ނަރުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެ ދާއިރާގެ ކުރިއެރުމަށް އިންވެސްޓްކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޚާއްޞަ މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި ވިދާޅުވީ، ޞިއްޙީ ނިޒާމުގެ މައިބަދައަކީ ނަރުހުންކަން ޤަބޫލުކޮށް، ނަރުހުންގެ ސާބިތުކަމާއި ހުނަރުވެރިކަން ފާހަގަކޮށް އެކަން ބަލައިގަންނަން ޖެހޭކަމަށެވެ. ނަރުހުންގެ ވަރުބަލިކަމެއްނެތް ޚިދުމަތާއި އިޚްލާޞްތެރި މަސައްކަތުގެ ސަބަބުން، ކޮންމެ ދުވަހަކުވެސް ބަލިމީހުންނަށް އުފާވެރިކަމާއި، ޢާއިލާތަކަށް އުންމީދު، އަދި މުޖުތަމަޢަށް ދުޅަހެޔޮކަން ލިބިގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިޢާރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ، މި ޝިޢާރަކީ ނަރުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ކުރިއެރުމަށް އިންވެސްޓްކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ވަރުގަދަ މެސެޖެއް ކަމަށެވެ. މީގެ ތެރޭގައި ބަލިތަކުން ރައްކާތެރިވުމާއި، މަސައްކަތްކުރާނެ ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމާއި، އިތުރަށް ތަޢުލީމު ހާސިލްކޮށް ލީޑަޝިޕްގެ ދާއިރާއިން ކުރިއަށްދިއުމުގެ ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ނަރުހުން ކުރައްވާ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކަށާއި، އޯގާތެރިކަމާއި އަނެކުންނަށް އަޅާލުމުގައި ދައްކަވާ ނަމޫނާ ސާބިތުކަމަށްޓަކައި، ހުރިހާ ނަރުހުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިޚްލާޞްތެރި ޝުކުރެއް ދަންނަވާފައެވެ.