ބޭވަފާތެރިވުމަކީ ލިބެން ހުންނަ ނިޢުމަތްތައް ގެއްލޭ ކަމެއް!: އަނބިމީހާގެ ކިބައިން މިލިއަނުން ލިބެން އޮތް ތަނަވަސްކަން ބޭވަފާތެރިވުމުން ގެއްލި ހިތާމަކުރަންޖެހުނު ފިރިއެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 8ސ
ބޭވަފާތެރިވުމަކީ ލިބެން ހުންނަ ނިޢުމަތްތައް ގެއްލޭ ކަމެއް!: އަނބިމީހާގެ ކިބައިން މިލިއަނުން ލިބެން އޮތް ތަނަވަސްކަން ބޭވަފާތެރިވުމުން ގެއްލި ހިތާމަކުރަންޖެހުނު ފިރިއެއްގެ ވާހަކަ!

ކިތަންމެ ފަޤީރަސް އަދި ތަނަވަސް ނަމަވެސް ދެމަފިރިން އެކަކު އަނެކަކަށް ވަފާތެރިނަމަ ޒަވާޖީ ޙަޔާތުގައި ބަރަކާތް ލައްވަވާކަމާއި ކިތަންމެ ތަނަވަސް ނަމަވެސް ބޭވަފާތެރިވާނަމަ ހީވެސް ނުކުރެވޭފަދަ ބޮޑެތި ގެއްލުންތައް ކުރިމަތިވާކަން އެންމެންވެސް ޤަބޫލުކުރެއެވެ. އެކަމުގެ ވާހަކަތައްވެސް ދައްކައެވެ. އެހެންކަމާއިއެކުވެސް ސަމާލުކަން ދެވެނީ ވަރަށް މަދުމީހަކަށެވެ.  

އޮތީ ކަންބޮޑުވުމެއް ނޫނެވެ. އެކަމުގެ ވާހަކަ ދެއްކުމެއްވެސް ނޫނެވެ. އޮތީ ކޮންމެ މީހަކުވެސް ތިމާ އިޞްލާޙްވާން މަސައްކަތްކުރުމެވެ. އެނޫން އެއްވެސް ޙައްލެއް މިކަމުގައި އޮތްކަމަކަށް ނުފެނެއެވެ.  

ތިރީގައިވާ ވާހަކައަކީވެސް މިގޮތުން ފާހަގަކޮށްލެވޭފަދަ ޢިބްރަތްތެރި ވާހަކައެކެވެ.  

ލީޒާއަކީ ވަރަށް ތަނަވަސް އަންހެނެކެވެ. މައިންބަފައިން ނިޔާވުމުން މުދައު ބަހައިގެން ލިބުނީ މަދު އަދަދެއްގެ ފައިސާކޮޅަކާއި ކުޑަވަރެއްގެ ގެއެއް ނަމަވެސް އޭނާގެ އަމިއްލަ މަސައްކަތުން ވަނީ ތަނަވަސްކަން ހޯދައިފައެވެ.  

ކައިވެނިކޮށް ދަރިއަކު ލިބި ދަރިފުޅުގެ އުމުރުން އެއިރު 5 އަހަރެވެ. ފިރިމީހާ އެއިރު އުޅުނީ އޭނާގެ ވިޔަފާރި ހިންގުމުގައި އިސް މީހެއްގެ ގޮތުންނެވެ. ލީޒާއަކީ އަބަދުވެސް ދުރަށް ވިސްނައިގެން ކަންކަންކުރާ އަންހެނަކަށްވާތީ އެއްވެސް ކަމެއްގައި ހުރިހާ ބާރުތަކެއް ފިރިމީހާއަކަށް ނުދެއެވެ. ފިރިމީހާ ދިއައީ ހުރިހާ ބާރުތަކެއް އޭނާއަށް ދިނުމަށް ތަކުރާރުކޮށް އެދެމުންނެވެ. ނަމަވެސް ލީޒާ އެއަޑެއް ނުއަހައެވެ.  

