ޢިބްރަތްތެރި ވާހަކަ: ދަރިފުޅު އުފަންވި ވަޤުތުވެސް ހޮސްޕިޓަލުގަ މަޑުކޮށްނުލައި ލޯބިވެރިއެއްގެ ފަހަތުން ދިއަ މީހަކަށް ޖެހުނު ނިކަމެތިޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ޢިބްރަތްތެރި ވާހަކަ: ދަރިފުޅު އުފަންވި ވަޤުތުވެސް ހޮސްޕިޓަލުގަ މަޑުކޮށްނުލައި ލޯބިވެރިއެއްގެ ފަހަތުން ދިއަ މީހަކަށް ޖެހުނު ނިކަމެތިޙާލުގެ ވާހަކަ-

އެއީ ތަނަވަސް އަންހެނެކެވެ. ތަނަވަސް ބައްޕައެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ލޯބީގެ އަވާގައި ޖެހެވި ކައިވެނިކުރެވުނީ ހިލޭ އަންހެނުންނާ ގުޅުން ހިންގުމުގައި އެންމެ ކުރީ ސަފުގައި ހުރި ފިރިހެނަކާއިއެވެ. އެކަން އެނގުމުންވެސް ވަކިނުވެ އިޞްލާޙްވުމަށް އައީ ނަޞީޙަތްދެމުންނެވެ. ލޯބިވެވޭވަރު ބޮޑުކަމުންނެވެ.  

ފުރަތަމަ ދަރިފުޅު ލިބުނީ ކައިވެންޏަށް ދެވަނަ އަހަރުއެވެ. ދަރިފުޅު ނަގަންޖެހުނީ ސިޒޭރިއަން ހަދައިގެންނެވެ. ހޭއެރިއިރު ޢާއިލާގެ އެންމެންވެސް ތިއްބެވެ. ފިރިމީހާވެސް ހުއްޓެވެ. ފިރިމީހާ އެތަނުގައި މަޑުކުރާނެ ކަމަށް ބަލައި ޢާއިލާގެ މީހުން ކެފެޓޭރިއާއަށް ދިއަތަނާ ބަހަނާތަކެއް ދައްކާފައި ފިރިމީހާ ނުކުމެގެން ހިނގައްޖެއެވެ. ދިއުމުގެ ކުރިން ފޯނުން ދެއްކި ވާހަކައިން އެދިއައީ ލޯބިވެރިއެއްގެ ގާތަށްކަން އެނގުނެވެ.

ހުރިހާ ކަމަކަށް ކެތްތެރިވަމުން އައި އަނބިމީހާއަކަށް އެކަމަކަށް ކެތްތެރިއެއް ނުވެވުނެވެ. އެމުހިންމު ވަޤުތުގައިވެސް އެގޮތަށް ކަންތައް ކުރީތީއެވެ. ޢާއިލާގެ މީހުން ކޮޓަރީގައި ނެތި އެކަނި ދޫކޮށްލާފައި ދިއުމުންނެވެ.  

އިރުކޮޅެއްފަހުން ޢާއިލާގެ މީހުން އައިސް ފިރިމީހާ ކޮބައިތޯ؟ ބޭހެއް ގަންނަން ޖެހުނީތޯ؟ ސުވާލުކުރުމުން އޭނާ ބުންޏެވެ. "ބައްޕާއެވެ! އެންމެ ކަމެއް ކޮށްލަދެއްވާށެވެ! ބައްޕަ ދެއްވާފައި އޮތް ކޭޝްކާޑު ބުލޮކުކޮށްލައިދެއްވާށެވެ!" ދަރިފުޅު އެކަމަށް އެދުމާއިއެކު އިތުރު ސުވާލެއްވެސް ނުކޮށް ބައްޕަ އެކާޑު ބުލޮކްކުރިއެވެ. އެއީ މާކުރިންސުރެ ކުރަން ބޭނުންވެގެންހުރި ކަމަކަށްވާތީއެވެ. ދަރިފުޅަށްޓަކައި ނުކޮށް މަޑުކޮށްގެން ހުރީތީއެވެ.  

ގަޑިއެއްހައިއިރުފަހުން ފިރިމީހާ ގުޅާފައި ސުވާލުކުރީ ކާޑުބުލޮކްކުރީ ކީއްވެގެންތޯއެވެ؟ މިއިނީ ބިލްނުދެއްކި ރެސްޓޯރަންޓެއްގައި ތާށިވެފައި ކަމަށްވެސް ބުންޏެވެ. އަނބިމީހާ ބުންޏެވެ. "ކަލޭގެ ކާޑެއް ބުލޮކެއް ނުކުރަމެވެ. ކާޑުބުލޮކްކުރީ ކާޑުގެ ވެރިމީހާއެވެ! ތިއައިން ތަނެއްގައި އިންނާށެވެ! ނޫނީ އުޅޭނެ ތަނެއްގައި އުޅޭށެވެ! ފްލެޓުގެ ތަޅުގެ ޕާސްވޯޑް ބަދަލުކުރުވައިފީމެވެ. ދެން ގެއަކަށް ނުވަދެވޭނެއެވެ. މިތަނަކަށްވެސް އަންނާނެ ކަމެއް ނެތެވެ. މިތަނަކުވެސް ކަލޭކުރާނެ ކަމެއް ނެތެވެ."  

މިކިޔައިދިނީ އަޅުގަނޑުގެ އެކުވެރިއަކަށް ކަންކަން މެދުވެރިވިގޮތެވެ. ކޮންމެ ދުވަހަކުހެން އުޅުން އިޞްލާޙްކުރަން ނަޞީޙަތްދިނީމެވެ. އަނބިމީހާގެ ކެތްތެރިކަން ކޮޅުންލާނެކަން ވިސްނައިދިނީމެވެ. އެހާރަނގަޅު އަންތބަކު ނުލިބޭނެކަންވެސް ވިސްނައިދިނީމެވެ. ނަމަވެސް އެއްވެސް ނަޞީޙަތެއް ޤަބޫލުނުކުރީއެވެ.  

އަނބިމީހާގެ ތަނަވަސްކަމުގަ އުދުހެމުން އައި އެކުވެރިޔާ މިހާރު ކުރާ މަސައްކަތަކީ މަޖޫރީކުރުމެވެ. ކަސްޓަމުން މުދައުނެރޭ ގުރޫޕެއްގައި މަސައްކަތްކުރަނީއެވެ. ގަނޑުވަރެއް ފަދަ ފްލެޓެއްގައި ދިރިއުޅުނު އެކުވެރިޔާ މިހާރު ނިދަނީ އަނބިމިހާއާ 3 ދޮންދަރިންނާއެކު ކުޑަ ކޮޓަރިއެއްގައެވެ.

މިއަދު އޮންލައިން