ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ސިންތެޓިކް ދުވާ ޓްރެކް އަޅަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ސިންތެޓިކް ދުވާ ޓްރެކް އަޅަނީ

މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ސިންތެޓިކް ދުވާ ޓްރެކް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ސިޓީތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރާއްޖޭގެ ހުރިހާ ރަށެއްގައި ސިންތެޓިކް ޓްރެކް އެޅުމަށް ނިންމާފައިވާ ކަމަށާއި، މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ.

"ފެށޭނެ ޑޭޓެއް މިގަޑީ ދަންނަވާ ނުލެވުނަސް، މި އަހަރުގެ ތެރޭގައި ހުރިހާ ސިޓީއެއްގައި އެ ޕްރޮޖެކްޓުތައް ކުރިއަށްދާނެ،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ސިންތެޓިކް ދުވާ ޓްރެކް ގާއިމުކުރުމަކީ، މި ސަރުކާރުން ކުރިއަށްގެންދާ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ޕްރޮޖެކްޓެވެ. ރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށާއި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތައް ހަމަހަމަ އުސޫލުން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

މި މަޝްރޫއު ކުރިއަށްދާނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން މާލޭ ކުޅިވަރު އެކުވެނީގައި ގާއިމުކުރި ސިންތެޓިކް ދުވާ ޓްރެކަކީ ވެސް އިންޑިއާގެ ހިލޭ އެހީގެ ދަށުން ގާއިމުކުރި ޓްރެކެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިންތެޓިކް ޓްރެކުތައް ގާއިމުކުރުމަކީ ސަރުކާރުން ރާވާފައިވާ ކުޅިވަރު ތަރައްޤީގެ ވިސްނުމާ ފުރިހަމައަށް އެއްގޮތް ކަމެއް ކަމަށް ސަރުކާރުން ދެކެއެވެ.

މިއަދު އޮންލައިން