ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މުހިންމު އިސްލާހެއް ހުށަހަޅައިފިއެވެ. މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވި މައިގަނޑު ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ އެލްޖީއޭގެ ހިންގުން މިހާރަށްވުރެ ހަރުދަނާކުރުމެވެ. އެގޮތުން އެ އޮތޯރިޓީގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމަށް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނު އޮތްގޮތުން އެލްޖީއޭގެ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ އެންމެހައި ބާރުތަކެއް ދީފައިވަނީ އެ އޮތޯރިޓީގެ ބޯޑަށެވެ. ނަމަވެސް އައު އިސްލާހާއެކު މި ނިޒާމަށް ބަދަލު އައިސް، މުވައްޒަފުންގެ ކަންކަން ސިވިލް ސަރވިސް ކޮމިޝަނުގެ ދަށަށް ބަދަލުވެގެންދާނެއެވެ.
މީގެ އިތުރުން، މި އިސްލާހުގެ ދަށުން ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ހިދުމަތްތަކަށްވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން ކައުންސިލްތަކުން ދޭންޖެހޭ ހިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ހިމެނުމަކީވެސް މި ގާނޫނަށް އިސްލާހު ގެނައުމުގެ އެއް ބޭނުން ކަމަށް ސަރުކާރުން ބަޔާންކުރެއެވެ.
އެލްޖީއޭއަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރާއްޖޭގެ ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ބަލައި، އެ ކަންކަން ވިލަރެސްކުރުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ މައި އިދާރާއެވެ.