މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން، ޑްރާފްޓް އެޕްލިކޭޝަންތަކާއެކު މިހާތަނަށް 37,000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ، މިހާތަނަށް ބޯހިޔާވަހިކަމަށް އެދި ފުރިހަމަކޮށް ހުށަހަޅާފައިވަނީ 20,000 ފޯމު ކަމަށެވެ. އަދި ހުށަހެޅުމުގެ މަރުހަލާގައި ނުވަތަ ޑްރާފްޓް މަރުހަލާގައި އިތުރު 17,000 ފޯމު އެބައޮތް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި ނަންބަރުތަކުން ދައްކުވައިދެނީ ރާއްޖޭގައި ބޯހިޔާވަހިކަމުގެ ދަތިކަން އޮތް މިންވަރާއި، ރައްޔިތުން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މިންވަރެވެ. މިފަހަރުގެ ޕްރޮގްރާމުގައި ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު ދީފައިވަނީ ވަކި އުސޫލުތަކެއްގެ ދަށުން ކޮންޓްރޯލް ކުރެވިގެންނެވެ.
"މި ނަންބަރުން ދައްކުވައިދެނީ ބޯހިޔާވަހިކަމުގެ ދަތިކަން ނުވަތަ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މީހުންގެ އަދަދު. މިފަހަރުގެ ޕްރޮގްރާމުގައި މި ލިބެނީ ދެމަފިރިންގެ ތެރެއިން އެއްވެސް ފަރާތެއްގެ ބޯހިޔާވަހިކަމެއް ނޫނީ ބިމެއް ނެތް ކަމަށްވާ ނަމަ. އެގޮތަށް ކޮންޓްރޯލްކޮށްގެން ކުރިއަށް ގެންދާއިރުވެސް މިހާ ބައިވަރު އެޕްލިކޭޝަންތައް ލިބުން ދޭހަކޮށްދެނީ އެކަމަށް ބޭނުންވެފައިވާ ފަރާތްތައް ގިނަކަން،" ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. މި މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.