އެއީ 2 ލޯބިވެރިންނެވެ. ކައިވެނިކުރަން ހުރިހާ ކަމެއް ހަމަޖެހިފައި އޮތީ އަންހެންކުއްޖާގެ އުފަންދުވަހުގެ 3 ދުވަސް ފަހުންނެވެ. އެއީވެސް މުހިންމު ސަބަބަކަށްޓަކައެވެ. ދެމީހުންގެ ލޯބީގެ ގުޅުމަށް 3 އަހަރުފުރޭ ދުވަސްކަމަށްވުމުންނެވެ.
އަންހެންކުއްޖާގެ އުފަން ދުވަހެވެ. އުފަންދުވަސް ފާހަގަކުރަން ކުރީރޭ ހޭދަކުރީ ދެމީހުން އެކުގައެވެ. ހެނދުނު ހޭލިތަނުން ފުރަތަމަވެސް ލިބެނީ ވޮއިސް މެސެޖެކެވެ. "މިގުޅުން ކުރިއަށް ގެންދެވޭކަށް ނެތެވެ. މިހިސާބުން ނިމުނީއެވެ. ވެޑިންގ ކެންސަލްއެވެ. އިތުރަށް ގުޅަން ނުހަދާށެވެ!" ކޯލްކުރަން އުޅެއުޅެ ނުކުރެވުނެވެ. ބްލޮކް ކޮށްފައެވެ.
އެދުން ނުތެދުވަން ވިސްނިއެވެ. ނަމަވެސް ނުތެދުވެވެސް ވާކަށް ނެތެވެ. ވަޒީފާއަށް އެދިފައި އޮތުމުން އިންޓަރވިޔުއަށް ދާންޖެހޭތީއެވެ. އެހެންވެ ހިތްވަރުކޮށްފައި ތެދުވެ ފެންވަރައި ރީތިވެގެން އިންޓަރވިޔުއަށް ދިއައީ ލިބިފައި ހުރި މާޔޫސްކަން ބޮޑުކަމުން ކުރާ ސުވާލުތަކަށް ޖަވާބު ނުދެވިދާނެތީ ވަރަށް ފިނިވެފައި ހުރެގެންނެވެ. ނަމަވެސް ކާމިޔާބަށް އެދިގެން ދުޢާކުރަމުންނެވެ.
އިންތަރވިޔުކުރާ ކޮޓަރިއަށް ވަންއިރު ބޮޑުގޮނޑީގައި އިނީ ކޮލެޖުގައި އޭނާގެ ފަހަތުން އެންމެ ބާރަށް ދުވި ޒުވާނާއެވެ. އެހެންވެ ހިނިވެސް އައެވެ. ކުރާނީ ކޮން އިންޓަރވިޔުއެއްކަން ނުއެނގޭތީއެވެ. ފުރަތަމަވެސް އަދާކުރީ އުފަންދުވަހުގެ ތަހުނިޔާއެވެ. ދެން ކުރި ސުވާލަކީ ވެޑިންގގެ ހުރިހާ ކަމެއް ހަމަޖެހި ނިމުނީތޯއެވެ؟ އެއީ އޭނާއަށްވެސް ދަޢުވަތުދެވިފައިވާތީއެވެ.
ޖަވާބުގައި ކަންކަން ވީގޮތް ކިޔައިދިނީމެވެ. ވޮއިސް މެސެޖް އިއްވީމެވެ. އަޑުއިވުމުން އިރުކޮޅަކު އިނދެލާފައި ބުނީ ވެޑިންގ ކެންސަލް ނުވާކަމަށެވެ. ވެޑިންގ ކުރިއަށް ގެންދަން ޖެހޭނެ ކަމަށާއި ހަމައެކަނި ބަދަލުވާނީ ކައިވެނިކުރެވޭ ފިރިމީހާ ކަމަށެވެ. ޖަވާބުގައި ބުނީމެވެ. "ކުރިންވެސް އެއްބަސް ނުވެވުނީ އެއްފެންވަރު ނޫންވީމައެވެ. އެކަމަކު ދެކޮޅުހަދާނެ ހިތްވަރެއް މިހާރަކު ނެތެވެ. އަހުރެން މިއަދު ހުންނާނެ ޙާލަތު އެނގޭއިރު ސަމާސަކުރަން ނޫނީ ބަދަލުހިފަން އިތުރު އަނިޔާއެއް ދީފިނަމަ ދުވަހަކުވެސް މާފެއް ނުކުރާނަމެވެ."
