ކޯޓު އަމުރަކާ ހިލާފުވި ކަމަށް ބުނާ މައްސަލައެއްގައި 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން މިއަދު ޖަލަށް ލައިފިއެވެ.
މި ދެ ނޫސްވެރިން ޖަލަށް ލާފައިވަނީ ގަޒުފުކުރިކަމުގެ ތުހުމަތުގައި 'އަދަދު' ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ހިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ. މި މައްސަލާގައި މިއަދު އެ ދެ ނޫސްވެރިން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު، މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.
'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދެ ނޫސްވެރިން ވެސް މިހާރު ޖަލަށް ލާފައިވާ ކަމަށާއި، އެމީހުން ހައްޔަރުކުރީ ތުހުމަތުތަކާ މެދު ދިފާއުވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށެވެ. ކޯޓުގެ ނިންމުމާ އެއްގޮތަށް ލީވާން 10 ދުވަހަށް ޖަލަށް ލާފައިވާއިރު، ޝަހުޒާން ޖަލަށް ލާފައި ވަނީ 15 ދުވަހުގެ މުއްދަތަށެވެ.
މި މައްސަލައަކީ 'އަދަދު' ނޫހުން ފެތުރި ޑޮކިއުމަންޓްރީއަކާ ގުޅިގެން އުފެދިފައިވާ މައްސަލައެކެވެ. އެ ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ވަނީ ވަކި ގޮތެއް ކަނޑައަޅަންދެން އެ ވީޑިއޯ ދައުރު ނުކުރުމަށާއި، އޭގައިވާ ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އަމުރުކޮށްފައެވެ. މީގެ އިތުރުން ޝަރީއަތާ ގުޅުންހުރި ލިޔުންތަކާއި ވާހަކަތައް ނުފެތުރުމަށް ވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ނޫސްވެރިޔާ ލީވާން ކޯޓަށް ހާޒިރުކުރީ ކޯޓުން ނެރުނު އަމުރާ ގުޅޭ ހަބަރެއް ލިޔެގެން ކަމަށް ބުނެއެވެ. އަދި ޝަހުޒާން ހާޒިރުކޮށްފައިވަނީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލުކުރުމުގެ ތެރެއިން ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ.
މިކަމާ ގުޅިގެން ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.