ޞިއްޙީ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މުޅި ރާއްޖޭގައި ޖުމްލަ 3,907 ނަރުހުން ދަނީ ޚިދުމަތް ދެމުންނެވެ. މީގެ ތެރޭގައި ހިމެނެނީ 3,593 އަންހެން ނަރުހުންނާއި 314 ފިރިހެން ނަރުހުންނެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ 64 އިންސައްތައަކީ ދިވެހިންނެވެ. އަދި ބިދޭސީ ނަރުހުންގެ ނިސްބަތަކީ 36 އިންސައްތައެވެ.
ނަރުހުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބެހިފައިވާ ގޮތަށް ބަލާއިރު، މާލެ ސަރަހައްދުގައި 1,989 ނަރުހުން މަސައްކަތް ކުރަމުންދެއެވެ. މިއީ ޖުމްލަ ނަރުހުންގެ 51 އިންސައްތައެވެ. އަތޮޅުތެރޭގެ ރަށްތަކުގައި 1,918 ނަރުހުން ޚިދުމަތް ދެމުންދާއިރު، މިއީ ޖުމްލަ ނިސްބަތުގެ 49 އިންސައްތައެވެ.
ނަރުހުންގެ ޚިދުމަތްތައް ފުޅާކޮށް، އެ ފަންނު ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2018 ވަނަ އަހަރު ނަރުހުންގެ އޮނިގަނޑު އެކުލަވާލައި، ނަރުހުންގެ ކެރިއަރ ޕާތުވޭއާއި މުސާރައިގެ އޮނިގަނޑަށް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. މި އިޞްލާޙުތަކާއެކު ނަރުހުންނަށް ވަޒީފާގެ ކުރިއެރުން ލިބޭނެ މަގުތައް ވަނީ ތަރުތީބުކުރެވިފައެވެ.
މި އަހަރުގެ ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އަޅުގަނޑުމެންގެ ނަރުހުން، އަޅުގަނޑުމެންގެ ކުރިމަގު- ބާރުވެރި ނަރުހުން ފުރާނަ ސަލާމަތްކޮށްދޭ" މިއެވެ. މި ޝިއާރުން ރަމްޒުކޮށްދެނީ ޞިއްޙީ ނިޒާމު ވަރުގަދަކޮށް ދެމެހެއްޓުމުގައި ނަރުހުން އަދާކުރާ މުހިންމު އަދި ބޭނުންތެރި ދައުރެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ ނަރުހުންގެ ފަންނަކީ މުޖުތަމަޢުގައި އިޙްތިރާމް ލިބިގެންވާ، އަދި ކުރިއެރުމުގެ ފުރުޞަތުތައް ފުޅާދާއިރާއެއްގައި ތަނަވަސްވެފައިވާ ދާއިރާއަކަށް ހެދުމެވެ.