ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކުން ރާއްޖެއަށް ބޭނުންވާ އެތައް ކަމެއް ދަނީ ހާސިލްވަމުން: އިސް ތަރުޖަމާނު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކުން ރާއްޖެއަށް ބޭނުންވާ އެތައް ކަމެއް ދަނީ ހާސިލްވަމުން: އިސް ތަރުޖަމާނު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އެތައް ކަމެއް ހާސިލްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.

"ޕްރެސަރ ވިތު ދަ ސްޕޮކްސް"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ތަރުޖަމާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުތަކުގެ ސަބަބުން އެކި ދާއިރާތަކުން ރާއްޖެއަށް މާނަހުރި ގޮތެއްގައި ފައިދާތަކެއް ކުރަމުންދާ ކަމަށެވެ.

ދާދިފަހުން ރައީސް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަށް އަލިއަޅުއްވާލައްވަމުން، ތަރުޖަމާނު ވިދާޅުވީ ސްރީލަންކާއަކީ ރާއްޖޭގެ އެންމެ ޒަމާންވީ އަވަށްޓެރިޔާ ކަމަށާއި، ސްރީލަންކާއަށް ކުރާ ދަތުރުފުޅެއްގެ އެޖެންޑާގެ އެންމެ ކުރީގައި ހިމެނޭނީ ހަމައެކަނި އިންވެސްޓްމެންޓެއް ނުވަތަ ލޯނެއް ހޯދުން ނޫން ކަމަށެވެ.

"މިސާލަކަށް ސްރީލަންކާ. ސްރީލަންކާއަކީ އިންޑިއާއެއް ނޫން. ޗައިނާއެއް ނޫން. ޔޫއޭއީއެއްވެސް ނޫން. އެހެންމަ އެތަނަށް ދާއިރު އަޅުގަނޑުމެންގެ އެޖެންޑާގައި އެންމެ މަތީގައި އޮންނާނީ އިންވެސްޓްމެންޓެއް ނޫނިއްޔާމު ލޯނެއް ހޯދުމެއް ނޫންތާ. ސްރީލަންކާއަކީ އެންމެ ޒަމާންވީ އަޅުގަނޑުމެންގެ އަވަށްޓެރިޔާ. އެހެންމަ ސްރީލަންކާއާއި އަޅުގަނޑުމެންގެ ދެމެދުގައި މި އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ ސަބަބުން ވާ ފައިދާތައް ވަރަށް ގިނަވާނެ." ތަރުޖަމާނު ވިދާޅުވި އެވެ.

ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި، ސްރީލަންކާ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު 7 އެއްބަސްވުމަކީ ރާއްޖޭގެ ތަރައްޤީ ކުރިއެރުވުމަށް ބޭނުންވާ އަސާސީ އަދި ނުހަނު މުހިންމު އެއްބަސްވުންތަކެކެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެ ހަރުދަނާ ވުމަކީ ރާއްޖެއަށް ގިނަ ގޮތްގޮތުން ފައިދާ ކުރާ ކަމެއް ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.

މިއަދު އޮންލައިން