ލޯބިހުށަހަޅާ މީހުން ގިންވެ ގޮތް ނިންމަން އުނދަގޫވެގެން ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ.
ޖަވާބުގައި ބުނަންއޮތީ ފުރަތަމަވެސް އިމްތިޙާނުކޮށްލާށެވެ! ލޯބިވެގެން ނޫޅެ ކައިވެނިކުރަން ބޭނުންވާ މީހުން ޝޯޓްލިސްޓްކޮށްލާށެވެ! ދެން ތިރީގައިވާ ވާހަކައިގައި އެބުނާ ފަދަ އުކުޅެއް ބޭނުންކުރާށެވެ!
ފަހަރެއްގައި ވާހަކައިގައި އެބުނާފަދަ އުކުޅެއް ބޭނުން ކުރައްވަން އުނދަގޫވެދާނެއެވެ. މިސާލަކަށް އިމްތިޙާނު ކުރުމުގެ ގޮތުން ތިބާގެ ބޭރުފުށުގެ ސިފަ ރީތިނަމަވެސް އަނެކާއަށް ބޮޑު ބުރައަކަށްވެދާނެ ކަމެއް ތިބާގެ ކިބައިގައި ހުރިނަމަވެސް ލޯބިން ގެންގުޅޭނަންތޯ؟ ޚަރަދުކުރަން ބުރައަކަށްނުވާނެތޯ؟ އެކަންކަމާއިއެކުގައިވެސް ބަލައިގަންނަން ތައްޔާރުތޯ ސުވާލުކުރެވިދާނެއެވެ.
ފާޠިމާއަކީ އަވަށުގައި ތިބި އެންމެ ރީތި އަންހެންކުދިންގެ ތެރެއިންވެސް ރީތިކަމަށް އަރައިހުރި ކުއްޖެކެވެ. މަގުމައްޗަށް ނުކުމެއްޖެނަމަ ޒުވާނުންތައް އެނާގެ ފަހަތުން އެނބުރެއެވެ. ގައިގައި ބޮސްދީ ބީހިލަން ފުރުސަތު ހޯދަން މަސައްކަތްކުރެއެވެ.
ފާޠިމާގެ ވަށާލައިގެން ޒުވާނުތައް އުޅޭތަން ފެނުމުން ކަންބޮޑުވެގެން އަވަށުގެ ހަރު، ބަސްވިކޭ، ރުޤްޔާވެސްކޮށް އުޅޭ މީހަކު އެއްދުވަހަކު ޒުވާނުންތައް ގާތަށް ގޮސް ބުންޏެވެ. "ކަލޭމެންނަށް ފާޠިމާގެ ހުރި ނުރައްކައުތެރިކަން އެނގޭނަމަ ވައިވެސް ނޭޅޭނެއެވެ. ގޮތްބަލަންވެސް ފާޠިމާއަށް ނިކަން ދޮނެއް ދީބަލާށެވެ. އިސާހިތަކު އެމީހަކު މަރުވާނެއެވެ."
އެހެން ބުނެފައި އެމީހާ މަޑުވެސް ނުކޮށް ދިއައީއެވެ. އެއިގެ ފަހުން ފާޠިމާ އާއި ވާހަކަދައްކަން ވެސް ޒުވާނުން ބިރުގަނެއެވެ. ފާޠިމާ ފެނުނަސް ބަލަނީ ދުރަށްދެވޭތޯއެވެ. ފާޠިމާގެ އުމުރުން ދުވަސްތައް ފާއިތުވަމުން ގޮސް 25 އަހަރުވީއިރުވެސް އޭނާ އާއި ލޯބީގެ ގޮތުން އަނގައިން ބުނާނެ ޒުވާނަކުވެސް ނުވިއެވެ.
އެކަމާ ފާޠިމާ ވަރަށް ދެރަވެފައި ހުއްޓައި ޒުވާނަކު ފާޠިމާ އާއި ބައްދަލުކޮށްފައި ބުނީ ފާޠިމާދެކެ ވަރަށް ލޯބިވާކަމަށެވެ. ފާޠިމާ އާއިމެދު އެމީހާ ބުނި ބަސް އެނގޭކަމަށާއި އެނގިހުރެވެސް ކައިވެނިކުރަން ބޭނުންވާ ކަމަށެވެ. އޭނާގެ ޢާއިލާއިންވެސް ކައިވެންޏަށް ދެކޮޅުހަދަމުންދަނިކޮށް އެޒުވާނާ ފާޠިމާ އާއި ކައިވެނިކޮށްފިއެވެ. އެކުގައި ރޭވެސްކޮށްފިއެވެ. އޭނާ މަރެއްވެސް ނުވިއެވެ.
އެހެނަސް ގިނަ ބައަކު ހީކޮށްގެންތިބީ ވަރަށް އަވަހަށް އެޒުވާނާ މަރުވާނެ ކަމަށެވެ. ކައިވެންޏަށް އަހަރުވެ ދަރިއަކު ލިބުނުފަހުން ދެމަފިރިން އެކުގައި އެމީހާ ގާތަށް ގޮސް އޭނާ އެދުވަހު އެހެންބުނި ނަމަވެސް ފިރިމީހާ އަދިވެސް މަރުނުވާތީ މަރުވާނީ ކޮން ދުވަހަކުތޯ ސުވާލުކުރިއެވެ.
އެމީހާ ބުންޏެވެ. "އަހަރެން ކޮންމެ އެއްޗެކޭ ބުނި ނަމަވެސް ކޮންމެ މީހަކުވެސް މަރުވާނީ އެމީހާގެ އުމުރުހަމަވީމައެވެ." އެހެންވީއިރު އެދުވަހު އެހެންބުނީ ކީއްވެގެންތޯ ސުވާލުކުރުމުން ކިޔައިދިނެވެ.
"އެއިރު ހުރިހާ ޒުވާނުން އުޅުނީ ފާޠިމާގެ ރީތިކަމުން ފައިދާ ހޯދާށެވެ. އެމީހުން އުޅުނީ ފާޠިމާދެކެ ލޯބިން ކައިވެނިކުރާކަށް ނޫނެވެ. އެހައިވަރަށް ލޯބިވާ މީހަކުހުރިނަމަ އަހަރެން ބަހެއް ބުނީތީ ބިރުން އަނގައިންވެސް ނުބުނެ ތިބެންވީ ކީއްވެގެންހެއްޔެވެ؟ ފާޠިމާ ދެކެ ޙަޤީޤަތުގައިވެސް ލޯބިވާ މީހާ އެވަނީ އެއްވެސް ޖެހިލުމެއް ނެތި ކައިވެނިކޮށްފައެވެ. ރޭވެސްކޮށްފައެވެ. ވީމާ މީހަކު ހަމަ ހުރެފައި ކަލޭ ވަރަށް ރީތިކަމަށާއި ގައިގޯޅިވެލަން ބޭނުންވާކަމަށާއި ވަރަށް ބޮޑަށް ލޯބިވާކަމަށް ބުނި ނަމަވެސް އެވާހަކަތައް ދެންވެސް އަޑުވެސް ނުއަހާށެވެ! ތިއަ ލިބުނު ޙަޤީޤީ ލޯބިވެރިޔާއާއިއެކު ދިރިއުޅެވޭތޯ މަސައްކަތްކުރާށެވެ! ފިރިމީހާ މަރުނުވިކަން އެނގުމުން އަނެއްކާވެސް އެޒުވާނުންތައް ފަހަތުގައި އަޅުވާނެއެވެ. ނަމަނަމަ ނުހެއްލޭށެވެ!"
- މިއަދުނޫސް