ޢިބްރަތްތެރި ވާހަކަ: ކިތަންމެ ގިނައިން ފައިސާދިނަސް މީހެއްގެ ފިރިއެއްވީމާ ޙަޤީޤަތް ނުބަލާ ކައިވެނިކުރަން ބޭނުންނުވި އަންހެނަކަށް ތަނަވަސް އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 28ސ
ޢިބްރަތްތެރި ވާހަކަ: ކިތަންމެ ގިނައިން ފައިސާދިނަސް މީހެއްގެ ފިރިއެއްވީމާ ޙަޤީޤަތް ނުބަލާ ކައިވެނިކުރަން ބޭނުންނުވި އަންހެނަކަށް ތަނަވަސް އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

ލޯބީގައި އަދި ކައިވެނީގައިވެސް ގިނަ ބައަކަށް ބޮޑެތި ދެރަތައް ލިބެނީ ބަލަންޖެހޭ ކަންކަމަށް ނުބަލައި އަނެކާ ދައްކާ ވާހަކަތަކަށް ބުރަވެ ގޮތް ނިންމާތީއެވެ. ޙަޤީޤަތް ބެލުމަކީ ދައްކާ ވާހަކަ ޤަބޫލުނުކުރުމެއްވެސް ނޫނެވެ. އެއީ ޔަޤީންކުރުމެވެ. ދިރިއުޅުމާއިގެން ކުރިއަށްދާން އޮތީ ކަންކަން ޔަޤީންކުރަން ކުރެވެން ހުރި ކަންކަން ކުރުމާއިއެކުގައެވެ.  

ޒަވާޖީ ޙަޔާތެއްގައި އުޅެމުން އެހެން އަންހެނަކު ދެކެ ލޯބިވާން އުޅޭނަމަ، ލޯބި ހުށަހަޅައިފިނަމަ އެމީހަކު ދައްކާ ވާހަކަތަކުގެ ހަޤީޤަތް ބެލުމަކީ ކުރަންޖެހޭނެ ކަމެއް ނަމަވެސް އެކަން ކުރެވެނީ ވަރަށް މަދު މީހަކަށެވެ. ގިނަ ފަހަރު އޮންނަނީ އެއްވެސް ކަމަކަށް ވިސްނައިވެސް ނުލާ އެމީހާ ދައްކާ ވާހަކަތައް ޤަބޫލުކުރެވިފައެވެ.  

މިއީ ހޭލުންތެރިވާންޖެހިފައިވާ ކަމެކެވެ. ތިރީގައިވާ ވާހަކައަކީ ހޭލުންތެރިވުމުން ކުރާ ފައިދާގެ ބޮޑުކަން ވަރަށް ރަނގަޅަށް އެނގިގެންދާ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. އޭނާ މަސައްކަތްކުރީ އުޚުތާއަށް ހެޔޮއެދިގެންނެވެ. ދެމީހުންގެ ކައިވެނި ނުރޫޅި ދެމެހެއްޓުވޭތޯއެވެ! ނަތީޖާއަކަށްވީ އާދައާ ޚިލާފް ބޮޑު ފައިދާއެއް އޭނާއަށް ކުރުމެވެ. ވާހަކަ ވިދާޅުވެލައްވާށެވެ!  

އަޅުގަނޑުގެ ފުރަތަމަ ކައިވެނި ރޫޅި ދެމީހުން ވަކިވާންޖެހުމުން ވަރަށް ދަތިޙާލުގައި އުޅުނީމެވެ. ލިބޭ މުސާރައިން ދިރިއުޅޭ އެޕާޓްމަންޓްގެ ކުއްޔާއި ބިލްތައް ދެއްކުމުން އެހެންކަމެއްކުރާނެ ފައިސާއެއް ނުހުރެއެވެ. ދަތިޙާލުގައި އުޅެންޖެހުނަސް އަޅުގަނޑަކީ ޙަލާލް ނޫން ގޮތަކަށް ފައިސާ ހޯދަން ބޭނުން ނުވާ އަންހެނަކަށްވާތީ ރަނގަޅު ހެޔޮލަފާ ބައިވެރިއަކު ދެއްވެވުން އެދި ދިއައީ ދުޢާކުރަމުންނެވެ.

އެއިރު ބައްދަލުވިމީހެކެވެ. އޭނާއަކީ ރަނގަޅު ވަޒީފާއެއް އަދާކުރާމީހެކެވެ.  އޭނާ ބުނީ އޭނާގެ 2 ދަރިން ތިބޭ ކަމަށާއި ނަމަވެސް ދެމަފިރިންގެ ގުޅުން ވަނީ ކެނޑިފައި ކަމަށެވެ. ދަރިން ލިބުނުފަހުން އަނބިމީހާ އެއްވެސް ވަރަކަށް އޭނާ އާއި އަޅައިނުލާކަމަށާއި ލޯބިނުދޭކަމަށެވެ.  

