ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ނަމޫނާއަކަށް ރާއްޖެ ވާނެ: ވަޒީރު އިހުސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ނަމޫނާއަކަށް ރާއްޖެ ވާނެ: ވަޒީރު އިހުސާން

މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ނިމޭއިރު، ބައިނަލްއަޤްވާމީ ފެންވަރުގައި ބިދޭސީ މަސައްކަތްތެރިންގެ ކަންކަން އެންމެ ރަނގަޅަށް ބަލަހައްޓާ އެއް ޤައުމަށް ރާއްޖެ ވެގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު އިހުސާން ވިދާޅުވީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަރަށް އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭ ހުރިހާ އެންމެން ހޯދައި، މިއަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުގެ ކުރިން ޑީޕޯޓުކުރުމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރު ނިމޭއިރު، ރާއްޖެ ވެގެންދާނީ ރައްޔިތުން އިތުބާރުކުރާ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ބަލާއިރުވެސް ބިދޭސީ މަސައްކަތްތެރިންގެ ކަންކަން އެންމެ ފުރިހަމައަށް އިންތިޒާމުކޮށްފައިވާ އެއް ޤައުމަށެވެ.

ދުނިޔޭގެ ނިސްބަތުން މިކަން އެންމެ ރަނގަޅަށް ބަލަހައްޓާ ސިންގަޕޫރާއި ދުބާއީ ފަދަ ޤައުމުތަކުގެ މިސާލު ދައްކަވަމުން ވަޒީރު ވިދާޅުވީ، އެ ޤައުމުތަކުގައި ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ނިސްބަތް ހުންނަ މިންވަރަށް ރާއްޖޭގެ ހާލަތު ބަދަލުކުރުމަކީ އަމާޒެއް ކަމަށެވެ.

"އަޅުގަނޑުމެން މިހާރު 2 ޕަސެންޓަށް މި ވެއްޓުނީ. އެއްވެސް ވަރަކަށް ދައުލަތަށް ނުފެނި، ޑޮކިއުމެންޓްތައް ދިމާނުވާ މީހުން، އޭތި 1 ޕަސެންޓަށް ދަށްކުރުމަކީ ޓާގެޓަކީ،" ވަޒީރު އިހުސާން ވިދާޅުވިއެވެ.

ސަރުކާރުގެ މި އަމާޒަށް ވާސިލުވުމަށްޓަކައި، ބިދޭސީންގެ ބަޔޯމެޓްރިކް މަޢުލޫމާތު އެއްކުރުމާއި، ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމުގެ ޚާއްޞަ އޮޕަރޭޝަންތަކެއް މުޅި ރާއްޖޭގައި މިހާރުވެސް ދަނީ ހިންގަމުންނެވެ.

މިއަދު އޮންލައިން