ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި

ރާއްޖޭގައި ޒާތީ މަޢުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް، ސަރުކާރުގެ ފަރާތުން "ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު އަލީ އިބްރާހިމެވެ.

މި ބިލު ޤާނޫނަކަށް ވެއްޖެނަމަ، ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ރާއްޖޭގައި ޒާތީ މަޢުލޫމާތު ބެލެހެއްޓުމުގެ ފުރިހަމަ ނިޒާމެއް ޤާއިމުކުރެވިގެންދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ޒާތީ މަޢުލޫމާތު ނިސްބަތްވާ ފަރާތްތަކުގެ ޙައްގުތައް ކަށަވަރުކޮށް، މަޢުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި، އެ ފަރާތްތައް ރެގިއުލޭޓްކުރުމާ ބެހޭ އުސޫލުތައް ބިލުގެ ދަށުން ބަޔާންކުރެވޭނެ ކަމަށްވެސް ބިލުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ އިދާރާތަކާއި ކްރޮސްބޯޑަރ ފަރާތްތަކަށް ޒާތީ މަޢުލޫމާތު ޓްރާންސްފަރ ކުރުމާ ގުޅޭ އުސޫލުތައްވެސް މި ބިލުގެ ތެރެއިން ކަނޑައެޅިގެންދާނެ ކަމަށް ބިލުގައި ވެއެވެ. ޑޭޓާ ބްރީޗެއް މެދުވެރިވެއްޖެ ހާލަތެއްގައި، މަޢުލޫމާތު ޕްރޮސެސްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތުގެ ސާފު އުސޫލުތަކެއްވެސް ބިލުގައި ބަޔާންކޮށްފައިވާ ކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ.

ރައްޔިތުންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކޮށް، ޑިޖިޓަލް ދައުރުގައި ފަރުދުންގެ ޙައްގުތައް ޙިމާޔަތްކުރުމަށް ކަމާ ގުޅޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ރާއްޖޭގައި ޤާއިމުކުރުމަކީ ދިގު ދުވަހެއްވަންދެން ގިނަ ބަޔަކު ގޮވަމުން އައި ގޮވާލުމެކެވެ. ސަރުކާރުން ހުށަހެޅި މި ބިލަކީ، ރައްޔިތުންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމަށް ސަރުކާރުން ނަގާ ހަރުދަނާ ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މިއަދު އޮންލައިން