އެވާހަކަތައް ޤަބޫލުކުރެވި އޭނާ އާއި ކައިވެނިކުރަން އެއްބަސްވީމެވެ. އަހަރުދުވަސް ފާއިތުވެގެންދިއައިރުވެސް ކައިވެންޏެއް ނުކުރެއެވެ. ކައިވެނިކުރާ ވާހަކަ ދައްކާއިރަށް އުޅެނީ ފައިސާދީގެން ހިތްހަމަޖައްސުވާށެވެ. އެއީ އަޅުގަނޑު ބޭނުންވާ ގޮތެއް ނޫނެވެ. ލޯބިވެރިއެއްގެ އަތުން ނަމަވެސް ކައިވެނީގެކުރިން ފައިސާ ހޯދުމަކީ ހުއްދަކަމަކަށް ނުވާތީއެވެ.  

ކޮންމެއަކަސް އޭނާގެ އަނބިމީހާ ހޯދައި އޭނާ އާއި ގުޅުން އުފެއްދީމެވެ. ދެމަފިރިންގެ ކަންކަން ހުރިގޮތް އޮޅުންފިލުވީމެވެ. އަނބިމިހާއަކީވެސް ވަޒީފާއަދާކުރާ އަންހެނެކެވެ. ވަޒީފާއަދާކުރަމުން 2 ދަރިންގެ ކަންކަން ކުރަމުން ގޭތެރޭގެ މަސައްކަތްކުރަމުން ފިރިމީހާ ބޭނުންވާ ވަރަށް ވަގުތު ނުދެވެނީއެވެ. ފިރިމީހާ ގެއަށްދަނީ ދަންވަރުއެވެ. ދާނެހައި އިރެއްވަންދެން ހޭލައި ނުހުރެވެނީއެވެ.  

އެކަންކަން އަމިއްލަ ލޮލުން ބެލުމަށްފަހު ލޯބިވެރިޔާ އާއި ވަކިވީމެވެ. އެއީ އަޅުގަނޑާއި ކައިވެނިކުރިނަމަވެސް އޭނާ ކަންކަންކުރާނީ އެގޮތަށްކަމަށް ޤަބޫލުކުރެވުނީމައެވެ. ދަރިން ލިބުމުން ބަލަހައްޓަން އެހީތެރިނުވެ، ޢާއިލާއަށް ވަގުތުނުދީ އަނބިމީހާ ކުށްވެރިކޮށްފައި އަނެއްކާވެސް އެހެން އަންހެނަކު ހޯދާނެކަން ޤަބޫލުކުރެވުނީތީއެވެ.  

އޭނާ އާއި ވަކިވެފައި އޭނާގެ ވާހަކަތައް އަނބިމީހާއަށް ކިޔައިދިނީމެވެ. ދެމީހުންގެ މެދުގައި ގުޅުމެއް އޮތްކަމާއި ވަކިވާން ނިންމީ ކީއްވެގެންކަން ބުނެދިނީމެވެ. އެއީ ދެމަފިރިންގެ ދޭތެރެ ޖައްސާކަށް ނޫނެވެ. އަޅުގަނޑު ވަކިވުމުން އެހެން އަންހެނަކު ހޯދައި އަނބިމީހާއަށް ދެރަ ދިނުމުގެ ކުރިން ޙައްލެއް ހޯދަން ހޭލުންތެރިކުރުވުމުގެ ގޮތުންކަން އޭނާއަށް ވިސްނައިދިނީމެވެ. 

އެއީ 2 ދަރިން ލިބިފައިވީނަމަވެސް ޒުވާން އަންހެނެކެވެ. ފިރިމީހާގެ އަޅައިލުމާއި ލޯބިނުލިބި އެނާއަށްވެސް ނުއުޅެވޭނެތީއެވެ. އަދި ވަރިކޮށް އެއްލާލައިފިނަމަ ލިބޭނެ ދެރަވެސް ބޮޑުވާނެތީއެވެ. އަޅުގަނޑު ދެއްކި ވާހަކަތައް އޭނާ ޤަބޫލުކުރިއެވެ. އަޅުގަނޑަށް ޝުކުރު އަދާކޮށް ހެޔޮދުޢާވެސް ކުރިއެވެ. ދެ މީހުންނަކީ 2 އުޚުތުންގެ ގޮތުގައި އަބަދުވެސް ތިބުމަށް ވައުދުވީމެވެ. 

