވެއުޅޭތީ މަންމައަށް ޚަރަދުކުރަންޖެހެނީ ކަމަށެވެ. އަދި ގިނަ ވަގުތު މަންމަގެ ގާތުގައި ހޭދަކުރަނީ ކަމަށެވެ. މަންމަ އާއި އަޅުވައި ދޮގެއް ހަދައިފާނެ ކަމަށް ޤަބޫލު ނުކުރެވުނުނަމަވެސް ކަމުގެ ޙަޤީޤަތް އޮޅުންފިލުވަން ބޭނުންވިއެވެ.  

އެހެންވެ އަނެއް ދުވަހު މަންމަ އާއި ބައްދަލުކުރަން ކުދިން ގޮވައިގެން ދިއައިމެވެ. މަންމަ ބަލިވެ އުޅޭކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުން އިތުރަށް ސުވާލުކުރުމުން ބުނީ ގަދަ ކަމަށެވެ. އެއްވެސް ބައްޔެއް ވެގެން ނުއުޅޭ ކަމަށެވެ. ފިރިމީހާ މަންމައަށް އެހީތެރިވޭތޯ ސުވާލުކުރުމުން ބުނީ "އެސޮރު ނުފެންނަތާވެސް މިހާރު 6 މަސްދުވަސް ވެއްޖެ" ކަމަށެވެ. ނަމަވެސް ދޭތެރެއަކުން ފޯނުކޮށްލާ ކަމަށެވެ.

ކޮންމެއަކަސް އެރޭ ދަންވަރު ގެއަށް އައުމުން ބުނީމެވެ. "ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ފިޔަވައި އެންމެބޮޑަށް ލޯބިވާންޖެހެނީވެސް ޤަދަރުކުރަންޖެހެނީވެސް ހެޔޮކޮށްހިންޖެހެނީވެސް މައިމިހާއަށެވެ. މައިމިހާ އާއި އަޅުވައި ދޮގުހެދުމަކީ ކިހައި ބޮޑު ފާފައެއްކަންވެސް ނުއެނގެނީހެއްޔެވެ؟" އެހެން ބުނެފައި މަންމަ އާއި ބައްދަލުކުރި ވާހަކަ އާއި މަންމަ ބުނި ވާހަކަތައް ކިޔައިދިނީމެވެ.

ކުށްވެރިވީ އަޅުގަނޑެވެ. ދޭތެރެ ޖައްސަނީކަމަށް ބުނެ ނުކިޔާ ނުބައި އެއްޗެއް ނެތެވެ. ކިޔާނެ އެއްޗެއް ކިޔައި ނިމުނީމާ އެފަދަ އެއްވެސް ވާހަކައެއް ނުދައްކަން ކަމަށް ބުނީމެވެ. އަހަރެމެންނަށް ހަދާގޮތާއިބެހޭގޮތުންވެސް އެއްވެސް ވާހަކައެއް ނުދައްކާކަމަށްވެސް ބުނީމެވެ.  

ކޮންމެއަކަސް އެއިގެ 3،4 ރޭ ފަހެވެ. ދަންވަރު ގެއަށް އައިތަނުން ސްޓްރޯކެއް ޖެހިއްޖެއެވެ. ހަށިގަނޑުގެ އެއްފަޅިއާއި އަނގަ އޮރިއަށް ދަމައިގެންފިއެވެ. ހޮސްޕިޓަލުގައި ބޭއްވިތާ 10 ވަނަ ދުވަހު ނިޔާވެއްޖެއެވެ. ޖަނާޒާގެ ކަންކަން ނިންމާފައި ގެއަށް އައިސް އަނެއްދުވަހު ފިރިމީހާގެ ފޯނު ބަލައިލީމެވެ. އެއީ ފިރިމީހާގެ ފޯނު ބެލި ފުރަތަމަ ފަހަރެވެ. ލޯބިވެގެން އުޅުނު މީހާ އަށް ކޮށްފައިހުރި މެސެޖުތަކުން އެނގުނީ އެރޭވެސް ދެމީހުން ޒިނޭކުރިކަމެވެ.  

މިއަދުނޫހުގެ ކިޔުންތެރިން ވިސްނަވާށެވެ! ފިރިމީހާ އެނިޔާވީ މަންމަ އާއި އަޅުވައި ދޮގުހެދި ދޫ ބަންދުވެފައިވާ ޙާލުގައެވެ. އެކަން ދިމާވީ ޒިނޭކޮށް ޖުނުބުވެރިޙާލުގައެވެ. ވީމާ ފިރިމީހާގެ ނިމުމަކީ ރަނގަޅު ނިމުމެއްކަމަށް ބުނެވޭކަށް ނެތެއް ނޫންތޯއެވެ؟  

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަނބިންނަށް އަދި ފިރިންނަށްވެސް ޚިޔާނާތްތެރިވެ ބޮޑެތި ދޮގުތައް ހަދައި، ބިރެއް ޖެހިލުމެއް ނެތި ޒިނޭކޮށް އުޅޭ މީސްމީހުންނަށް އަޅުގަނޑުގެ މިވާހަކަކޮޅުގައި ޢިބްރަތަކަށް ފުދޭވަރުގެ ފިލާވަޅުތަކެއްވެއެވެ.  

މިއީ މާކުރީ ޒަމާނެއްގައި ހިނގާފައިވާ ކަމެއް ނޫނެވެ. އަދި މިވީ އެންމެ 8 މަސްދުވަހެވެ.

 

- އަނީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން