އޭޑީއެޗްޑީ ބޭސް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް މަޖިލީހުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
އޭޑީއެޗްޑީ ބޭސް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް މަޖިލީހުން ފާސްކޮށްފި

އެޓެންޝަން-ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ، އެބަ ނަމަ، އެޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ ބޭހެއްކަމަށްވާ މެތަލްފެނެޑޭޓް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ޖަދުވަލު 1 އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މައްސަލަ ދިރާސާކޮށް، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ތައްޔާރުކުރި ރިޕޯޓު ޖަލްސާއަށް ހުށަހެޅުމުންނެވެ. ކޮމިޓީ ރިޕޯޓު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ރާއްޖެ އެތެރެކުރުން ކުރިން މަނާ ކުރެވިފައިވާ ބޭހެއްކަމަށްވާ މެތަލްފެނެޑޭޓް، ރާއްޖެ އެތެރެކުރެވޭ ގޮތް ހެދުމަށް ފުރަތަމަ ހިޔާލު ހުށަހެޅިފައިވަނީ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފަޔާ ގުޅިގެން ވަޒީރުންގެ މަޖިލީހުގައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިންނެވެ. ވަޒީރުންގެ މަޖިލީހުން ވަނީ، ރާއްޖެ އެތެރެކުރުން މަނާ ތަކެތީގެ ލިސްޓުން، ނުވަތަ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ޖަދުވަލު 1 ން، ބޭސް އުނިކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފެންނަ ކަމަށް ނިންމަވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ރުހުން ހޯދުމަށް ބޭނުންވާ ލިޔެކިޔުންތައް ފޮނުއްވާފައެވެ. ރައީސް ފޮނުއްވި މައްސަލަ ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީންނެވެ. ކޮމިޓީން ވަނީ ބޭހަށް ހުއްދަ ދިނުމަށް ކޮމިޓީ މެންބަރުންގެ އިއްތިފާގުން ފާސްކޮށް، ކޮމިޓީ ރިޕޯޓު ޖަލްސާއަށް ހުށަހަޅާފައެވެ.

މިއަދު އޮންލައިން