އެދެމަފިރިންގެ ކައިވެންޏަށް އެއިރު ކިރިޔާ އަހަރެއްވީއެވެ. އަނބިމީހާގެ ވިސްނުމަކީ ކޮންމެ ގޮތަކުން ނަމަވެސް ފިރިމީހާގެ ބޮޑު ކުށެއް ހޯދައި އޭނާގެ ތަނަވަސްކަމުން ބައެއް ލިބިގަތުމެވެ. އެއީ އެކަން އެގޮތަށް ކުރެވޭނެ ގޮތަށް ކައިވެނީގެ އެއްބަސްވުމުގައި ބަޔާންކޮށްފައި އޮތީމައެވެ.
އަނބިމީހާ އޭނާއަށްވުރެ މާރީތި މާޒުވާން އަންހެންކުއްޖަކު ހޯދައިގެން ގެއަށް ގެނައެވެ. މަސައްކަތު ކުއްޖެއްގެ ގޮތުގައެވެ. އެއީ ފަޤީރު އަދި އެހާމައްޗަށް ކިޔެފައިހުރި ކުއްޖެއް ނޫންނަމަވެސް އޭނާއަށް މަހަކު 12000 ރުފިޔާގެ މުސާރައެއް ދޭނެކަމަށް ބުނުމުން ޢޭނާހުރީ އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. މާނައަކީ މިއުޅެނީ ބޮޑުކަމަކާއި ކުރިމަތިވާންކަމާއި އެކަމުގައި ޘާބިތުވާންޖެހޭނެކަމަށް ވިސްނައިގެންނެވެ.
ގެއަށް ގެންދިއައިންސުރެ ކޮންމެ ދުވަހަކުވެސް އޭނާގެ ފިރިމީހާގެ ރަނގަޅުކަމުގެ ވާހަކަތައް ކިޔައިދެއެވެ. ފިރިއެއްގެ ގޮތުން އޭނާއަށްވުރެ ރަނގަޅު މީހަކު ނުލިބޭނެ ކަމަށްވެސް ބުނެއެވެ. އެއީ ނޯކަރުގެ ހިތުގައި ފިރިމީހާގެ މައްޗަށް ޝައުޤުވެރިކަން އުފެއްދުވުމަށެވެ. ހަމަ އެއާއިއެކު ވެރިމީހާއާއިއެކު އެއްދާން ނުކުރާތީ އެކަންހުރި ގޮތް ނުއެނގުނު ނަމަވެސް ދެން ދައްކަނީ ޙަޤީޤީ ވާހަކަތައްކަން ނޯކަރަށް ޔަޤީންކުރެވެއެވެ. އެއީ ވެރިމީހާގެ ޢަމަލުތަކުން އެކަންކަން ފެންނާތީއެވެ. ދެމަފިރިން ލޯބިން އެކުގައި އުޅޭތަން ފެންނާތީއެވެ.
ދުވަސްކޮޅަކަށްފަހު ނޯކަރުގެ ގާތުގައި ބުނީ ދެއަންތބަށް ކައިވެނިކުރެވޭނެ ކަމަށާއި ފިރިމީހާއާއި ގާތްކަން އުފެއްދުމަށެވެ. އެކަމަށް ބާރުއަޅަން ފެށުމުން ނޯކަރު އެކަމަށް މަސައްކަތްފެށިއެވެ. ނަމަވެސް ޤަޞްދަކީ ދެއަންތބަށް ކައިވެނިކުރުމެއް ނޫނެވެ. ވެރިމީހާ މިލްކުކުރުމެވެ.
ދެމީހުން ރަނގަޅަށް މަޅީގައި ޖެހިއްޖެކަން އެނގުމުން ދެމީހުން އެކުގައި ރޭކުރުވަން އަނބިމީހާ މަސައްކަތްފެށިއެވެ. ނޯކަރުހުރީ އެކަމަށް ހޭލުންތެރިވެގެންނެވެ. އެހެން ހުއްޓައި ވެރިމީހާގެ ކިބައިން އެކަމަށް ދަޢުވަތުލިބުމުން ނޯކަރު ފުރުޞަތުގެ ބޭނުން ހިފިއެވެ. ބުނީ ކައިވެނިނުކޮށް އެއްދާން ނުކުރާނެ ކަމަށެވެ. ލިބޭ މުސާރައަށްވުރެ ޢިއްފަތްތެރިކަން މާމުހިންމު ކަމަށެވެ.
އެއިރު ފިރިމީހާ ހުރީ ނޯކަރަށް އިންތިހާއަށް ހިތްޖެހިފައެވެ. އެކަން ނޯކަރަށް އެނގެއެވެ. އެހެންވެ ދެއަންތބަށް ކައިވެނިކުރުމުގެ ވާހަކަ ދެއްކުމުން ބުނީ އެއީ ޤަބޫލުކުރާނެ ކަމެއް ނޫންކަމަށެވެ. ދުވަސްކޮޅެއްވާއިރަށް މައްސަލަޖެހި ބޮޑު ކަންތައް ގަނޑަކަށް އެކަންވެގެންދާނެ ކަމަށެވެ.
ފިރިމީހާ ނިންމީ އަނބިމީހާ ވަރިކުރުމަށެވެ. އެހެންވެ ވަރިކޮށް ގެއިން ފޮނުވައިލުމަށްފަހު ނޯކަރާއި ކައިވެނިކުރީއެވެ. އަނބިމީހާ ގެއިން ނުކުތީ ރޮމުންނެވެ. ސަބަބަކީ ޖައްސުވަން އުޅުނު މަޅީގައި ފިރިމީހާ ނުޖެހި ހުރިހާ ދެރައެއް އޭނާއަށް ލިބުމެވެ. ނަގަން ބޭނުންވި ފޮޓޯ ނެގުމުގެ ފުރުޞަތު ނުލިބި އަދި ފިރިމީހާގެ ތަނަވަސްކަމުން ޛައްރެއްގެ މިންވަރުވެސް ނުލިބި ގެއިން ނުކުންނަން ޖެހުނީތީއެވެ. ތަނަވަސްކަމުގައި ޢުމުރަށް އިންނަން ލިބުނު ފުރުޞަތު އަތުން ބީވެގެންދިއައީތީއެވެ.
މިއީ ވަރަށް ފަހުން ހިނގާފައިވާ ކަމެކެވެ. އެކުވެރި އުޚުތުންނަށް މިޙާދިސާގައި މުހިންމު ފިލާވަޅުތަކެއް ވެއެވެ. އަމިއްލައަށް ވިސްނާލައި ޢިބްރަތް ޙާޞިލުކުރާށެވެ.
- ޖަމީ / މިއަދުނޫހުގެ ކިޔުންތެރިއެއް