ރާއްޖެއަށް ބިދޭސީން އެތެރެކުރުމުގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދިއުމަށްޓަކައި، ކުރިއެކޭ އެއްގޮތަށް އެޖެންސީތައް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ. މިގޮތުން ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ރާއްޖެއަށް ބިދޭސީން އެތެރެކުރުމުގައި ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި މައްސަލަތަކަށް ވަޒީރު ވަނީ އަލިއަޅުއްވާލައްވާފައެވެ.
ވަޒީރު އިޙްސާން ފާހަގަކުރެއްވި ގޮތުގައި، ކުރިން އެޖެންސީތައް މެދުވެރިވެގެން ރާއްޖެއަށް ބިދޭސީން އެތެރެކުރުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، 2005 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ދެމެދު އެޖެންސީތަކުގެ ދައުރު ވަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ. މީގެ ސަބަބުން ބިދޭސީން ގެނައުމުގެ ނިޒާމަށް އެކި ކަހަލަ ލޮޅުންތައް އަރާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ މިހާރުގެ އަމާޒަކީ މިހާރު ކުރިއަށްދާ "ކުރަނގި" އޮޕަރޭޝަން ނިމުމަކަށް އަންނައިރު، އޭޖެންސީތައް މެދުވެރިކޮށް ބިދޭސީން އެތެރެކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ. މި އާ ނިޒާމާއެކު، ގާނޫނީ އޮނިގަނޑުގެ ތެރެއިން ރާއްޖެއަށް ބިދޭސީން ގެންނަ ފަރާތްތައް މިހާރަށްވުރެ ބޮޑަށް ޒިންމާދާރުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ބަދަލާއެކު ގަވާއިދާ ޚިލާފަށް ބިދޭސީން ރާއްޖެއަށް އެތެރެކުރުމާއި، އުސޫލުތަކާ ޚިލާފުވުމަށް އޮތް ފުރުސަތުތައް ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށްވެސް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.