ކޮންމެއަކަސް އެއިގެ ހައަކަމަސްފަހުން ހުކުރު ދުވަހަކު ގުޅާފައި އެކުވެރިޔާ ފެށީ ރޯށެވެ. ބުނީ ވަރިކޮށްލައިފި ކަމަށާއި ކައިވެނިކުރަން އުޅޭ އަންހެންމީހާ ގެއަށްވެސް ގެނެސްފިކަމަށެވެ. އެކަމާއި ނުރުހޭނަމަ ގެއިން ނުކުމެގެންދާންވެސް ބުނެފި ކަމަށާއި 2 ދަރިން ގޮވައިގެންގޮސް ވަންނާނެ ތަނެއްވެސް ނެތްކަމަށެވެ.  

އަޅުގަނޑު ބުނީމެވެ. "މިތަނުގައި އެއްކޮޓަރި އެބަހުއްޓެވެ. މިގެއަށް އަންނާށެވެ. ބޭނުންހައި ދުވަހަކު މިގޭގައި އިނދެވޭނެއެވެ. އެކީގައި އުޅޭނީއެވެ."  

އޭނާ ހަމައެދުވަހު 2 ދަރިން ގޮވައިގެން އަޅުގަނޑުގެ ގާތަށް އަތުވެއްޖެއެވެ. ދެއަންހެނުން އެކުގައި ދިރިއުޅެންފެށީއެވެ. އޭނާއަށް ލިބޭ މުސާރައިން އޭނާވެސް ޚަރަދުކުރެއެވެ. އަޅުގަނޑަށްވެސް ވެވުނުވަރަކުން އެހީތެރިވަމެވެ.  

ދެއަންހެނުންވެސް ނަމާދުކުރަމުއެވެ. ރޭއަޅުކަންކޮށް ދުޢާވެސް ކުރަމުއެވެ. އެހެންކަމުން އެއްގޮތަކަށް އުޅޭ ދެއަންހެނުންނަށް އެކުގައި އުޅެވެންފެށުންވީ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަން ލިބުނު ހިތްވަރަކަށެވެ. ވީމާ އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ދެން މިކިޔައިދެނީ އެކަމުގެ ފޮނިނަތީޖާއެވެ. އޭނާ އާއި ކައިވެނިކުރަން ބޭނުންވެގެން މީހަކު ގެއަށް އައެވެ. އެމީހާގެ އެކުވެރިއަކާއިވެސް އެކުގައެވެ. އެއެކުވެރިޔާއަކީ އެމީހާގެ ބޮސްއެވެ. ބޮސް ނަމަވެސް ކުޑައިރުންސުރެ އެކުގައި އުޅޭ ދެމީހުންނަށްވާތީ އައީއެވެ. 

ކަންކަން ނިމިގެންދިއައީ ދެ އަންހެނުން އެކުގައި އެދެމީހުންނާއި ކައިވެނިކޮށްގެންނެވެ. އޭނާގެ ބޮސްއަށް އަޅުގަނޑު ކަމުދިއައީއެވެ. އޭނާއަކީވެސް ހުހަށްހުރި ފިރިހެނަކަށްވުމުން ދެން އޮތްބައި ﷲ އަށް ވަކީލްކޮށްފައި ކައިވެނިކުރީއެވެ. ކައިވެނިކޮށްގެން ދެ އަންހެނުންވެސް ދިރިއުޅެމުން މިގެންދަނީ އަޅުގަނޑުގެ ފިރިމީހާގެ ގޭގައެވެ. 2 އަންހެނުން 2 ފްލެޓުގައެވެ. އަޅުގަނޑުމެންނަކީ އަމިއްލައަށް އުޚުތުންނަށްވެގެން ތިބި 2 އަންހެނުންކަން އެނގުމުމާއި ދެފިރިހެނުންގެ މެދުގައި އޮތް ގާތްގުޅުމުގެ ސަބަބުން ފިރިމީހާ އެފުރުޞަތު ދިނީއެވެ.  

އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ދެމަފިރިއެއްގެ ދޭތެރެއަށް ނުވަނުމާއި ފިރިހެނުން ހަދާ ބޮޑެތި ދޮގުތައް ޤަބޫލުނުކުރުމާއި އެއަންހެންމީހާއަށް އެހީތެރިވުމުން އަޅުގަނޑަށް ދެއްވެވި އުފާވެރިކަމެވެ. ދަތިޙާލުގައިވެސް ހިލޭ ފިރިހެނުންގެ އަތުން ފައިސާ ނުހޯދައި ތާހިރު ދިރިއުޅުމެއް އުޅުމުގެ ފައިދާ ދުނިޔޭގައިވެސް ދެއްކެވި ގޮތެވެ.  

މިލިޔުން ކިޔާ ކޮންމެ އުޚުތަކަށްވެސް ފައިދާކުރާނެ ކަމަސް އުންމީދުކުރަމެވެ.

 

- ފާއިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން