މާލެ ސަރަހައްދުގައި އިތުރު ހައުސިން ޔުނިޓު އެޅުމަށް ބޭނުންވާ ބިން ހޯދުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
މާލެ ސަރަހައްދުގައި އިތުރު ހައުސިން ޔުނިޓު އެޅުމަށް ބޭނުންވާ ބިން ހޯދުމުގެ މަސައްކަތް ފަށައިފި

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މާލެ ސަރަހައްދުން މިހާރު ލިބިފައި ހުރި ބިންތަކުގައި އެޅޭނީ 10,700 ހައުސިން ޔުނިޓު ކަމަށާއި، އިތުރު ޔުނިޓުތައް އެޅުމަށް ބޭނުންވާ ބިން ހޯދުމަށް އެޗްޑީސީއާ ވާހަކަދައްކަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތޮލިބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ދަރަނި ހުރި ގޮތުން ބޭރުގެ އެހީ އާއި ބޭރު ފައިސާ ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ތަފާތު "އިނޮވޭޓިވް" ނުވަތަ އައު އުކުޅުތައް ބޭނުންކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މާލޭ ސަރަހައްދުގައި ޖުމްލަ 12,000 ހައުސިން ޔުނިޓު އެޅޭނެ ކަމަށް މީގެ ކުރިން ލަފާކޮށްފައި ވީނަމަވެސް، މިވަގުތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ބިންތަކުގެ ތަފުސީލަށް ބަލާއިރު އެޅެން އޮތީ 10,700 ޔުނިޓު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ޔުނިޓުތަކުގެ ތެރެއިން 3,260 ޔުނިޓެއްގެ އަމަލީ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަން އޭނާ ހާމަކުރެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ބޯހިޔާވަހިކަމުގެ އަމާޒަށް ވާސިލުވުމަށްޓަކައި އެޗްޑީސީގެ ބިންތަކުގެ އިތުރުން މާލޭގައި ހުރި ބިންތަކުގެ ތެރެއިން ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބޭނުންކުރެވޭނެ ބިންތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މިއީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު އޮންލައިން