ނަރުހުންނަކީ ދެމެހެއްޓެނިވި ޞިއްޙީ ފަރުވާގެ ނިޒާމުގެ ބިންގާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ނަރުހުންނަކީ ބަލި މީހުންނަށް ފަރުވާ ދިނުމާއި ބަލިން ރައްކާތެރި އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އަދި ދުނިޔެއަށް ދިމާވާ ގޮންޖެހުންތައް އިތުރުވަމުންއަންނައިރު ނަރުހުންގެ ދައުރު ކުރިއަށްވުރެ މުހިންމުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ނަރުހުންނަކީ ދެމެހެއްޓެނިވި ޞިއްޙީ ނިޒާމެއްގެ ބިންގާ ކަމަށެވެ. އަދި ނަރުހުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދީ އެ ދާއިރާގައި މަސައްކަތް ކުރާ ވަކިވަކި ނަރުހުންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަސައްކަތުގެ މާހައުލު ރަނގަޅުކޮށް، ލިބޭ އިނާޢަތްތައް އިތުރުކުރުމާއި ސިޔާސަތުތައް ހަރުދަނާކޮށް ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ހަރުދަނާ ޞިއްޙީ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް އެމަނިކުފާނު ޤަބޫލުކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމަށް ނަރުހުން ކޮށްދެއްވާ އަގުހުރި ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ. ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 12ވަނަ ދުވަހުއެވެ.