އޭނާ އަހުރެން ގޮވައިގެންދިއައީ އޭނާގެ ބައްޕަގެ ކޮޓަރިއަށެވެ. މަންމަވެސް މޭޒެއްގައި އިނެވެ. އެއްވެސް ޖެހިލުމެއް ނެތި ކޮލެޖުއިރުން ފެށިގެން ހުރިހާ ވާހަކަތަކެއް ކިޔައިދީފައި ބުނީ ކައިވެނީގެ ކަންކަން އަވަހަށް ހަމަޖައްސައިދިނުމަށެވެ. އެދެމަފިރިން އެކަކު އަނެކަކަށް ބަލަން އިރުކޮޅަކު ތިބެފައި ވާހަކަ ދެއްކީ މަންމައެވެ. "އިބްރާހީމްބެ ގާތު ބުނެގެން ކޯޓުކަންތައް ނިންމާށެވެ. ވެޑިންގ ޑްރެސް މިހާރު އޮންނާނީ ފަހާފައިތާއެވެ. ފެހޭނެނަމަ އަލުން ފެހިޔަސް މައްސަލައެއް ނެތެވެ. ދަރިފުޅު ލާނެ ކޯޓު މާދަމާގެ ފްލައިޓުން ފޮނުވަން މިގުޅަނީއެވެ. ގޭގެ ފްލެޓު ފުރިހަމަކޮށްލަން ހަފްތާއެއްވަރު ބޭނުންވާނެއެވެ. ކައިވެނިކޮށްގެން ބޭނުން ރިޒޯޓަކަށްދާށެވެ. ހަފްތާއެއް ކޮށްފަ އަންނަންވާއިރަށް ފްލެޓް ނިންމާނަމެވެ. ދެން ކުރަންހުރި ކަމާއިގެން ދެކުދިން އަވަހަސް ކުރިއަށްދާށެވެ!
ތިއައީ މަންމައަށްވެސް ބައްޕައަށްވެސް ވަރަށް ރަނގަޅަށް އެނގޭ ކުއްޖެކެވެ. މަންމަ މަރިޔަމްފުޅަކީ ވަރަށް ގާތް އެކުވެރިއެކެވެ. ބައްޕަ ލައްވައި މަންމަގެ އަތުގައި ހިއްޕުވީވެސް މަރިޔަމްފުޅެވެ."
ބޭނުންވި ގޮތަށް ކައިވެނިކުރެވުނެވެ. ބަދަލުވީ ވެޑިންގ ހަފްލާ ބާއްވާތަނެވެ. ގެއިން މާލޭގެ މަޝްހޫރު ބޮޑު ހޮޓަލަކަށެވެ. އެކައިވެންޏަށް މިހާރު 27 އަހަރެވެ. ދެމަފިރިން އުޅެމުން އެގެންދަނީ އެންމެ ލޯބިންނެވެ.
ދެން ނިކަން ބުނެބަލާށެވެ! ލޯބިވެރިޔާއަށްވެސް އަދި ބައިވެރިޔާއަށްވެސް ތިބާއަށް ދެރައެއް ނުދެވޭނެކަމަށް ޤަބޫލެއް ނުކުރާނަން ހެއްޔެވެ؟ މިކައިވެނި ޢިބްރަތަކަށް ނުފުދޭ ހެއްޔެވެ؟
- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ-