ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ތަކުރާރުކޮށް ހިލާފުވަމުންދާތީ، އެ ޕާޓީ އެއްލައްކަ ރުފިޔާއިން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖޫރިމަނާކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީގެ އިސް ފަރާތެއް ކަމުގައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފޮނުވި ސިޓީއެއްގައެވެ.
އީސީން ބުނެފައިވަނީ ޕީއެންއެފް ޖޫރިމަނާކުރަން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެ ޕާޓީން ތަކުރާރުކޮށް ހިލާފުވަމުންދާތީ ކަމަށެވެ. އެގޮތުން އެ ޕާޓީން ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުން ބޭރުން ސިލްސިލާކޮށް އެކިއެކި ހަރަކާތްތައް ހިންގަމުންދާކަން ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައެވެ.
މީގެ އިތުރުން، އެހެން ސިޔާސީ ޕާޓީތަކުން ބާއްވާ ބައްދަލުވުންތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމާއި، އެފަދަ ބައްދަލުވުންތައް ކުރިއަށްދާ ވަގުތުތަކާ ދިމާކޮށް އެ ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގުން ޕީއެންއެފްގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމަށްވެސް އީސީގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ސިޓީގައި ބުނެފައިވަނީ، ”ތިޔަ ޕާޓީއިން ގާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 45 ވަނަ މާއްދާއާ ތަކުރާރުކޮށް ހިލާފުވެފައިވާތީ، އެ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން 100,000 (އެއްލަކަ) ރުފިޔާއިން ޖޫރިމަނާކޮށްފީމެވެ.“
މިއީ ސިޔާސީ ޕާޓީއަކުން ގާނޫނާ ހިލާފުވެގެން މިފަހަކަށް އައިސް އިލެކްޝަންސް ކޮމިޝަނުން އެޅި އެންމެ ހަރުކަށި އެއް ފިޔަވަޅެވެ. މި ޖޫރިމަނާއާ ގުޅިގެން ޕީއެންއެފްގެ ފަރާތުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.