އެކަން ބޮޑުވެގެން ލީޒާ ފިރިމީހާގެ ކިބައިން އެދުނީ އަމިއްލަ ވިޔަފާރިއެއް ފެށުމަށެވެ. އަދި ފަށަން ބޭނުންވާ ފައިސާ މިލިއަނުންވެސް ދީފާނެ ކަމަށް ބުންޏެވެ. އެހެންވެ އަމިއްލައަށް މިލިއަނަރަކަށްވެވޭތީ ފިރިމީހާ ހުރީ ވަރަށް އުފަލުންނެވެ.  

އެއްދުވަހަކު ލީޒާ އާއި ބައްދަލުވި އޭނާގެ ކުރީގެ އެކުވެރި އަންހެނެއްގެ ކިބައިން އެނގުނީ ލީޒާގެ ފިރިމީހާއަކީ ހިލޭ އަންހެނަކާއި ގުޅިގެން އުޅޭ މީހެއްކަމާއި އެއީ ފައިސާއަށް ވަރަށް ދަހިވެތި އަންހެނެއް ކަމެވެ. އެހެންކަމުން ފިރިމީހާ އާއިމެދު ސަމާލުވުމަށްވެސް އޭނާ ނަޞޭޙަތްދިނެވެ.  

ލީޒާ ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް "ރެޑްހޭންޑްކޮށް" ފިރިމީހާ އަތުލައިގަތުމަށެވެ. އެހެންވެ އެއަންހެން މީހާގެ ގޭދޮށުގައި ފާރަވެރިން ބައިތިއްބައިގެން ފިރިމީހާ އެގެއަށް ގޮސްއުޅޭ ވަގުތުތައް ބެލުމަށްފަހު އެއް ރޭ ފިރިމީހާއަށްވުރެ ކުރިން ލީޒާ އެގެއަށް ވަދެ އަންހެން މީހާ އާއި ބައްދަލުކުރިއެވެ.  

ލީޒާ ބުންޏެވެ. "ކަލޭ ހިލޭ ފިރިހެނުން ގެންގުޅޭ ސަބަބު އެނގެއެވެ. އެއީ ކަލޭ ކްރެޑިޓްކާޑަށް ދަރާއޮތް 10000 ޑޮލަރު ނުދެއްކިގެން ނޫންހެއްޔެވެ؟ އަހަރެންގެ ފިރިމީހާ ކަލެއަށް ދުވާލަކުދޭ މަދުފައިސާކޮޅުން އެކަމެއް ނުކުރެވޭނެއެވެ. ނަމަވެސް ކަލޭ އަހަރެންނަށް އެހީތެރިވެއްޖެ ނަމަ މިގެއިން ނުކުންނާނީ އެކަންކޮށްދީފައެވެ.   

ކަލޭކޮށްދޭންވީ ކަމަކީ ކަލޭގެ ކޮޓަރީގައި އަހަރެން ފޮރުވައިދޭށެވެ. ފިރިމީހާ އައުމުން އެހެންޏާވެސް ކަންކަންކުރާގޮތަކަށް ކަންކަންކުރާށެވެ. އަހަރެން ބަލަންހުރިކަމާއިމެދު ވިސްނުމެއް ނެތިއެވެ. އަހަރެން ކަލޭ ބޭޒާރެއް ނުކުރާނަމެވެ. ވަގުތުން ފައިސާވެސް ދޭނަމެވެ."  

ފައިސާއަށް ދަހިވެތިވެފައިގހުރިވަރު ބޮޑުކަމުން ލީޒާގެ ހުށަހެޅުން ވަގުތުން އޭނާ ޤަބޫލުކުރިއެވެ. އިރުކޮޅަކުން ފިރިމީހާ އަތުވެއްޖެއެވެ. ދެމީހުން ލޯބިކޮށްލުމަށްފަހު ޢާންމުކޮށް އެކުރާ ކަންކަން ކުރަން ފަށައިފިއެވެ. ލީޒާ މަޑުމަޑުން ކައިރިއަށްގޮސް ފިރިމީހާގެ ގައިގާ ކޮއްޓައިލިއެވެ. ފިރިމީހާ ސިއްސައިގެން ތެދުވި ބާރުކަމުން ހީވީ ފުންމައިގަންނަން އުޅޭހެންނެވެ.  

ލީޒާ ބުނެލިއެވެ. "ދެމީހުންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ! އެކައުންޓް ބަލާލާ. ވައުދު އޮންނާނީ ފުއްދައިފަ. ސީޔޫ." ބުނެފަ މަޑުވެސްކޮށްނުލައި ނުކުމެގެން ދިއައީއެވެ.  

ލީޒާގެ ފިރިމީހާ ކުށްވެރިކުރީ އެއަންހެންމީހާއެވެ. "ކަލޭ ކެތްމަދުވީއެވެ. 2،3 ދުވަސް ވަންދެންވެސް މަޑުކޮށްލިނަމަ އަހަރެންނަށް މިލިއަނަރަކަށްވާނެއެވެ. ކަލެއަށް މާގިނަ ފައިސާ ލިބޭނެއެވެ. އަހަރެމެންނަށް ނުލާހިކު ލޯބިން އުފަލުގައި ދުނިޔޭގައި އުޅެވުނީހެވެ."

ޖަވާބުގައި އަންހެންމީހާ ބުންޏެވެ. "އަދިވެސް ކެތްމަދުމިވީ އަހަރެންގެއެވެ. ތިއަ ހުވަފެންދައްކާތާ މިހާރު ކިހައިދުވަހެއް ވެއްޖެހެއްޔެވެ؟"  

ލީޒާ ގެއަށް ދިއަތާ ކުޑައިރުކޮޅެއްފަހުން ފިރިމީހާ ގޮސް ލީޒާގެ ކިބައިން މާފުހޯދަން ވާހަކަތައް ދައްކަން ފެށުމުން ލީޒާ ބުންޏެވެ. "މަންމަ ބުނެފައި އޮތީ ނުއެނގި، ޤަޞްދަކާއި ނުލައި ކުރެވޭ ކުށްތަކަށް މާފުކުރާށެވެ. ޚިޔާނާތްތެރިއަކަށް ދެވަނަ ފަހަރަށް ބަލައިވެސްނުލާށެވެ. އަހަރެން އަމަލުކުރާނީ މަންމަގެ ނަޞޭހަތަށެވެ. ވަރިވާން ކޯޓަށް މާދަމާ ހުށަހަޅާނަމެވެ. ކަލޭގެ އަތުގައި ފައިސާ ނެތަސް ކަލޭގެ އަތުން ރަނގަޅު ބަދަލެއް ކޯޓުން ނަގައިދޭން ޖެހޭނެވަރަށް ހެކިވަނީ ހޯދިފައެވެ. ދެން އަވަހަށް މިގެއިން ނުކުމެގެންދާށެވެ."  

މިވާހަކަ ކިޔާފައި އަޅުގަނޑުގެ ހިތަށް އެރި އެއްޗެތި ވަރަށް ގިނައެވެ. ތިމާ ދެކެލޯބިވާ ތަނަވަސް ބައިވެރިއަކު ލިބުމަކީ އަންހެނަކަށްވެސް، އަދި ފިރިހެނަކަށްވެސް ލިބޭނެ އެންމެ ބޮޑު ނަޞީބެވެ. ލީޒާއަކީ ފިރިމީހާދެކެ ކިހާލޯބިވާ އަންތބެއް ހެއްޔެވެ؟ ފިރިމީހާއަށް އަމިއްލަ ވިޔަފާރިއެއް ފަށައިދޭން މިލިއަނުން ފައިސާދޭންވެސް  އެހުރީ ތައްޔާރަށެވެ. ނަމަވެސް ފިރިމީހާގެ ކިބައިގައި އެއްވެސް އިޚްލާޞްތެރިކަމެއް ނެތުމުން އެބޮޑު ނިޢްމަތް ގެއްލިގެންދިއަ ގޮތް ނިކަން ދެކިލަބަލާށެވެ!  

އާނއެކެވެ. މީ މިރާއްޖޭގައި ހިނގާފައިވާ ކަމެއް ނޫނެވެ. ނަމަވެސް މިރާއްޖޭގައިވެސް ހަމަ މިފަދަ ކަންކަން ހިނގަނީ މަދަކުން ނޫނެވެ. ރާއްޖޭގައިވެސް ހަމަ ގިނައީ ﷲ ދެއްވަވާ ނިޢްމަތަށް ޝުކުރުވެރިނުވެވޭ މީހުން ނޫންތޯއެވެ؟  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކައިން ފައިދާ ކުރާނެ ކަމަށް އުންމީދުކުރަމެވެ.

 

- ޤަމަރިއްޔަތު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން