މައިމީހާގެ އުރަމައްޗަށް އެރޭކިރަކީ ދަރިފުޅަށް ދެއްވަވާ ރިޒުޤް! އެރިޒުޤް ދަރިފުޅަށް ދޭން އިންކާރުކޮށް ގާތުން ނުދިނީމާ 2 އުރަމަތި ނަގަން ޖެހުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 3ސ
މައިމީހާގެ އުރަމައްޗަށް އެރޭކިރަކީ ދަރިފުޅަށް ދެއްވަވާ ރިޒުޤް! އެރިޒުޤް ދަރިފުޅަށް ދޭން އިންކާރުކޮށް ގާތުން ނުދިނީމާ 2 އުރަމަތި ނަގަން ޖެހުނު އަންހެނެއްގެ ވާހަކަ-

ތިރީގައިވާ ވާހަކައަކީ ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ. އުރަމަތީގަ ހުރިނަމަ ތުއްތު ދަރިފުޅަށް ގާތުން ދިނުމަކީ އެންމެ ބޮޑު ވާޖިބެވެ. ހަމައެކަނި ގާތުން ދިނުމުގައެއް ނޫނެވެ. ތުއްތު ދަރިންނަށް ދޭންޖެހޭ ޙައްޤުތަކުން މަޙްރޫމް ކުރުވާނަމަ އެކަން އެމީހަކާ ދުނިޔޭގައިވެސް ބައްދަލުކުރާނެކަން ވިސްނިލައްވާނެއެވެ. ކަންކަން ކޮންމެ މީހަކާއި ބައްދަލުކުރާނީ އެއްގޮތަކަށް ނޫނެވެ. ނުއެނގެނީ ނިކަމެތިކުރައްވަވާނެ ވަޤުތަކާއި ނިކަމެތިކުރައްވަވާނެ ގޮތެކެވެ.  

ރީތިކަން ދެއްވަވަނީ ﷲ ތަޢާލާއެވެ. އެރީތިކަން އަނބުރާ ގެންދެވުމަށް ކުޅަދުންވަންތައެވެ. ރީތިކަން ދަމަހައްޓަން އެތައް މަސައްކަތަކާ ބޮޑެތި ޚަރަދުތައްކުރާއިރުވެސް ރީތިކަން ގެއްލޭ ސަބަބާއިމެދު ވިސްނައިލުމުން މިކަންކަން އެނގޭނެއެވެ.  

ޙާދިސާ ވިދާޅުވެލައްވާށެވެ!  

އަހަރެންގެ އެކުވެރިޔާއަކީ ތަނަވަސް ޒުވާނެކެވެ. ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅެމުންދިއަ މީހެކެވެ. ދަރިއަކު ލިބުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެމަފިރިން ވަރިވެއްޖެއެވެ. ދަރިފުޅު ދޫކޮށްލާފައި އަނބިމީހާ ގެއިން ނުކުމެގެން ހިނގައްޖެއެވެ.  

އެކަން އެނގުމުންވެސް ވީގޮތަކާއިމެދު ސުވާލުކޮށްލަންވެސް ނުކެރުނީ އެކުވެރިޔާގެ ހިތުގައި ނުބައި ޝައްކެއް އުފެދިދާނެތީއެވެ. އެހެން ހުއްޓައި އެއްދުވަހަކު ސްޕަމޯލަކުން ބައްދަލުވެގެން ފިނިބުއިމަކަށް ދެމީހުން އެތަނުގެ ކެފޭއަކަށްވަދެލީމެވެ.  

އެކުވެރިޔާގެ ފުރަތަމަ ސުވާލަކަށްވެސްވީ ރަނގަޅު މުސާރައެއް ދީފިނަމަ ދަރިފުޅު ބަލައިދީފާނަންތޯއެވެ؟ ޖަވާބުގައި މުސާރައެއް ނުދިން ނަމަވެސް ބަލައިދީފާނަން ކަމަށް ބުނީމެވެ. "އެކުވެރިޔާއަށް ބޭނުމެއް ޖެހުނު ދުވަހު ހެޔޮހިތުން ޚިދުމަތްކޮށްދޭނަމެވެ. ޔުނިގައި އެކުގައި އުޅުނުއިރު ޓިޔުޝަންފީ ނުދެއްކިގެން ކަންބޮޑުވާންޖެހުނު ފަހަރުތަކުގައި އެކުވެރިޔާ ވެދިން އެހީގެ އަގު އުމުރަށްވެސް ހަނދާންކުރާނަމެވެ."  

ކޮންމެއަކަސް އެކުވެރިޔާގެ އެދުމަށް އެގެއަށް ގޮސް ދަރިފުޅު ބަލައިދޭންފެށީމެވެ. އެގޮތުން ދެމީހުންގެ މެދުގައި ގާތްކަން އިތުރަށް އުފެދި ސުވާލުކޮށްލާނެ ފުރުޞަތެއް ލިބުނު ފަހަރަކު ކައިވެނި ރޫޅި އެކަނި ދަރިފުޅު ބަލަން ޖެހުނު ސަބަބާއިމެދު ސުވާލުކޮށްލުމުން ރޮމުން ކިޔައިދިނެވެ.  

މައިމީހާ، ވަކިވެގެންދިއައީ އެންމެ ފަހަރަކުވެސް ގާތުން ދަރިފުޅަށް ކިރުތިއްކެއްވެސް ނުދީއެވެ. ހޮސްޕިޓަލުގައި އޮތްއިރު ޑޮކްޓަރުން އާދޭސްކުރުމުންވެސް ޤަބޫލެއް ނުކުރިއެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި ނުދެނީއެވެ. ސަބަބު އެނގުނީ ގެއަށް އާދެވުނުފަހުން އޭނާ ފޯނުން ކޮށްފަހުރި މެސެޖްތަކެއް ފެނުމުންނެވެ. ގާތުން ނުދިނީ އޭނާގެ ސިފަ ހުތުރުވެދާނެތީއެވެ. އުރަމަތީގެ ހަންގަނޑުދޫވެ އުރަމަތީގައި ރޫޖެހިދާނެތީއެވެ.  

އެއިރުވެސް އޭނާހުރީ ހަމަ އަހަރެންފަދަ ތަނަވަސް އެހެން މީހަކާއި ގުޅިގެންނެވެ. ކައިވެންޏަށްފަހުވެސް ދެމީހުން އައީ ސިއްރުން ގުޅުން ހިންގަމުންނެވެ. މިހުރިހާ ކަންކަން އެނގުމުން ވަރިކޮށްފައި ފޮނުވާލަން މަޖުބޫރުވީއެވެ. އެއީ ދަރިފުޅަށް ދެވޭ އަނިޔާއަކަށްވެދާނެކަންވެސް ވިސްނުނެވެ. ނަމަވެސް ދަރިފުޅަށް ގާތުން ނުދިނުމަށްވުރެ ބޮޑު އަނިޔާއެއް ދަރިފުޅަށް ނުދެވޭނެތީ ދަރިފުޅަށްޓަކައިވެސް ގެންގުޅުމުގެ ބޭނުމެއް ނެތްކަމަށް ވިސްނުނީއެވެ.  

ބޮޑަށް ބުރަވެވުނީ ދަރިފުޅުދެކެ އެއްވެސް ވަރަކަށް ލޯބިވާނަމަ ގާތުން ނުދީ ނުހުންނާނެ ކަމަށެވެ. ވީމާ ދަރިފުޅު ދެކެ ލޯބިނުވާ މައެއްގެ ކިބައިން ދަރިފުޅަށް ލިބޭނެ ލޯތްބެއްވެސް ނުއޮންނާނެ ކަމަށެވެ. ފޮނުވައިލީ އެހެންވެގެންނެވެ.  

އަދިވެސް ބުނަން ހެއްޔެވެ؟ ދަރިފުޅަށް ގާތުން ނުދިންތަނުގައި ބުއްފުޅިވެސް ނުދެއެވެ. ބުނީ އެއީ އަހަރެން ބޭނުންވެގެން ހޯދި ދަރިއެއް ކަމަށާއި ބުއްފުޅިވެސް ދޭންޖެހޭނީ އަހަރެން ކަމަށެވެ. ނުބައި މަންމައިން ތިބޭ ވާހަކަވެސް އަޑުއަހަމެވެ. ނަމަވެސް މިވަރުގެ ނުބައި މައިން ވަރަށް މަދުވާނެއެވެ.

އެއިގެ ފަހަކުން އެކަމުގެ ވާހަކައެއް ނުދައްކަމެވެ. ސުވާލެއްވެސް ނުކުރަމެވެ. ދަރިފުޅު ބަލައިދެމުން ގެންދިއައީއެވެ. ދުވަސްތައް ފާއިއތުވަމުން ގޮސް ދަރިފުޅަށް އަހަރުފުރެން ގާތްވެފައި ހުއްޓާ ބުނީ ދަރިފުޅުގެ އުފަންދުވަހު ދަރިފުޅަށް ވަރަށް ޚާއްޞަ ހަދިޔާއެއް ދޭން ބޭނުންވާކަމަށާއި އެހަދިޔާ ދެވެން އޮތީ އެކަމަށް އަހަރެންވެސް ރުހިގެން ކަމަށެވެ.  

އެބުނި ބަހުގެ މާނަ ވިސްނުނެވެ. އެހެންވެ ޖަވާބުގައި ބުނީމެވެ. "ދަރިފުޅަށް ދޭންޖެހޭ ހަދިޔާއެއް ދިނުމުގައި އެއްވެސް ހުރަހަކަށް ނުވާނަމެވެ. ބަނޑުއަޅައި ނުވިހެއި ނަމަވެސް ބަލަމުންގޮސް މިހާރު އެއީ ހަމަ އަހަރެންގެވެސް ދަރިއެކެވެ. އެހައިވެސް ލޯބިވެއެވެ." ދަރިފުޅުގެ ފުރަތަމަ އުފަންދުވަސް ހެދީ ދެމީހުންގެ ކައިވެނިކުރި ދުވަހަށެވެ. އެއީ ދެމީހުންވެސް އެކަން ކުރަން ބޭނުންވިގޮތެވެ.

އެއިގެ 2 އަހަރު ފަހެވެ. ދަރިފުޅުގެ 3 ވަނަ އުފަންދުވަހެވެ. ކައިވެނީގެ 2 ވަނަ އަހަރީ ދުވަހެވެ. ދުވަސް ފާހަގަކޮށްލަން ކައިރީ ސިޓީއަކަށްދިއުމަށްޓަކާ ގެއިން ނުކުންނަން ދޮރުހުޅުވާލިއިރު ދަރިފުޅުގެ މަންމަ ދޮރުމަތީގައި ހުއްޓެވެ. 2 އުރަމައްޗަށް ކެންސަރުޖެހި، 2 އުރަމަތި ނަގަންޖެހިގެން ބޭސްފަރުވާއަށް ސަލާންޖަހާށެވެ.

ފިރިމީހާ ބުނީ އަތަށް އެންމެ ޑޮލަރެއްވެސް ނުދޭނެ ކަމަށެވެ. ނަމަވެސް އޭނާގެ ބަނޑުގައި ދަރިފުޅު އޮތްކަމަށްޓަކައި ބޭސްފަރުވާ ކޮށްދޭނެ ކަމަށެވެ. ބޭނުން ހޮސްޕިޓަލަކަށް ގޮސްފައި އަންގާލުމުން ހޮސްޕިޓަލުގެ ބިލް ދައްކައިދޭނެ ކަމަށެވެ. ފައިސާ ހޯދަން ދަރިފުޅުގެ ބައްޕަ އާއި ނުގުޅުމަށާއި ދެވަނަ މަންމައަށް ގުޅުމަށެވެ. 

އަހަރެން ހީކުރީ ތަނަވަސް ލޯބިވެރިޔާއަށްޓަކާ ގާތުން ދަރިފުޅަށް ކިރުދޭން ދެކޮޅު ހަދައި ދަރިފުޅު ގާތުން ބުއިމުން މަޙްރޫމްކުރުވި ވާހަކަދައްކާނެ ކަމަށެވެ. ގެންގުޅުނު ތަނަވަސް ލޯބިވެރިޔާ ކޮބައިތޯ ސުވާލުކުރާނެ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ސުވާލެއް ނުކުރެއެވެ.  

އަހަރެން މިވާހަކަ މިކިޔައިދިނީ ކޮންމެހެން އަހަރެންގެ ރަނގަޅުވާހަކަ ދައްކަންވެގެނެއް ނޫނެވެ. ނޫނީ ތަނަވަސް މީހެއްގެ އަންތބަކަށް ވެވިގެން ފަޚުރުވެރިވާކަށްވެސް ނޫނެވެ. ކޮންމެ ނިޢްމަތަކީވެސް ކޮންމެ ވަގުތަކުވެސް ގެއްލިދާނެ އެއްޗެއްކަން ވަރަށް ބޮޑަށް ޤަބޫލުކުރަމެވެ.  

ލޮބުވެތި އުޚުތުންނޭވެ! ދަރިން ވިހެއުމުން އުރަމަތީގައި ލައްވަވާ ކިރަކީ މައިމިހާގެ ޙައްޤެއް ނޫނެވެ. އެއީ އެދަރިފުޅަށް ﷲ ދެއްވަވާ ރިޒްޤެވެ. މައިމީހާ އާއި ދަރިފުޅުގެ ރިޒްޤް ޙަވާލުކުރެއްވެވީމާ އެއިގެ މައްޗަށް އަމިއްލަ ބާރުހިންގަން ހެޔޮނުވާނެ ނޫން ހެއްޔެވެ؟  

އޭނާ ރޫޖެހިދާނެތީ ގާތުން ނުދިން 2 އުރަމަތި އެޖެހުނީ ނަގާށެވެ! ނެގީމާ ދެން ރުލެއްވެސް ނުޖެހޭނެތާއެވެ! މިހިރީ ހަމަ ކޮންމެ އަންހެނަކުވެސް ވިސްނައިލުނ މުހިންމު ކަންކަމެވެ.  

މިވާހަކަ ސޯޝަލްމީޑިއާއިން ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާ މިކުރަނީ ކިތަންމެ މަދުން ނަމަވެސް މިބާވަތުގެ މައިން އަޅުގަނޑުމެންގެ ތެރޭގައިވެސް ތިބުމުންނެވެ. ދުވަސްކޮޅަކު ގާތުންދީފައި ރޫޖެހިދާނެތީ ގާތުން ދިނުން ހުއްޓައިލި 2 އަންހެނެއްގެ ވާހަކަ ވަނީ އަޑުއިވިފައެވެ. މިހިރީ ވަރަށް ހިތާމަހުރި ކަންކަމެވެ.  

އަޅުގަނޑުގެ މަންމަ 12 ދަރިންނަށް ގާތުން ދިނެވެ. އަޅުގަނޑު އަދި ދިނީ 2 ކުދިންނަށެވެ. އެކަމަކު މިހާރުވެސް މަންމަ ހުންނަލެއް އަޅުގަނޑަށްވުރެ މާ ރީއްޗެވެ. އެއީވެސް ހަމަ ﷲ ދެއްވަވާ ނިޢްމަތެކެވެ.

 

- ޝިބާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން