މީޑިއާ ވިލެޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު އެ ސައިޓަށް ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތުގައި ވަޒީރު ވަނީ މަޝްރޫޢުގެ ޓީމާ ބައްދަލުކުރައްވައި، މަސައްކަތްތައް ކުރިއަށްދާ މިންވަރު އޮޅުންފިލުއްވާފައެވެ. އަދި މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މީޑިއާ ވިލެޖަކީ މީޑިއާތަކުން އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ބޮޑު ކުލީގައި ހިފަންޖެހުމުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތްތައް މިހާރު އަންނަނީ ބާރު ދުވެއްޔެއްގައި ކުރިއަށްގެންދަމުންނެވެ.
މި އިމާރާތް ފުރިހަމަވެގެންދާއިރު، މީޑިއާތަކަށް ޚާއްޞަކޮށްގެން 34 ޖާގަ މި ވިލެޖުގައި ހިމެނޭނެއެވެ. މީގެ ސަބަބުން މީޑިއާތަކުގެ ހިންގުމުގެ ޚަރަދު ކުޑަވެ، މިނިވަންކަމާއެކު މަސައްކަތްކުރުމަށް ފަހި މާޙައުލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.